އުމުރުން 15 އަހަރުގެ ކުއްޖެއްގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވެ، އެކުއްޖާގެ ގައިގައި 100 އެތި ފަހަރުން ހައްދު ޖެހުމަށް ޖުވެނައިލް ކޯޓުން ހުކުމް ކުރި މައްސަލައަކީ ކަޅާއި ހުދުން ވަކިކުރެވޭނެ މައްސަލައަކަށް ވުރެން ބޮޑު މައްސަލައެކެވެ.

އެމައްސަލައިގައި މިހާތަނަށް ތަފާތު ގޮތް ގޮތަށް ވާހަކަ ދެކެވެމުން އެބަދެ އެވެ.

އެއް ވާހަކައަކީ އިސްލާމީ ޝަރީއަތުގައި ޒިނޭކުރުމުގެ ހުކުމަކީ ހައްދު ޖެހުން ކަމުން، އެގޮތަށް އެކަން ކުރެވެން ޖެހޭނެ ކަމަށް ބުނެ ދެކެވޭ ވާހަކަތަކެވެ. މިއީ އިސްލާމީ ޝަރީއަތް ރާއްޖޭގައި ގާއިމުކުރުމަށް ވަކާލާތުކުރަމުންދާ ފަރާތްތަކުން ދެކޭ ގޮތެވެ.

އަނެއް ވާހަކައަކީ ގާނޫނީ ގޮތުން ބަލާއިރު ކުޑަ ކުއްޖެއް ކަމުގައި ބެލެވޭ އުމުރުގެ ކުއްޖެއްގެ ގައިގައި ހައްދު ޖަހައިގެން ނުވާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތަކެވެ. މިއީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރަން މަސައްކަތް ކުރާ ފަރާތްތަކުން ދެކޭ ގޮތެވެ.

ދެން އެންމެ ފަހު ވާހަކައެއްގެ ގޮތުން ފާހަގަކުރެވޭ ވާހަކައަކީ ހައްދު ޖެހުމަކީ "ލާއިންސާނީ، ދަށު ދަރަޖައިގެ އަނިޔާވެރި" އަދަބެއް ކަމަށް ބުނެ، އެއްވެސް މީހެއްގެ ގައިގައި ހައްދު ޖަހައިގެން ނުވާނެ ކަމަށް ދެކެވޭ ވާހަކަތަކެވެ. މިއީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރަމުންދާ އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ބައެއް ޖަމިއްޔާތަކުން ވަކާލާތު ކުރަމުންދާ ގޮތެވެ.

މައްސަލައަކީ އަރައިރުންވުން ބޮޑު މައްސަލައެކެވެ. އެހެން ނަމަވެސް، ދެރަ ތަންކޮޅަކީ މިއަރައިރުންގަނޑުގެ ތެރޭގައި މައްސަލައިގެ އަސްލު އަހަރެމެން އެންމެންނަށް ވެސް އޮޅިގެން ދިއުމެވެ.

އަޅުގަނޑަށް ފެންނަ ފެނުމުގައި މިމައްސަލައާ ގުޅިގެން އުފެދޭ ސުވާލަކީ ހައްދު ޖަހާނީ ތޯ ނުވަތަ ނުޖަހާނީ ތޯ އުފެދޭ ސުވާލެއް ނޫނެވެ.

އޭގެ ބަދަލުގައި އުފެދޭ ސުވާލަކީ، އުމުރުން ނުވަ އަހަރުން ފެށިގެން އެކިއެކި ފަރާތްތަކުގެ އަތުން ޖިންސީ އަނިޔާ ލިބި، ދޮން ބައްޕަގެ އަތްދަށުން ޖިންސީ އަނިޔާގެ ޝިކާރައަކަށްވި އިރު، އުފަން މައިމީހާގެ ފަރާތުން ރައްކާތެރިކަން ނުލިބުނު ކުއްޖަކާ މެދު ކަންތައް ކުރެވުނު ގޮތުގެ ސުވާލެވެ. މިއީ ކުރުން މާ އެކަށީގެންވާ ސުވާލެއް ނޫން ތޯ އެވެ.

