04 Mar 2013, 09:24
ރިޔާސީކެންޕޭނަކީ މުޅިދުނިޔޭގައިހެން (މިހާރަކަށް އައިސް މިއުޅޭ ދިމިކުރަތީ އެއް އައިފަހުން) ކުރާ ކުރެވޭ ކަމަކަށް މިއޮތީ ވެފައެވެ. އަޅައިގަނެވެނީ މިކެންޕޭނުގައި އެއްމެ ފޯރީގައި ހިންގޭ ހަރަކާތްތަކު ގައެވެ. އެކިޔާ މެނިފެސްޓޯ އެއް ހަދައިގެން ވިއްކުމާއި އެކު ފުޅާދާއިރާއެއްގައި ބަހަމުންގެންދާ ބެހުމުގައެވެ. މިދެކަމަކީ ކުރަންޖެހޭ ކަމެއްކަމުގައި މިއޮންނަނީ ގަބޫލު ކުރެވި ނިމިފައެވެ. އާއްމުކޮށް ކެންޕޭނު ތަކުގައި މިކަން ކުރުމަކީ އާދައެކެވެ. ވަކިން ޚާއްޞަކޮށް ރިޔާސީ ކެންޕޭނުތަކަކީ މިދެކަމުގައިވެސް އިމުން ބޭރުވާ ހިސާބަށް ކަންކަން ދުއްވާލާ ކެންޕޭނެކެވެ.
މެނިފެސްޓޯ އަކީ ރީތިކޮށްލަން އެމީހަކު ނުވަތަ އެބަޔަކު ކުރިމަގުގައި އަމަލުކުރާނެ ގޮތްގޮތޭ ކިޔާކަމުގައި ވިޔަސް ހަގީގަތުގައި އެއީ ފާޑެއްގެ ވާވެއްދުމެކެވެ. އެކަން، މިކަން، އެއްކަލަކަން، އަނެއްކަން ވެސް ކޮށްދޭނެކަމަށް ބުނެ އާއްމުން މޮޔަ ހެއްދުމެކެވެ. ނުހެއްލޭ މަދުބަޔަކު ތިބޭކަމުގައި ވިޔަސް ގިނަބަޔަކަށް އޭގެސަބަބުން މަގުއޮޅި ރުހެވި އެއްބައި ވެވެއެވެ. ފުންކޮށް ވިސްނާލައިފި ނަމަ އެފަދަ ކޮންމެ މެނިފެސްޓޯ އަކީ ނުވަތަ ރަންދަޅަ އަކީ ހަމަ ފޮލާތަކެކެވެ. ހަގީގަތުގައި އޭގެ ބައެއް ވެސް ފުރިހަމަ ނުކުރެވޭނެ ދެއްކުންތެރި ލިއުމެކެވެ. އަޑުގައި ނެތްތަނަށް ގޮވައި އިއްވަން ތައްޔާރުކުރާ ފޮނި ބައިސާގެ ބައެކެވެ. މިގޮތަށް ރަންދަޅައިގެ ކަންތައް ލިއެ ފާޅުކޮށް ކިޔައިދީ ނިންމުމާއި އެކު ދެން އޮންނަނީ އެއަށް ނަމެއް ކަނޑައަޅަން އުނދަގޫ ޖީބު މުއްސަނދިކުރާ އެއްޗެހި ދޫކުރުމެވެ. ނުވަތަ ބެހުމެވެ.
މިއީ ރިޝްވަތަކަށް ނުވެޔޯލައެވެ. އަގެކޭ ބުނަން އުނދަގުލެވެ. އެހީ އެއްކަމުގައި ނިންމަން އެއްމެރަނގަޅޭ ހީވެއެވެ. އަނެއްބައި ފަހަރަށް ބުރަވެވެނީ ހަދިޔާ އެކޭ ކިއުމަށެވެ. ކޮންމެއަކަސް މިއެއްޗަކީ މިފަދަ ކެންޕޭނުތަކުގެ ކިރިމްކޮޅެވެ. ކާމިޔާބާއި ފޭލުވުން ވަރަށްގިނަ ފަހަރަށް އެ ތަކެތި ބެހުމާއި ދޫކުރުމުގެ ކަންކަން ކުރެވޭ ގޮތުގެ މައްޗަށް ބިނާވެފައި އޮންނަ ކަމުގައި ބުނަން ޖެހެއެވެ. މިކަމުގައި މަޝްހޫރު އެމެރިކާ އެކޭ އެފުރިކާ ގެ އާދައިގެ ގައުމެކޭ މާބޮޑު ތަފާތެއް ނުއޮވެއެވެ. އާދައިގެ އަވަށް ގަނޑަކަށް ބޮޑުމީހާ ދިއުމާއި އެގޮތަށް ގޮސް ކުރާ ކަންކަން ހަމަ ދާދި އެއްގޮތެވެ. މިސާލެއްގެ ގޮތުގައި ބޮޑުބައްރެއްގެ އަވަށްތަކެއް ގެ ވާހަކަދެއްކުމަށް ވުރެ ރާއްޖޭގައި ނަމަ އެކަން ކުރާ ނުވަތަ ކުރެވޭނެ ގޮތާއި ދޭތެރޭ ވިސްނައިލުން ރަނގަޅު ވާނެ ކަމުގައި ހީވެއެވެ.
