ދާކާ (މާޗް 04): ބަންގްލަދޭޝްގެ އެންމެ ބޮޑު އިސްލާމީ ޕާޓީ ކަމަށްވާ ޖަމާއަތޭ އިސްލާމީގެ ނައިބު ޒަޢީމް ދިލާވަރު ޙުސައިން މެރުމަށް ކުރި ޙުކުމާ ގުޅިގެން ފާއިތުވި ފަސް ދުވަހުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި 62 މީހަކު މަރުވެ ސަތޭކަ އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެ އެވެ.

ބަންގްލަދޭޝްގެ ފުލުހުން ބުނި ގޮތުގައި މިހަމަނުޖެހުންތައް ހިނގާފައި ވަނީ ދިލާވަރު ޙުސައިންގެ "ޖަމާއަތޭ އިސްލާމީ" ޕާޓީ އަށް ތާއީދުކުރާ ޒުވާން އެކްޓިވިސްޓުން ފުލުހުންނަށް އޮއްގަލާއި ޕެޓްރޯލް ބޮމާއި އެނޫން ވެސް ބައެއް ތަކެތިން ޙަމަލާދީ ސަރުކާރުގެ ޢިމާރާތްތަކުގައި ހުޅުޖަހައި ހެދުމުގެ ސަބަބުންނެވެ. މިހަމަނުޖެހުންތައް މައިތިރި ކުރުމުގައި ފުލުހުން ނާކާމިޔާބު ވުމާގުޅިގެން ބަންގްލަދޭޝްގެ ސަރުކާރުން އިއްޔެ ވަނީ ހަމަނުޖެހުންތައް އެންމެ ބޮޑަށް ހިނގަމުންދިޔަ ވެރިރަށް ދާކާގެ މަގުތަކަށް ސިފައިން ގެ އެތައް ހާސްބަޔަކު ނެރެފަ އެވެ.

ސިފައިން ހިންގި ވަރުގަދަ އޮޕަރޭޝަންތަކުގައި ހަމަނުޖެހުންތައް ހިންގުމުގައި ޙަރަކާތްތެރިވި އެތައް ބަޔަކު ހައްޔަރުކުރުމާ އެކު މިއަދު ދާކާ އަށް ހިމޭންކަން އައިސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ދިލާވަރު ހުސައިންގެ މައްޗަށް މަރުގެ ޙުކުމް އިއްވުމާ އެކު ހަމަނުޖެހުންތައް އެންމެ ބޮޑަށް ހިނގާފައި ވަނީ ދާކާގެ އިތުރުން ޝިޓަގޮންގް އާއި ސިރަގަންގް އާއި ރަންޖިޕޫރާއި ދިނަޖިޕޫރުގައި ކަމަށް ޚަބަރު ލިބެ އެބެ.

ދިލާވަރު ޙުސައިންގެ މައްޗަށް މަރުގެ ޙުކުމް އިއްވާފައި ވަނީ 1971 ވަނަ އަހަރު ޕާކިސްތާނުގެ ކިބައިން މިނިވަންވުމަށް ބަންގްލަދޭޝްގެ ރައްޔިތުން ކުރި މިވަންކަމުގެ ހަނގުރާމައިގާ އާންމުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގުމުގައި އޭނާ ބައިވެރިވެފައިވާކަން ސާބިތުވުމުންނެވެ. މީގެ ތެރޭގައި މީހުން މެރުމާއި ތަންތަނުގައި ހުޅުޖެހުމާއި އަންހެނުން ރޭޕްކުރުމާއި ތަންތަން ލޫޓުވުންފަދަ ޖަރީމާތައް ހިމެނެ އެވެ. (ނޫސްއެޖެންސީތައް)