އެކުއްޖާގެ މައްޗަށް ހައްދު ޖެހުމަށް ހުކުމްކުރީ، އެކުއްޖާ އަމިއްލައަށް ރުހުމުގައި އެހެން މީހަކާއެކު ޖިންސީ ގުޅުން ހިންގި ކަމަށް އިއުތިރާފްވުމުންނެވެ. ޒިނޭގެ ދައުވާއަށް އެކުއްޖާ އިއުތިރާފްވީއިރު، އެކުއްޖާގެ ނަފްސާނީ ހާލަތަށް ރިއާޔަތްކުރުން އެއީ މުހިއްމު ކަމެއް ނޫން ތޯ އެވެ.

އަހަރުތަކެއް ވަންދެން ކުޑަކުއްޖަކަށް މިގޮތަށް އަނިޔާ ލިބި ލިބި ހުރެ، އެކުއްޖާ ބޮޑުވެގެން އަންނާނީ މުޖުތަމައުއެއްގައި އެހެން ކުދިން ބޮޑުވެގެން އަންނަ ގޮތާ ތަފާތުކޮށް ކަމަށް ކަމާ ބެހޭ ތަޖުރިބާކާރުން ބުނެ އެވެ.

ނަންހާމަ ނުކުރުމަށް އެދި، ސަން އަން މައުލޫމާތު ދެއްވި ސައިކޮލޮޖިސްޓެއް ވިދާޅުވީ އެފަދަ މާހައުލެއްގައި، ޖިންސީ އަނިޔާ ލިބެމުން ކުއްޖެއް ބޮޑުވެގެން އަންނައިރު، އެކުއްޖާ ގަބޫލުކުރާ ކަންތަކާއި، މުޖުތަމައެއްގައި ބަލައިގަނެވޭ މިންގަނޑުތަކާ މެދު ތަފާތުތަކެއް ހުންނާނެ ކަމަށެވެ.

"އެކަހަލަ މާހައުލެއްގައި ކުއްޖަކު ބޮޑުވާއިރު، އެކުއްޖާގެ ނޯމްސް ވަރަށް ތަފާތު ވާނެ. ބައްޕަގެ މަގާމުގައި ހުރި ފަރާތުން އަނިޔާކޮށް، މަންމަގެ ފަރާތުން ރައްކާތެރިކަމެއް ނުލިބުނު. އެއީ އެންމެ ބޮޑު ބިޓްރޭޔަލް. ނަފްސާނީ ގެއްލުން ވަރަށް ބޮޑަށް ލިބިފައި ހުންނާނީ. ޓްރަސްޓް އިޝޫސް (އެހެން މީހުނަށް އިތުބާރުކުރުމުގެ މައްސަލަތައް) ހުންނާނެ. ސެލްފް އެސްޓީމް (އަމިއްލަ ނަފުސާ މެދު ދެކޭ ގޮތުގެ) މައްސަލަތައް ހުންނާނެ." އޭނާ ވިދާޅުވި އެވެ.

