މެންޗެސްޓާ ސިޓީއަށް އިނގިރޭސި ޕްރެމިއާ ލީގުގެ އުންމީދުތައް އަދި ނުގެއްލޭ ކަމުގައި އެކްލަބުގެ ފްރާންސް ޑިފެންޑަރު ގާލް ކްލިޗީ ބުނެފި އެވެ.

އެއް ވަނާގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ދެ ވަނާގައި އޮތް މެންޗެސްޓާ ސިޓީ އާއި ދެމެދު ފަނަރަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ސިޓީ އިން މިދިޔަ ސީޒަންގެ ޕްރެމިއާ ލީގު ކާމިޔާބުކުރީ ގަބޫލު ނުކުރެވޭ ގޮތަކުންނެވެ. ލީގު ނިމެން ބާކީ ހަ މެޗު އޮތްއިރު، ސިޓީ އާއި ޔުނައިޓެޑާއި ދެމެދު އަށް ޕޮއިންޓްގެ ފަރަގެއް އޮތް ނަމަވެސް ފަހު ވަގުތު ސިޓީއިން އޭރު ލީގު ކާމިޔާބުކުރި އެވެ.

ލީގުގައި އެގާރަ މެޗު ބާކީ އޮތްއިރު، ސިޓީ އަށް އަދިވެސް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު އޮތް ކަމަށް ކްލިޗީ ގަބޫލު ކުރެއެވެ.

"އަހަރެމެން ކުރިން އެކަން އޮންނާނީ ކޮށްފަ. ޔުނައިޓެޑުން އޮތީ ފަނަރަ ޕޮއިންޓްގެ ލީޑެއްގައި. ހޯމަ ދުވަހު އަހަރެމެންގެ މެޗެއް އޮންނާނެ. ކުރިއަށް އޮތް ހަފްތާތަކުގައި ޔުނައިޓެޑަށް ޕޮއިންޓްތަކެއް ގެއްލޭނެ. އަހަރެމެންނަށް އޮތް ޒިންމާއަކީ ކުރިއަށް އޮތް މެޗުތައް ކާމިޔާބުކުރުން." ކްލިޗީ ބުންޏެވެ.

ޕްރެމިއާ ލީގުގައި މިރޭ އެސްޓަން ވިލާ އާއި ދެކޮޅަށް ސިޓީ ނުކުންނައިރު، ސަމާލުވާންޖެހޭ ކަމުގައި ކްލިޗީ ބުނެފައިވެ އެވެ.

"ވިލާއިން ކުޅޭނީ ވެސް ޕޮއިންޓް ހޯދަން. އެހެން ކަމުން އަހަރެމެން ޖެހޭނެ ވަރަށް ބޮޑަށް ސަމާލުވާން. ވިލާއަކީ ދަށް ޓީމެއް ނޫން. އެމެޗުގައި ޗެލްސީ އާއި ދެކޮޅަށް ދެއްކި ފަދަ ކުޅުމެއް އަހަރެމެން ދައްކަން ޖެހޭނެ." ކްލިޗީ ބުންޏެވެ.

މިސީޒަނުގެ ޕްރެމިއާ ލީގުގައި ސިޓީ ކުޅުނު 27 މެޗުން ކާމިޔާބުކުރެވިފައި ވަނީ ސޯޅަ މެޗެވެ. އަދި ތިން މެޗުން ބަލިވި އިރު، އަށް މެޗު ނިމިގެންދިޔައީ އެއްވަރުވެގެންނެވެ.

ޕްރިމިއާ ލީގުގެ އެއް ވަނަ މަގާމްގައި 71 ޕޮއިންޓާ އެކު މެންޗެސްޓާ ޔުނައިޓެޑް އޮތްއިރު، ދެ ވަނަ މަގާމްގައި މެންޗެސްޓާ ސިޓީ 56 ޕޮއިންޓާ އެކު އެވެ.