04 Mar 2013, 10:14
ރާއްޖޭން ސޮއިކޮށްފައިވާ މުއާހަދާއެއް ކަމަށްވާ މޮންޓްރިއާލް ޕްރޮޓޮކޯލްގެ ދަށުން ރާއްޖެ އެތެރެކުރުން ހުއްޓާލަން ޖެހޭ ގޭސްތަކާ މެދު ކަސްޓަމްސްގެ އޮފިސަރުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ހިންގައިފި އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީ އާއި ޔޫއެން އެންވަޔަރްމެންޓް ޕްރޮޖެކްޓް (ޔުނެޕް) ގުޅިގެން ކަސްޓަމްސް ބިލްޑިންގްގައި އިއްޔެ އާއި މިއަދު ހިންގި ވޯކްޝޮޕްގައި ކަސްޓަމްސް އޮފިސަރުންނަށް މައުލޫމާތު ދިނީ ހައިޑްރޯ ކްލޮރޯ ފްލޮރޯ ކާބަން (އެޗްސީއެފްސީ) ގޭސްތައް ދެނެގަންނާނެ ގޮތާއި އެފަދަ ގޭސްތައް އެތެރެވިޔަ ނުދިނުމަށް މަސައްކަތްކުރާނެ ގޮތްތަކާ ބެހޭ ގޮތުންނެވެ.
އެޗްސީއެފްސީ ގޭހަކީ، އިރުން އަންނަ ނުރައްކާތެރި އަލްޓްރާ ވައިލެޓް (ޔޫވީ) ދޯދިތަކުން ދުނިޔޭގެ ދިރުންތައް ހިމާޔަތްކޮށްދޭ އޯޒޯން ފަށަލައަށް ގެއްލުންދޭ ގޭހެކެވެ. ރާއްޖޭގައި އެގޭސް ބޭނުންކުރަން ފަށާފައި ވަނީ އޯޒޯން ހިމާޔަތް ކުރުމަށް އެކުލަވާފައިވާ ބައިނަލް އަގުވާމީ މުއާހަދާ "މޮންޓްރިއާލް ޕްރޮޓޮކޯލް"ގެ ދަށުން 2008 ވަނަ އަހަރު ކްލޮރޯ ފްލޮރޯ ކާބަން (ސީއެފްސީ) ގޭސް ބޭނުންކުރުން ހުއްޓާލުމާ ގުޅިގެންނެވެ.
ސީއެފްސީ އަށް ވުރެ ގެއްލުން ކުޑަ ނަމަވެސް އޯޒޯންއަށް ގެއްލުންދޭ އެޗްސީއެފްސީ ގޭސްތައް ބޭނުން ކުރުން ވެސް މޮންޓްރިއާލް ޕްރޮޓޮކޯލްގެ ދަށުން ހުއްޓާލަން ޖެހެ އެވެ. މޮންޓްރިއާލް ޕްރޮޓޮކޯލްގެ ދަށުން އެގޭސް ބޭނުންކުރުން މުޅިން ހުއްޓާލަން ޖެހެނީ 2030 ވަނަ އަހަރު ކަމަށް ވިޔަސް އެގޭސް އެތެރެކޮށް ބޭނުންކުރުން އަންނަ އަހަރު ހުއްޓާލުމަށް ރާއްޖެއިން ވަނީ ނިންމާފަ އެވެ.
ކަސްޓަމްސް އޮފިސަރުންނަށް ހިންގި ދެ ދުވަހުގެ ވޯކްޝޮޕްގައި މައުލޫމާތު ދެއްވީ ޔުނެޕްގެ އޯޒޯން އެކްޝަން ނެޓްވޯކް ފޯ ސައުތު އޭޝިއާ އަތުލް ބަގާއީ އެވެ.
ވޯކްޝޮޕް ނިންމުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރްމެންޓް މިނިސްޓަރު މަރިޔަމް ޝަކީލާ ވިދާޅުވީ އެޗްސީއެފްސީ ބޭނުންކުރުން އަންނަ އަހަރު ހުއްޓާލަން ވާއިރަށް އޭގެ ބަދަލުގައި ބޭނުންކުރާނެ ގޭސްތަކާ މެދު ރައްޔިތުން ހޭލުންތެރިކުރުވައި، އެފަދަ ގޭސްތައް ރާއްޖޭގެ ބާޒާރުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.
އެޗްސީއެފްސީ ގޭސް މިހާރު ބޭނުންކުރަމުން ދަނީ އެއާކޮންޑިޝަނާތަކާއި ރެފްރިޖަރޭޓާތަކުގަ އެވެ.