ބޮޑުމީހާ ނުވަތަ އެމީހާ ފޮނުވާ އެބައިގަނޑުގެ އަޑުގަދަ ދެއްކުންތެރިއަކު ރަށްރަށަށް ދެއެވެ. އެ ދިއުމުގައި ހޯދާނީ އެރަށެއްގައި ތިބި ނުފޫޒު ގަދަ މީހުންނެވެ. ފިހާރަވެރިން، އޮޑިވެރިން، ކުލަބުތަކުގެ ހަރަކާތްތެރިން ފަދަ ގިނަ ބައެއްގެ ތާއީދު ހޯދޭކަހަލަ މީހުންނެވެ. އެއަށް ފަހު އެފަދަ މީހުންނާއި ބައްދަލުކޮށް މިބުނާއެތި (ރިޝްވަތު، އަގު، އެހީ، ނުވަތަ ހަދިޔާ) ދެއެވެ. އަދި އެމީހަކު ނުވަތަ އެބައިގެ ކެންޑިޑޭޓު ތައްޔާރު ކުރި ރަންދަޅަތައް އެމީސްމީހުންނަށް ކިޔައިދީ ހަދާފައި އެދަޅަތަކުގެ ވާހަކައިން ދެންތިބީން ހައްލަން ބުނަނީއެވެ. ރަށުގެ ހުޅަނގުކޮޅުގައި މީހުން އުޅޭނަމަ އެމީހުން ގާތު މިވެރިކަމުގެ ފުރަތަމަ އަހަރު އެމީހުންނަށް ހެނދުނުގެ އަވި ލިބޭގޮތަށް އެކަންވެސް ބަދަލުކޮށްދޭނެ ވާހަކަ ބުނެލާނެއެވެ. ބަނދަރަށް ވަންނަ ފަރާތުން ރާޅުނަގާތީ އެކަން ވެސް ރާޅު ނުނަގާގޮތަށް ހަމަޖައްސައިދޭނަމޭ ބުނެލާނެ އެވެ. މިހުރިހާ ދަޅަ ތަކެއް ދައްކާފައި އެދޭ އެއްޗެއް ދީފައި އެރަށުން ފުރާނީ ޔަގީންކަން ލިބިގެންނެވެ.
އެކަމަކު މިފަދަ ކޮންމެ ކަމެއްގައި ވެސް އިންސާނީ ތަދުބީރުގެ އުނިކަން ބައެއް ފަހަރު ސާބިތުވެ އެވެ. ދާދި ފަހުގެ ތަޖުރިބާއެއް ކަމުގައި އަހަރެމެންގެ ކެންޕޭނު މެނޭޖަރަކު ބުނީ، މިގޮތަށް އެއެތި އަތޮޅެއްގެ މީހުންނަށް ބަހަން މީހަކާއި ހަވާލުކޮށްފައި ފޮނުވީމާ ވީގޮތެވެ. މިލިއަނުން ދީފައި ފޮނުވީމާ ހިފައިގެން ދިޔަމީހާ ބެހީ އެއްމެ ސާޅީހަކަށް ހާހޭ ބުންޏެވެ. އަނެއްބައި ފޮރުވައިގެން ހިފައިގެން އައިސްފައި ހުރިހާ އެއްޗެހި އެވެނި މިވެނި ރަށް ރަށަށް މިވެނި އެވެނި މީސްމީހުންނަށް މިތައް މިތައް ހާހުން ދީ ނިންމީ ކަމުގައި ބުނެ ކާމިޔާބުޔަގީން ކޮށްދިނޯލައެވެ. ނަތީޖާ ދެއްކީ އިދިކޮޅަށެވެ. ރަނގަޅަށް ހޯދައި ބެލިއިރު އެމީހާ ހެދިގޮތް އޮޅުންފިލުވުނެވެ. ރަށަކުން ހައެއްކަ މީހުންނަށް މީހަކަށް ތިންހަތަރުހާސް ވަރު ދިންކަމާއި އަނެއްބައި ވީތާކު ވެއްޖެ ކަންވެސް އެނގުނޭ ބުންޏެވެ. ކޮންމެއަކަސް އެއީ ވަކި ހަމައެކަނި އަހަރެމެންގެ ތެރޭގައި މިރާއްޖޭގައި އޮންނަ ކަމެއް ނޫން ކަމާއި އެއީ މިއަދުގެ ދިމިކުރަތީގައި ވަމުންދާ އަދި ވާނޭ ވެސް ގޮތްކަން އެއްމެންނަށް ވެސް އެނގޭޔޯލަ އެވެ.
