ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީންގެ ވާކް ވިޒާއާ ބެހޭ ގަވާއިދު އިއްޔެ ގެޒެޓްކޮށްފި އެވެ.


އިމިގްރޭޝަން ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ގަވާއިދުގައިވާ ގޮތުން ރާއްޖެ އަށް ވަޒީފާ އަދާ ކުރުމަށް އަންނަ ކޮންމެ ބިދޭސީ އަކު، އެ މީހަކު އައުމުގެ 48 ގަޑިއިރު ކުރިން ޑިޕޮސިޓް ފައިސާ ޑިޕާޓް މަންޓް އޮފް އިމިގްރޭޝަން އެން އެމިގްރޭޝަނަށް ދައްކަން ޖެހެ އެވެ.


ޑިޕޮސިޓް ފައިސާ ނުދައްކައި ވަނިކޮށް ބިދޭސީ މީހާ ރާއްޖެ އަތުވެއްޖެ ނަމަ، އެމީހަކު ރާއްޖެ އަށް އެތެރެކުރެވޭނީ، ޑިޕޮސިޓް ފައިސާ އާއި ދެ ހާސް ރުފިޔާގެ ޖޫރިމަނާއެއް ނެގުމަށް ފަހުގައި ކަމަށާއި އަދި އެ ފައިސާ ނުދައްކައި ވުމުން ކުރެވޭ ޖޫރިމަނާގެ އިތުރުން އެ ފަރާތެއްގެ ނަމުގައި އެ ފަހަރަކު ރާއްޖެ އަށް އެތެރެކުރާ ކޮންމެ ބިދޭސީއަކަށް 500 ރުފިޔާގެ ޖޫރިމަނާއެއް ނެނގޭނެ ކަމަށް އެ ގަވައިދު ބުނެ އެވެ.


ވާކް ވިޒާ ކާޑު ހަދާދިނުމަށް ހަމަޖެހިފައި ވަނީ، ގަވައިދުގައިވާ ގޮތުން، އަހަރަކަށް 50 ރުފިޔާ ދެއްކުމުންނެވެ. އަދި ވާކް ވިޒާ ފީގެ ގޮތުގައި މަހަކަށް 250 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އެ ޤަވާއިދު ބުނެ އެވެ. ވާކް ވިޒާ ފީ ދެއްކުމަކީ ވަޒީފާ ދިން ފަރާތުގެ މަސްއޫލިއްޔަތެކެވެ. ވާކް ވިޒާގައި ހުރި މީހަކު ވީތަނެއް ނޭނގި ގެއްލިއްޖެ ނަމަ ނުވަތަ ފިލައިފި ނަމަ ހަތް ދުވަހުގެ ތެރޭގައި އެކަން ކަމާ ބެހޭ މުސްތަގިއްލު އިދާރާއަކަށް ހުށަހަޅަންވާނޭ ކަމަށް ގަވާއިދުގެ 17 ވަނަ މާއްދާގައިވެ އެވެ. އެ މައްދާއާ ހިލާފުވާ ފަރާތްތައް 2،000 ރުފިޔާ އާއި 50،000 ރުފިޔާ އާއި ދެމެދުގެ އަދަކުން ޖޫރިމަނާ ކުރާނެ ކަމަށް އެ ޤަވާއިދު ބުނެ އެވެ. އަދި އެކަން ހަތަރު ފަހަރު ތަކުރާރު ވެއްޖެ ނަމަ އެ ފަރާތުގެ ޒިންމާގެ ދަށުން އެއްވެސް މިދޭސީއަކު ރާއްޖެ އަށް އެތެރެކުރުމުގެ ހުއްދަ ނެދެވޭނެ ކަމަށް އެ މާއްދާ ބުނެ އެވެ.


އެ ގަވައިދުގައި ދިވެހިރާއްޖެ އަށް ވަޒީފާ އަދާކުރުމަށް އަންނަ މީހެއްގެ ކިބައިގައި ހުންނަންވާނެ ޝަރުތުތައް ވެސް ހިމަނާފައިވެ އެވެ. އަދި ރާއްޖެ އަށް އެތެރެކުރުމަށް ހުއްދަ ނުދެވޭނޭ ގިންތިތައް ވެސް ހިމަނާފައިވެ އެވެ.