ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމް ހަރުދާނާކޮށް އިސްލާހު ކުރުމަށާއި ޖިނާއީ ބޮޑެތި މައްސަލަތައް އަވަހަށް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯދުމަށް ޓަކައި ރައީސުލްޖުމްހޫރީއްޔާ އިސްނަންގަވައިގެން މަސައްކަތްޕުޅު ކުރައްވަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަދިި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ދިޓީވީ "ހަބަރު ތެރެއިން" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ރޭ ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމުގައި ވަރަށް ބޮޑެތި މައްސަލަތަކެއް އެބަ ހުރި ކަމަށެވެ. އަދި ކޮންމެ ސަބަބެއް މެދުވެރިވެގެން ކަމުގައި ވިޔަސް ދައުލަތުގެ މުއައްސަސާތަކުން ކުރަން ޖެހޭ ކަންތައްތައް ނުކުރެވި ލަސްވަމުންދާ ނަމަ އަދި އެއްވެސް ސަބަބަކާ ހުރެ އިންސާފުލިބުން ލަސްވަމުންދާ ނަމަ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރީއްޔާ އެ ކަންތައްތައް ހައްލު ކުރެއްވުމުގެ ޒިންމާ ނަންގަވަން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"މުޅި ޖިނާއީ އަދުލުގެ ނިޒާމުގައި އެބަހުރި މައްސަލަ ތަކެއް، އެބަހުރި ދަތިތަކެއް. އެކަމަކު ކޮންމެ ސަބަބަކާ ހެދި ވިޔަސް އަދުލްއިންސާފު ގާއިމް ނުކުރެވި ލަސްވާ ކަމަށް ވަންޏާ ދައުލަތް ހިންގަވަން ހުންނެވި ބޭފުޅަކު ޒިންމާ ނަންގަވައިގެން އެކަން އަވަސް ކުރައްވަން މަސައްކަތް ކުރައްވަން ވާނެ. އެއީ ވަކި ގޮތަކަށް މައްސަލަ ނިންމުމަކަށް ނޫން. އެއީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރީއްޔާއާ ހަވާލު ކުރައްވާފައި އޮތް ޒިންމާއެއް. ދައުލަތުގެ މުއައްސަސާތަކުގެ އެހެން އެއްވެސް މީހަކަށް މި ޒިންމާއެއް ނޫފުލޭނެ. އެއީ ރައީސުލްޖުމްހޫރީއްޔާ ކުރައްވަން ޖެހިވަޑައިގެންނަވާ ކަމެއް." ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމްގެ ތެރޭގައި ހުރި މައްސަލަތަކާއި ޖިނާއީ ބޮޑެތި މައްސަލަތަކަށް ޝަރީޢަތް ނުކުރެވި ލަސްވަމުންދާ ނަމަ އެކަމަކާ ގުޅޭ މުއައްސަސާއެއްގެ އިސް ވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކައި މަޝްވަރާކޮށްގެން އެ މައްސަލަތައް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯދުމަސް ރައީސުލްޖުމްހޫރީއްޔާ އަށް މަސައްކަތް ކުރެވިދާނެ ކަމަށެވެ. އަދި އެއީ ރައީސުލްޖުމްހޫރީއްޔާ ޝަރުއީ ނިޒާމަށް ބާރު ފޯރުވުން ކަމަށް ނުބެލެވޭނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑު މި ދަންނަވާ ވާހަކައަކީ ފުލުހުންނާއި ފަނޑިޔާރުންނާއި ޕްރޮސިކިއުޓާ ޖެނަރަލް އާއި މި ތިން މުއްސަސާއާ ވާހަކަ ދައްކަވައިގެން މައްސަލަތައް އަވަސް ކުރުމަށް މަސައްކަތް