ރިޔާސީ ކެންޕޭނުގައި މިގޮތަށް ބަހާ ބެހުމުގައި ދޭ ތަކެތި ނޫނީ ފައިސާ އަށް ކިޔާނެ ނަމެއް ހަމަ ނޭނގެ އެވެ. ކުރިން ވެސް ބުނި ހެން އެއީ ރިޝްވަތޭ ބުނާ މީހާ ދިމިކުރަތީގައި ދަނގަޑު އިބާރާތުން ކުށްވެރި ކުރެވޭނެ އެވެ. އަގޭ ބުނެވޭނީ ކަމެއް ކުރުވާފައި ދޭ އެއްޗެއް ނަމަ ތާއެވެ. އެހީއަކަށް ވާނީ ނުފޯރައިގެން ނުވެގެން އުޅޭ މީހަކަށް ނުވަތަ ބަޔަކަށް އެކަމެއް ކުރެވޭ ގޮތް ހަދައިދިނުން ކަމުގައި ގަބޫލު ކުރެވެ އެވެ. ހަދިޔާ އަކީ ރައްޓެހިން އެކަކު އަނެކަކުގެ ރައްޓެހިކަން އިތުރުކޮށް ބަދަހި ކުރުމުގެ ބޭނުމުގައި ފޯރުކޮށްދޭ ތަފާތު އެކި އެއްޗެއްސެވެ. މިއިން އެއްވެސް ދިމާއަކަށް މިގޮތަށްބަހާ ބެހުމުގައި ދޭ އެއްޗެއް ނުފެތެ އެވެ. ވީއިރު ނަން ނޭނގޭ އެއްޗެކޭ ބުނުމަށް ވުރެ މޮޅުގޮތެއް ނެތެނީ އެވެ.
މެނިފެސްޓޯ ގައި ކަނޑައެޅިގެން ނުލިޔެ އޭގެ ތެރޭގައި އަނގަބަހުން ހިމަނާ ބައިތަކެއް ވެސް ހުރެއެވެ. މިސާލެއްގެ ގޮތުން މިރާއްޖޭގައި ނަމަ އަހަރެންގެ ވެރިކަމެއްގައި ކޮންމެ މަސްދޯންޏެއްގެ ފަށަން ޕުލާސްޓިކުން ހަދައިދޭނަމޭ، ކޮންމެ ކިރުމަޔަކަށް އެމީހާ ކިރުދޭ މުއްދަތުގައި ދުވާލަކު ދެއާފަލާއި ދެތަށި ކިރުދޭނަމޭ، ނޫންނަމަ އޮފީސްތަކަށް ދާ އެއްމެންނަށް ކޮންމެ މީހަކަށް އޮފީސްބޫޓެއް ދޭނަމޭ، އަދި ހަމަ ބާވީސް އަހަރުން ދަށުގެ ކޮންމެ އަންހެން ކުއްޖަކަށް ސެމްސަން އެސް 3 ގެ ފޯނަކާއި ދެކުންފުނީގެ ދެސިމް ހަދިޔާ ކުރާނަމޭ ވެސް ބުނެވިދާނެ އެވެ. އެހެން ބުނެފައި އެވާހަކަ އެއީ އެއްކަލަ ނުފޫޒު ފޯރުވަން ބެހިތަކެތި ލައްވާލި މީހުން އެމީހުންގެ ބަސްވިކޭ މީހުން ހައްލަން ދައްކާނެ ވާހަކައެއްގެ ގޮތުގައި ނިންމިދާނެ އެވެ.
ދިމިކުރަތީ އަކީ ވަރަށް ފަންނީ އުސޫލެކެވެ. މީހުން ހެއްލުވުމާއި ވާވެއްދުމާއި އޮޅުވާލައި މަގުފުރެއްދުމުގެ ނިޒާމެކެވެ. އެކަމަކު މިއަދު ދުނިޔޭގައި މިވަރެއް ނެތިގެން އެއްމެންހެން އޭގެ ފަހަތުން ދުވެ މިތިބަ މަރުވަނީ އެވެ. ހަގީގަތަކީ އެބުނާ ދިމިކުރަތީ އަކީ ކޮބައިކަން ވެސް ކަނޑައަޅައި އޮޅުން ނުފިލާ ކަމެވެ. ހެއްކަކީ ދެގައުމެއްގައި އެއްގޮތަކަށް ދިމިކުރަތީ އޮއްވާ ނުފެންނަ ކަމެވެ. ވެދާނެ އެވެ. އެއީވެސް ދިމިކުރަތީގެ މޮޅުކަމާއި ފުންކަމެވެ.