04 Mar 2013, 09:09
މަޖިލީހުގެ އިދާރާގެ ވެބްސައިޓުގައި ޝާއިރުކޮށްފައިވާ ޖަލްސާތަކުގެ ޔައުމިއްޔާތައް ވަކިވަކިން ބަލައި، އެންމެ ގިނައިން މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދެއްކެވި މެންބަރުންނާއި "އެއްވެސް ގޮތަކަށް" މަޖިލީހުގެ ތަޅުމުގައި ވާހަކަ ނުދައްކާ މެންބަރުން "ސަން"އިން ވަނީ ހޯދައިގަނެފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިދިޔަ އަހަރުގެ ތިން ވަނަ ދައުރުގެ 41 ޖަލްސާގައި މަޖިލީހުގެ ހަތަރު މެންބަރަކު ފިޔަވައި ހުރިހާ މެންބަރުން މަޖިލީހުގެ ބަހުސްތަކުގައި ބައިވެރިވެ އަދި ނިޒާމީ މައްސަލަތަކުގައި ވާހަކަ ދެއްކެވި އެވެ. އެއްވެސް ގޮތަކަށް ވާހަކަފުޅު ނުދައްކާ މެންބަރުން ބަލާފައި ވާނީ ބަހުސެއްގައި ވެސް ނިޒާމީ މައްސަލައެއްގައި ވެސް އަދި ހުށަހެޅުމަކަށް ވެސް ތާއިދު ކުރުމުގެ ގޮތުން މަޖިލީހުގައި ވާހަކަފުޅު ނުދައްކަވާ މެންބަރުންނެވެ.
ރައްޔިތުންގެ ހައްގުގައި، ވަކާލާތުކޮށްދިނުމަށް މަޖިލީހަށް އިންތިހާބުކުރި 77 މެންބަރުންގެ ތެރެއިން ނިމިދިޔަ ދައުރުގައި އެއްވެސް ގޮތަކަށް މަޖިލީހުގެ ފްލޯގައި ވާހަކަފުޅު ނުދައްކާ ހަތަރު މެންބަރުނަކީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒާއި މަހިބަދޫ ދާއިރާގެ މެންބަރު ރުގިއްޔާ މުހައްމަދާއި ވިލިނގިލީ ދާއިރާގެ މެންބަރު މުހައްމަދު ރާމިޒުގެ އިތުރުން މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލެވެ. އެ މެންބަރުން މަޖިލީހުގެ ބަހުސްތަކުގައި ބައިވެރިވެވަޑައި ނުގެންނެވި ނަމަވެސް މަޖިލީހުގެ ކޮމެޓީތަކުގައި ވާހަކަފުޅު ދައްކަވަ އެވެ. މާލިއްޔަތު ކޮމެޓީއާއި އިގްތިސާދީ ކޮމެޓީގެ ބަހުސްތަކުގައި އާންމުކޮށް ބައިވެރިވެވަޑައިގަންނަވާ ނާޝިޒް ނިމިދިޔަ ދައުރުގައި ބޭއްވި 41 ޖަލްސާގެ ތެރެއިން 30 ޖަލްސާ ހާޒިރުވެވަޑައިގެންނެވި އިރު، ރިޔާސީ ބަޔާނަށް ހުރަސް އެޅުއްވުމަށް ތަޅުމުގައި "ހޭލަމޭލަށް" ހަރަކާތްތެރިވި ރުގިއްޔާ 24 ޖަލްސާއަކަށް ވަޑައިގެންނެވި އެވެ. ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރުކަން ކުރައްވާ ރާމިޒް 38 ޖަލްސާއަށް ވަޑައިގެންނެވި އިރު، އާދިލް ވަނީ 37 ޖަލްސާއަށް ހާޒިރުވެވަޑައިގެންފަ އެވެ.
މުހިއްމު ބިލްތަކާއި މި އަހަރުގެ ބަޖެޓް ފާސް ކުރި ދައުރުގައި އެންމެ ފަހަރަކު މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދެއްކެވީ މެންބަރަކު ވެސް މަޖިލީހުގެ ނިދިޔަ ދައުރުގައި އިންނެވި އެވެ. އެއީ ނިލަންދޫ ދާއިރާގެ މެންބަރު އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނައިބު ރައީސް އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އެވެ. އޭނާ ވާހަކަފުޅު ދައްކާފައި ވަނީ ހަމައެކަނި ބިލަކަށް ހުށަހެޅި އިސްލާހަކަށް "އަޅުގަނޑު ތާއިދު ކުރަން" ވިދާޅުވުމަށެވެ.