ކޮށްދެއްވާށޭ. އަޅުގަނޑެއް ނުދަންނަވަން ޕްރޮސިކިޔުޓާ ޖެނަރަލް އޮފީހަށް ވަންނަ ކޮންމެ މައްސަލަ އަކީ ދައުވާ އުފުލަން ޖެހޭ މައްސަލައެކޭ. އަޅުގަނޑެއް ނުދަންނަވަން ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ފުލުހުންނަށް ހުށަހެޅޭ ކޮންމެ މައްސަލަ އަކީ މީހާ ކުށްވެރިވާ މައްސަލައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ނިންމައިދޭށެކޭ. އަދި ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއަށް ރައީސުލްޖުމްހޫރިއްޔާ ބެހިވަޑައިގެން އެ މައްސަލަތައް ނިންމައި ދޭށެކޭ ނޫން މި ދަންނަވަނީ. މައްސަލަތައް އަވަސްކޮށް ދެއްވާށޭ. މައްސަލަތައް ހަލުއި ކުރާށޭ. ރައްޔިތުންގެ ސަލާމަތަށް ޓަކައި ޖިނާއީ ބޮޑެތި މައްސަލަތަކަށް ހާއްސަ ސަމާލުކަމެއްދީގެން އަވަސް ކުރުމަށް ޓަކައި ޓައިމްލައިން ރައީސް ހައްދަވައިގެން މުއައްސަސާތަކުގެ ބޭފުޅުންނާ މަޝްވަރާ ކުރައްވާށޭ." ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގޮތަށް އެ ވާހަކަ ދެއްކުވުމަކީ ޝަރުއީ ދާއިރާ އަށް ވެސް އަދި ރައީސުލްޖުމްހޫރީއްޔާ އަށް ވެސް ފާޑު ވިދާޅުވީ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެ ފާޑު ކިޔުމަކީ ބިނާ ކުރަނިވީ ފާޑު ކިޔުންތަކެއް ކަމަށެވެ. އަދި ވިދާޅުވީ ފުލުހުންގެ އިދާރާ އިންނާއި ކޯޓުތަކުންނާއި ޕްރޮސިކިޔުޓާ ޖެނަރަލް އާއި އަދި ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ކަންތައްތައް ނުކުރެވިގެން ލަސްވަމުން ދިޔުމަކީ ރައްޔިތުން މާޔޫސްވާ ކަމެއް ކަމަށެވެ. އަދި އެކަމުގައި ރައްޔިތުން ސަރުކާރާއި ދައުލަތުގެ މުއްސަސާތައް ދެކޭނީ އެއް ވެސް ކަމެއް ނުކުރެވޭ ތަނެއްގެ ގޮތުގައި ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން ގާނޫނުތައް ނުހިނގާ ކަމަށް ވެސް ރައްޔިތުންނަށް ގަބޫލު ކުރެވިގެންދާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ރައްޔިތުންގެ މެދުގައި ބިރުވެރިކަން ނައްތާލުމަށާއި މުޖުތަމަޢު ތެރޭގައި ހިނގާ ބޮޑެތި ޖިނާއީ ކުށްތައް ހުއްޓުވުމަށް ޓަކައި އަދި ގާނޫގެ ވެރިކަން ދެމެހެއްޓުމަށް ޓަކައި ރައްޔިތުން ދައުލަތަށާއި ސަރުކާރަށް އޮންނަ އިތުބާރު ހިފެހެއްޓުމަށް ޓަކައި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ މަސައްކަތް ހަލުވިކުރުވުމަކީ ރައީސުލްޖުމްހޫރީއްޔާ ކުރައްވަން ޖެހިވަޑައިގެންނަވާ ކަމެއް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައްޔިތުންނަށް ދައުލަތެއް ހުއްޓިއްޖެ ކަމަށް ގަބޫލު ކުރެވިއްޖެ ނަމަ ހަދާ އެއްވެސް ގާނޫނެއްގެ ބޭނުމެއް ނެތް ކަމަށާއި އެހެންކަމުން އެ ކަން ރައްޔިތުންނަށް އިހުސާސް ކޮށްދީގެން ނުވާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.