ނަފްސާނީ އިލްމުގެ އެހެން ތަޖްރިބާކާރަކު ވިދާޅުވީ، "ކުއްޖަކަށް ރަނގަޅަށް އަމިއްލަ ވިސްނުމުން ވިސްނައިގަންނާން ނޭނގޭ އުމުރުގައި އާއިލާގެ މީހަކު ޖިންސީ ގޯނާ ކުރާން ފަށައިފި ނަމަ، އެކުއްޖާއަށް އެއީ މާ ބޮޑު ކަމަކަށް ނުވާނެ. އަދި ރަނގަޅަށް ދީނުގެ ކަންތައްތައް ވެސް އޮޅުން ފިލުވައިދެވި، ރަނގަޅު އަގީދާއެއް ކުއްޖާގެ ކިބައިގައި އަށަގަތުމުގެ ކުރީން ޖިންސީ ކަންތައްތަކަށް ކުއްޖާ އާދަވެއްޖެ ނަމަ، ދީނުގައި މަނާ ކުރައްވާފައިވާ ޒިނޭގެ މަފްހޫމު، އަދި އެއީ ކިހާ ވަރެއްގެ ކަމެއް ކަމެއް ކުއްޖާއަކަށް ނޭނގޭނެ. އެހެންވީމާ މިފަދަ ކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގާން މީހަކު އުޅެފިނަމަ އެކުއްޖާގެ ރުހުމުގައި ވެސް އެފަދަ ކަމެއް ހިނގުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ. އަދި އެފަދަ ކުއްޖަކު އޭނާގެ އެފަދަ އަމަލުތަކުގެ ވާހަކަ އެހެން މީހުން ގާތު ވަރަށް ފާޅުގައި ދައްކާކަށް ޖެހިލުމެއް ނުވާނެ. އެއީ އޭނާއަށް އާދައިގެ ކަމަކަށް އެކަން ވެފައި އޮތީމާ. ވީމާ އެފަދަ ކުއްޖަކު ކަން ހިނގި ގޮތޭ ކިޔާފައި ދައްކާ ވާހަކައަކީ ޝަރީއަތުގައި އިއުތިރާފަށް ވޭތޯ، އެއީ ވެސް ނިންމާން ޖެހޭ ކަމެއް. ހަމަ ގައިމު ވެސް އެފަދަ ކުއްޖެއްގެ ވިސްނުމާއި ބުއްދި އަދި ނަފްސާނީ ހާލަތު ހުންނާނީކީ ރަނގަޅަކަށް ނޫން. ދީނުގެ އަގީދާ ރަނގަޅަށް އެނގި، ދީނުގައި ޒިނޭގެ ކަންތައް އޮތް ގޮތާއި، ޒިނޭއަކީ ކިހާވަރުގެ ކަމެއްކަން އެނގި ހުރެ، އަމިއްލަ އިހުތިޔާރުގައި ޒިނޭ ކުރާ ބޮޑު މީހަކާއި، ދީނުގެ ކަންތައް ރަނގަޅަށް ނޭގި ހުއްޓައި، ޅަ އުމުރުގައި އާއިލާގެ މީހުންގެ ފަރާތުން ތަކުރާރުކޮށް ޖިންސީ ގޯނާ ލިބިފައި ހުރި ކުއްޖަކު ހައްލާލައިގެން މީހަކު ކުރާ ކަމަކާ ވަރަށް ތަފާތުވާނެ،" ކަމަށެވެ.

މިފަދަ ހާލެއްގެ ހުރި ކުއްޖެއްގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމުން ތަހުގީގުކުރެވުނު ގޮތާ މެދުވެސް ސުވާލުތަކެއް އުފެދޭ ކަމަށް މަޝްހޫރު ގާނޫނީ ވަކީލާ އަލްއުސްތާޛާ ހިސާން ހުސައިން ވިދާޅުވެ އެވެ.

ޓުވިޓާގައި ހިސާން ވިދާޅުވެފައި ވަނީ ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ކުއްޖެއްގެ ބަޔާން ނަގާއިރު، އެކުއްޖާއާ ދެކޮޅަށް ދައުވާކުރުމުގެ ވިސްނުމުގައި އެކަން ކޮށްފައިވާ ކަމަށް ފެންނަ ކަމަށެވެ.

އަދި ޖިންސީ އަނިޔާގެ ޝިކާރައަކަށް އަހަރުތަކެއް ވަންދެން ވެފައިވާ ކުޑަކުއްޖެއްގެ ބަޔާން ނެގުމަށްފަހު، އެބަޔާނުގެ ތެރެއިން ކުއްޖާ ދެއްކި ވާހަކަތަކަށް އެކަނި ބަލައިގެން އެކުއްޖާގެ މައްޗަށް ދައުވާ ކުރެވިގެން ނުވާނެ ކަމަށް ހިސާން ވިދާޅުވެ އެވެ.

މިމައްސަލާގައި އެހެން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ބަންޑާރަ ނައިބު އަލްއުސްތާޛާ އާޒިމާ ޝަކޫރު ވެސް ވަނީ މިމައްސަލައިގައި ތަހުގީގީ ނިޒާމުގެ ތެރެއިން، އަދި ޖުޑީޝަރީގެ ތެރެއިން ގޯސްތަކެއް ހެދިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މިގޮތުން ބަލާއިރު، ތަހުގީގު މަރުހަލާގައި ގާނޫނީ ވަކީލަކު ނެތި ކުއްޖާގެ ބަޔާން ނެގުމުގެ އިތުރުން ނަފްސާނީ ގޮތުން ގެއްލުން ވެފައިވާ ކުއްޖެއްގެ ނަފްސާނީ ހާލަތު އަންގައިދޭ ރިޕޯޓެއް ޝަރީއަތަށް ހުށަހެޅިފައި ވަނިކޮށް އެއަށް ރިއާޔަތް ނުކޮށް ހަމައެކަނި އެކުއްޖގެ ވާހަކައަކީ އިއުތިރާފު ކަމަށް ބަލައިގެން ހުކުމްކުރުން ފަދަ މައްސަލަތައް އާޒިމާ ފާހަގަކުރައްވާފައި ވެއެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގެ ޝަރުއީ ނިޒާމުތަކަށް ބަލާއިރުވެސް، ނަފްސާނީ ގެއްލުންވެފައިވާ ފަރާތްތަކަށް ހާއްސަ ކަންތައްތަކެއް ކަނޑައަޅާފައި ހުރެ އެވެ. އަދަބު ދިނުމުުގައި، އަދި މިމައްސަލާގައި ވާ ފަދަ އިއުތިރާފް ބަޔާންތައް މާނަކުރުމުގައި ގެންގުޅޭ އުސޫލު އާންމު އުސޫލާ ތަފާތެވެ.