ނިމިދިޔަ ދައުރުގައި އެންމެ ގިނައިން މަޖިލީހުގައި ވާހަކަފުޅު ދައްކަވާފައި ވަނީ، އެންމެ ގިނަ ވަގުތު މަޖިލީހުގައި ހުއްޓާނުލައި ވާހަކަފުޅު ދެއްކެވި ކަމުގެ ރެކޯޑް އޮންނަ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދެވެ. ހުއްޓާނުލައި 64 މިނިޓު ވަންދެން ކޮމެޓީއެއްގައި ވާހަކަފުޅު ދެއްކެވި އަލީ ވަހީދު ވަނީ ނިމިދިޔަ ތިން ވަނަ ދައުރުގައި އޭނާ ހާޒިރުވި 32 ޖަލްސާއެއްގައި 110 އަށް ވުރެ ގިނަ ފުރުސަތުގައި މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވާފަ އެވެ. އޭނާ ވާހަކަފުޅު ދެއްކެވި ފުރުސަތުގެ ތެރެއިން 46 ފުރުސަތެއްގައި ވަނީ ނިޒާމީ މައްސަލަތަކުގައި ވާހަކަފުޅު ދައްކަވާފަ އެވެ. އެންމެ ގިނަ ފުރުސަތުގައި މަޖިލީހުގައި ދެ ވަނައަށް ވާހަކަފުޅު ދައްކަވާފައި ވަނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބެ އެވެ. މުއްތަލިބު ވަނީ 80 އަށް ވުރެ، ގިނަ ފުރުސަތެއްގައި މަޖިލީހުގައި ވާހަކަފުޅު ދައްކަވާފަ އެވެ. އޭގެ ތެރެއިން 17 ފުރުސަތެއްގައި ނިޒާމީ މައްސަލަތަކުގައި ވާހަކަފުޅު ދައްކަވާފައިވެ އެވެ. މުއްތަލިބަކީ ނިމިދިޔަ ދައުރުގައި އެންމެ ގިނައިން މަޖިލީހުގެ ރިޕޯޓްތަކަކާއި ބިލްތަކަށް އިސްލާހު ހުށަހެޅުއްވި މެންބަރެވެ. އޭނާ ވަނީ ނިމިދިޔަ ދައުރުގައި އެންމެ ޖަލްސާއެއް ފިޔަވައި ހުރިހާ ޖަލްސާއަކަށް ވަޑައިގެންފަ އެވެ.
މުއްތަލިބުގެ އިތުރުން މަޖިލީހުގައި ތިން ވަނައަށް އެންމެ ގިނައިން ވާހަކަފުޅު ދައްކަވާފައި ވަނީ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އެވެ. އޭނާ ވަނީ 70 އަށް ފުރެ ގިނަ ފުރުސަތު ހޯއްދަވައި ވާހަކަފުޅު ދައްކަވާފަ އެވެ. ވާހަކަފުޅު ދެއްކެވި ފުރުސަތުތަކުގެ ތެރެއިން 20 ފަހަރެއްގެ މަތިން ވަނީ ނިޒާމީ މައްސަލަތަކަށް ވާހަކަފުޅު ދައްކަވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ހިލާފަށް މަޖިލީހުގެ ތަޅުމުގައި ކަމެއް ހިނގަމުންދާ ނަމަ އެ ކަމެއް ރިޔާސަތުގެ ސަމާލު ކަމަށް ގެނައުމަށް މެންބަރުން ނަންގަވާ ނިޒާމީ މައްސަލަ ނުވަތަ "ނިޒާމީ ނުކުތާ" ނެންގެވުމަށް 38 މެންބަރުން ފުރުސަތު ހޯއްދަވައި މުޅި ދައުރުގައި 325 ނިޒާމީ މައްސަލަ ނަންގަވާފައިވެ އެވެ. ނަމަވެސް މިދިޔަ ދައުރުގައި އެއިން އެއްވެސް ނިޒާމީ މައްސަލައެއްގެ ރިޔާސަތުން ބަލައިގެން ކަމެއް މަޖިލީހުގެ ތަޅުމަށް އިއްވާފައެއް ނުވެ އެވެ.
ނިމިދިޔަ ދައުރުގައި އެންމެ ގިނައިން ނިޒާމީ މައްސަލަ ނަންގަވާފައި ވަނީ އެމްޑީޕީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނެވެ. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން 220 އަށް ވުރެ ގިނަ ނިޒާމީ މައްސަލަ ނަގާފައިވާ އިރު، އެންމެ ގިނައިން ނިޒާމީ މައްސަލަތަކަށް ރިޔާސަތުގައި އެދިވަޑައިގެންފައި ވަނީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދެވެ. ދެން އެންމެ ގިނައިން ނިޒާމީ މައްސަލަ ނަންގަވަނީ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)އާއި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ އިތުރުން މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ތާރިގެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންގެ އިތުރަށް ނިޒާމީ މައްސަލަ ނަންގަވަނީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރާއި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދެވެ.
މަޖިލީހުގެ ނިޒާމު ގެއްލިގެން މިދިޔަ ދައުރުގައި ދެ ފަހަރެއްގެ މަތިން ޖަލްސާތައް މެދުކަނޑާލި އެވެ. އަދި ތިން މެންބަރެއްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރު ކުރި އެވެ. އެ ތިން މެންބަރުންނަކީ ވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކާއި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރަޝީދެވެ.
ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި މިދިޔަ އަހަރުގެ ތިން ދައުރުތަކުގެ ހާޒިރީ ރިޕޯޓުގެ އެންމެ ފުލަށް ވެއްޓިފައި ވަނީ ގައްދޫދާއިރާގެ މެންބަރު ޒާހިރު އާދަމެވެ. މިދިޔަ އަހަރު ބޭއްވި 81 ޖަލްސާގެ ތެރެއިން ޒާހިރު ހާޒިރުވެވަޑައިގެންނެވީ 47 ޖަލްސާއަކަށެވެ. އަދި 11 ޖަލްސާއަށް ސަލާމް ވިދާޅުވެފައިވާ އިރު، ހަ ޖަލްސާއަކަށް ވަކިއެއްޗެއް ވިދާޅެއް ނުވެ، މަޖިލީހަށް ވަޑައެއް ނުގަންނަވަ އެވެ. މިދިޔަ އަހަރުގެ ހާޒިރީގެ ފުލަށް ޒާހިރުގެ ނަން ވެއްޓިފައިވާ އިރު، ޖަލްސާ ކުރިއަށްދިޔަ 17 ދުވަހު ޒާހިރު ހުންނެވީ ޗުއްޓީގަ އެވެ. ތިން ދައުރުގައި ބޭއްވި ހުރިހާ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވީ މަޖިލީހުގެ 77 މެންބަރުންގެ ތެރެއިން އެންމެ ފަސް މެންބަރުންނެވެ.