04 Mar 2013, 11:26
އެޗްއައިވީއާ އެކު އެމެރިކާގައި އުފަންވި ތުއްތު އަންހެން ކުއްޖަކަށް "ސްޓެންޑާޑް ޑުރަގް ތެރަޕީ" ގެ އެހީގައި ޝިފާއެއް ލިބިފައިވާ ކަމަށް ޓެސްޓުތަކުން ދައްކައިފި އެވެ.
ސިއްހީ ދާއިރާއިން ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ރިސާޗް އިންސްޓިޓިއުޓް ކަމަށްވާ އެމެރިކާގެ ޖޯން ހޮޕްކިންސް ޔުނިވާސިޓީއިން ބުނީ އުމުރުން އެއް އަހަރުން ފެށިގެން މިސިސިޕީއަށް އުފަން ތުއްތުކުއްޖާއަށް "ސްޓެންޑާޑް ޑުރަގް ތެރަޕީ" ގެ ފަރުވާ ދެމުން އަންނަ ކަމަށާއި، މިހާރު އެކުއްޖާގެ އުމުރުން ދެއަހަރާ ބައި ވެފައިވާއިރު، ކުއްޖާގެ ގައިން އެޗްއައިވީގެ އަލާމާތެއް ފެނިފައި ނުވާ ކަމަށެވެ.
ޖޯން ހޮޕްކިންސްއިން ބުނީ މިޓެސްޓްތަކުގެ ނަތީޖާ ކަށަވަރުކުރުމަށް އެޗްއައިވީއާ އެކު އުފަންވާ އިތުރު ކުދިންނަށް ފަރުވާދީގެން ޓެސްޓްކުރަން ޖެހޭނެ ކަމަށާއި، މިފަރުވާގެ ސަބަބުން ޝިފާއެއް ލިބޭކަން ޔަގީންކުރެވޭނީ އޭރުން ކަމަށެވެ.
ނުރައްކާތެރި ބައްޔެއް ކަމަށްވާ އެއިޑްސްގެ ވައިރަސްއަކީ މަންމަގެ ގައިން ދަރިފުޅުގެ ގަޔަށް ވާރުތަވާ ވައިރަސްއެކެވެ. މިވައިރަހަށް ކިޔަނީ "ހިއުމަން އިމިއުނޯޑެފިޝެންސީ ވައިރަސް" (އެޗްއައިވީ) އެވެ. މިވައިރަސް ގައިގެ ތެރޭގައި ހަރަކާތްތެރިވަނީ އިންސާނާގެ އިމިއުން ސިސްޓަމް ބަލިކަށި ކޮށްލުމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިސިސިޕީއަށް އުފަންވި ކުއްޖާ އުފަންވިތާ 30 ގަޑި އިރު ނުވަނީސް ޑޮކްޓަރުން ވަނީ މިހާރުވެސް ބާޒާރުގައި ލިބެން ހުރި "ސްޓެންޑާޑް ޑުރަގް ތެރަޕީ" ގެ ބޭސް ބޭނުންކޮށްގެން ކުއްޖާއަށް ފަރުވާ ދޭން ފަށާފަ އެވެ.
މިދިރާސާއިން ދައްކާ ގޮތުގައި އެޗްއައިވީއަށް ހަށިގަނޑުގެ ތެރޭގައި ރަނގަޅަށް އަށަގަނެވުމުގެ ކުރިން ވައިރަސް ބޭރުކޮށްލުމުގެ ފުރުސަތު ބޮޑެވެ.
މިއީ މީގެ ކުރިންވެސް މަސައްކަތްކުރާނެ ކަމަށް ބައެއް ސައެންސްވެރިން ބުނަމުން އައި ކޮންސެޕްޓެކެވެ.
ކޮންފަރަންސް އޮން ރެޓްރޯވައިރަސަސް އެންޑް އޮޕޮޗުނިސްޓިކް އިންފެކްޝަންސްގައި ވާހަކަދައްކަވަމުން ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ވައިރޮލޮޖިސްޓެއް ކަމަށްވާ ޑރ. ޑެބޯރާ ޕާސޯޑް ވިދާޅުވީ ތުއްތު އިރުގައި ފަރުވާ ދޭން ފަށައިފި ނަމަ ތުއްތު ކުދިންނަށް ވިހެއުމުގައި ހުންނަ އެޗްއައިވީއިން ސަލާމަތްވެވޭނެ ކަމުގެ ކޮންސެޕްޓަކީ ރަނގަޅޮ ކޮންސެޕްޓެއް ކަން މިހާރު ބަލައިގަނެވޭ ކަމަށެވެ.
މީގެ ކުރިން އެޗްއައިވީ އިން ޝިފާއެއް ލިބިފައިވަނީ އެންމެ ފަރާތަކަށެވެ. އެއީ 2007 ވަނަ އަހަރު އެޗްއައިވީގެ އިތުރުން ލޭގެ ކެންސަރު (ލިއުކީމިއާ) ޖެހިފައިވާ ޓިމޮތީ ރޭ ބުރައުން އެވެ. ބުރައުންއަށް ފަރުވާ ދީފައި ވަނީ ޓިމޮތީގެ އިމިއުން ސިސްޓަމް ހަލާކުކޮށްލުމަށްފަހު، ސްޓެމް ސެލް ޓްރާންސްޕްލާންޓެއްގެ އެހީގައެވެ. ނަމަވެސް މިފަރުވާއަކީ ލޭގެ ކެންސަރަށް ހާއްސަ ފަރުވާއެއް ކަމުން، އެޗްއައިވީ އިން ސަލާމަތްވުމަށް މިފަރުވާ ބޭނުމެއް ނުކުރެވެ އެވެ.