މިރޭގެ ވަގުތެއްގައި ހުޅުމާލޭގެ ބަގީޗާ ހިނގުމުގެ ވާތް ފަރާތު ޕޭމަންޓާ ދިމާލުން ބައެއް ގަސްތަކުގައި ބަޔަކު ރޯކޮށްލުމުން އަލިފާންގަނޑު ފެތުރިއްޖެ އެވެ.

ހުޅުމާލޭން ސަންއަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި މިރޭ މެންދަމު 1:30 އެހާކަންހާއިރު ރޯވި އަލިފާންގަނޑު ދިޔައީ ފެތުރެމުންނެވެ. އެހެން ނަމަވެސް އެއީ މީހުން އުޅޭ ސަރަހައްދެއް ނޫން ކަމަށް އެމީހާ ބުންޏެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ކެޕްޓަން އަބްދުﷲ އަލީ މިރޭ ވިދާޅުވީ އަލިފާނުގެ އެ ހާދިސާއަކީ ބަޔަކު ގަސްތަކުގައި ރޯކޮށްލުމުން ހިނގި ހާދިސާއެއް ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް އެ ސަރަހައްދުގެ ގަސްތައް ފިޔަވައި އިތުރު އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ހާދިސާ ހިނގި ކަމުގެ މައުލޫމާތު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އަށް ލިބުމާ ގުޅިގެން މާގިނައިރުތަކެއް ނުވަނީސް އެ ސަރަހައްދަށް ގޮސް އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވާ ކަމަށެވެ.

މިއީ ކިހިނެއް ހިނގި ހާދިސާއެއް ކަން އަދި މި ގަސްތަކުގައި ރޯކޮށްލީ ކޮން ބައެއްކަން އަދި މިހާތަނަކަށް އެނގިފައެއް ނުވެ އެވެ.