މިމައްސަލަ އިސްތިއުނާފު ކުރުމަށް ބަންޑާރަ ނައިބާއި އެކުއްޖާގެ ގާނޫނީ ވަކީލުން މަސައްކަތް ކުރަމުންދާއިރު، ދިވެހި ރާއްޖޭގައި ޖިންސީ އަނިޔާގެ ޝިކާރައަކަށް ވާ ފަރާތްތަކަށް އަދި ހާއްސަކޮށް ކުޑަކުދިންނަށް ލިބިގެންދާ ރައްކާތެރިކަމާ މެދު ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.

މިމައްސަލައަށް ބަލާއިރު ވެސް، ކުއްޖާ ރޭޕްކުރި ދޮންބައްޕަ އާއި، އެކަން ސިއްރުކޮށްގެން ހުރި މަންމަގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތްތައް ނިމި، އެމީހުންގެ މައްޗަށް ހުކުމެއް ކުރުމުގެ ކުރިން، އަނިޔާ ލިބުނު ފަރާތުގެ މައްޗަށް ހުކުމެއް މިވަނީ ކުރެވިފަ އެވެ.

މިމައްސަލައިގައި އުފައްދަންވީ ސުވާލަކީ ހައްދު ޖަހާނީތޯ ނުވަތަ ނޫންތޯ އެސުވާލެއް ނޫނެވެ. ދީނުގައި މަނާ ކުރައްވައިފައިވާ ޒިނޭއެއްގެ ޝަރުތު ފުރިހަމަ ވާ ޒިނޭއެއް، އެއީ ކިހާވަރެއްގެ ކަމެއްކަން އެނގި ހުރެ ކުރާ މީހާއަށް ދީނުގައި އޮންނަ ހުކުމް ކުރުމަކަށް ދެކޮޅު ހަދަނީކީ ނޫނެވެ. އެކަމަކު އެކުއްޖާގެ ނިސްބަތުގައި ބަލާއިރު ދީނީ ގޮތުން އެއީ ތަކުލީފު ލިބިގެންވާ މީހަކު ކުރި ޒިނޭއަކަށް ބެލޭނެތޯ އެއީ ހަމަ ކޮންމެހެން ވެސް ކުރާން ޖެހޭ ސުވާލެކެވެ.

މިމައްސަލައިގައި ކުރާންވީ ސުވާލަކީ އުމުރުން ނުވަ އަހަރުން ސުރެ، ކުއްޖާއަށް ރައްކާތެރިކަމާ އެހީތެރިކަން ދޭން ޖެހޭ ފަރާތްތަކުގެ އަތުން ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކުއްޖަކާ މެދު ކަންތައް ކުރެވެމުންދާ ގޮތުގެ ސުވާލެވެ.

އާއްމު ފަރާތަކުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ "މަންމަ އެކުއްޖާގެ ޅަދުވަސް ވަރު ބަރުބާދުކޮށްލީ. ދޮންބައްޕަ އެކުއްޖާގެ އިއްފަތްތެރިކަން ފޭރިގަތީ. ދައުލަތުން އެކުއްޖާގެ މުސްތަގުބަލު ބަރުބާދުކޮށްލީ،" ކަމަށެވެ.

ކަން ވެގެން ދިޔައީ އެހެން ނޫން ބާ އޭ، މިއީ ކޮށްލުން ރަނގަޅު ސުވާލެކެވެ.