04 Mar 2013, 11:25
ތިރީސް ހާހަށް ވުރެ ގިނަ ރުފިޔާ އާއި މަސްތުވާތަކެއްޗާ އެކު 18 އަހަރުން ދަށުގެ ކުއްޖަކާއި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 15 އަހަރުގެ ކުއްޖަކާއި 18 އަހަރުގެ ކުއްޖެއް ކަމަށެވެ. އަދި އެ ދެ މީހުން ރޭ 7:00 އެހާކަންހާއިރު ހައްޔަރުކުރީ ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން މާލެ ތެރެ ޕެޓްރޯލް ކުރަމުންދަނިކޮށް އެ ދެ މީހުންގެ ޢަމަލުތައް ހުރި ގޮތުން ކަމަށެވެ.
ފުލުހުން ބުނީ އެ ދެ މީހުން މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތުކުރެވިގެން ބަލައި ފާސްކުރުމަށް ފުލުހުން ވެހިކަލް އިން ފޭބި ވަގުތު ފުލުހުންނަށް ފިލަން މަސައްކަތްކުރަނިކޮށް ސްޓާ ސިނަމާ ކައިރިން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރު ކުރި ދެ މީހުން ބަލާ ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބްލެޓް ސައިޒްގެ ރަބަރު ޕެކެޓް ފެނިފައި ވަނީ އެ ދެމީހުން ބަލައި ފާސްކުރި އިރު އުމުރުން 18 އަހަރުގެ މީހާގެ އަތުން ފެނުނު ފައިސާތަކުގެ ތެރެއިން ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ އެ ދެމީހުންގެ އަތުން 39،000ރ. އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށެވެ.