ކަރާޗީ (މާޗް 4): ޕާކިސްތާނުގެ ކަރާޗީގައި އިއްޔެ ހަވީރުދެބޮމެއް ގޮއްވާލުމުގެ ސަބަބުން 45 މީހަކު މަރުވެ 150 މީހުން ޒަޚަމްވެއްޖެ އެވެ.

ޕާކިސްތާން ފުލުހުން ބުނި ގޮތުގައި މީގެ ތެރެއިން އެއްބޮން ގޮއްވާލާފައި ވަނީ ކަރާޗީގެ ޝިޔަޢީންގެ އާބާދީ ބޮޑު ޢައްބާސް އަވަށުގެ މިސްކިތެއްގެ ކައިރީގަ އެވެ. ކާރުބޮމެއް ކަމަށް ބެލެވެވޭ މިގޮވުން ގޮއްވާލާފައި ވަނީ މީހަކު އަމިއްލައަށް މަރުވެގެން ކަމަށް ބެލެވޭ ކަމަށާއި އެބޮން ގޮއްވާލީ އެމިސްކިތުން އަސުރު ނަމާދުކޮށްގެން މީހުން ފޭބިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކަމަށް ފުލުހުންގެ އޮފިސަރެއް ކަމަށްވާ އަޒްހަރު އިޤްބާލް ވިދާޅުވި އެވެ. ދެވަނަ ބޮން ވެސް ގޮއްވާލާފައި ވަނީ އޭގެ ކުޑައިރުކޮޅެއްގެ ފަހުން ޢައްބާސް އަވަށުގައި ކަމަށް ކަރާޗީގެ ފުލުހުން ބުނެ އެވެ.

މިދެ ބޮން ވެސް ގޮއްވާލާފައި ވަނީ ޝިޔަޢީންނަށް އަމާޒުކޮށްގެން ކަމަށް ވާތީ މިއީ ސުންނީންގެ ހަރުކަށި ޖަމާއަތަކުން ދިން ޙަމަލާއެއް ކަމަށް ބެލެވޭ ކަމަށް ޕާކިސްތާނުގެ އަމްނާ ބެހޭ އިސް މަސްއޫލުވެރިއެއް ކަމަށްވާ ފައްޔާޒް ލިގަރީ ވިދާޅުވި އެވެ. ނަމަވެސް މިޙަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއްނުވެ އެވެ. މިދެބޮން ބޮންގޮއްވާލުމުގެ ސަބަބުން ޢައްބާސް އަވަށުގެ އެތައް ޢިމާރާތެއްގައި އަލިފާން ރޯވެ އެ ޢިމާރާތްތަކުގެ ބޮޑުބައެއް ހަލާކުވެފައިވާ އިރު ހަލާކުވި ޢިމާރާތްތަކުން ވެއްޓިފައިވާ ބައިތަކުގެ ދަށުވެފައިވާ އެތައް ބަޔަކު ވަނީ ސަލާމަތް ކޮށްފަ އެވެ. މަންޒަރުދުށް ފަރާތްތަކުން އެސަރަހައްދު ސިފަކޮށްފައި ވަނީ ބޮޑު ބިންހެލުމެއް އައިސްފައިވާ ސަރަހައްދެއްގެ ގޮތުގަ އެވެ.

ޕާކިސްތާނުގެ ހައްދުފަހަނަޅާފައިވާ ސުންނީ ހަނގުރާމަވެރިން ޖަމާއަތްތަކުން ޝިޔަޢީންނަށް އަމާޒުކޮށް ދެމުންގެންދާ ބޮމުގެ ޙަމަލާތައް މިފަހަކަށް އައިސް ވަނީ ވަރަށްބޮޑަށް އިތުރުވެފަ އެވެ. މިގޮތުން ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ބަލޫޗިސްތާނުގެ އެކި ސަރަޙައްދުތަކުގައި ޝިޔަޢީންނަށް އަމާޒުކޮށް ދީފައިވާ ބޮމާއި ބަޑީގެ ޙަމަލާތަކުގައި 200 އެއްހާ މީހުން މަރުވެފައިވާ އިރު އިތުރުބަޔަކު ވަނީ ޒަޚަމްވެފަ އެވެ. ބަލޫޗިސްތާނުގެ ކުއެޓާގެ މީހުން ތޮއްޖެހިފައިވާ ޝިޔަޢީންގެ ބާޒާރެއްގައި މިދިޔަ މަހު ގޮއްވާލި ބޮމުގެ ސަބަބުން 60 މީހުން މަރުވެފައިވާ އިރު އެހަމަލާގެ ޒިންމާ އުފުލާފައި ވަނީ ލަޗްކަރޭ ޖަންގީގެ ނަމުން ނަންދީފައިވާ ސުންނީ ޖަމާއަތަކުންނެވެ. އެ ޖަމާއަތުގެ ވެރިޔާ ޕާކިސްތާނުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

ޕާކިސްތާނުގެ އިޤްތިސާދީ މައިމަރުކަޒުގެ ގޮތުގައި ބެލެވޭ ކަރާޗީ އަކީ މަޛްހަބީ އަދި ނަސްލީ ހަމަނުޖެހުންތައް ވަރަށް ބޮޑު ރަށެކެވެ. އަށާރަ މިލިޔަން މީހުން ދިރިއުޅޭ ކަރާޗީގައި ހިންގާފައިވާ ހަމަނުޖެހުންތަކުގައި 2012 ވަނަ އަހަރު ވެސް 2284 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވެ އެވެ. (ނޫސްއެޖެންސީތައް)