މާލޭގެ ރައްޔިތުންނަށް މުނިސިޕަލް ޚިދުމަތް ދިނުމަށް މާލޭ ސިޓީ ކައުންސިލުން ކުރަމުން ގެންދާ މަސައްކަތްތަކަށް ހުރަސް އަޅާ ފަރާތްތަކުގެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނަނީ މާލޭގެ ރައްޔިތުންނަށް މުނިސިޕަލް ޚިދުމަތް ދިނުމަށް ގާނޫނު އަސާސީއާއި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އެ ކައުންސިލަށް ލިބިފައިވާ ބާރުގެ ދަށުން ކުރަމުންގެންދާ މަސައްކަތްތަކަށް ސަރުކާރުންނާއި އާންމު ބައެއް ފަރާތްތަކުން ހުރަސް އަޅަމުން ގެންދާ ކަމަށެވެ.

އެ ބަޔާނުގައި ބުނަނީ ލާމަރުކަޒީ ގާނޫނާ ފުށުއަރާގޮތަށް ކުރަމުން ގެންދާ އެފަދަ ކަންތައްތަކުގެ ސަބަބުން އެ ކައުންސިލުން ކުރަންޖެހޭ މަސައްކަތް ކުރުމަށް ދަތިތަކާ ކުރިމަތިލާން ޖެހި ބައެއް ފަހަރަށް ޚިދުމަތް ދިނުމުގައި ލަސްތަކެއް ކުރިމަތިވަމުން ދާކަމަށެވެ. އެހެންކަމުން ކައުންސިލްގެ މަސައްކަތްތަކަށް ހުރަސް އަޅަމުން ގެންދާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި އެފަދަ ފަރާތްތަކުގެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ވެސް ސިޓީ ކައުންސިލްގެ ބަޔާނުގައި ވެއެވެ.

".... މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ ދައުލަތުގެ ބިންތަކާއި ތަންތަން ކުއްޔަށް ދިނުމާއި އެފަދަ ތަންތަން ކުށްޔަށް ދޫކުރެވިފައިވާ މުއްދަތު ހަމަވެގެން އަލުން ކުއްޔަށް ދިނުމަށް ހުރަސްއަޅައި، ކައުންސިލަށާއި ދިވެހި ދައުލަތަށް ލިބެންޖެހޭ އާންދަނީ ހުއްޓުވުމަށް މަސައްކަތްކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ޝަރީއަތަށް އެފަދަ މައްސަލަތައް ހުށަހެޅުމަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ،" ސިޓީ ކައުންސިލްގެ ބަޔާނުގައި ވެއެވެ.

ސިޓީ ކައުންސިލްގެ މަސައްކަތަށް ހުރަސް އަޅައި ދައުލަތަށް ލިބެންޖެހޭ އާމްދަނީ ހުއްޓުވުމަށް މަސައްކަތް ކުރާ ފަރާތްތަކުން އެކަން ހުއްޓާލުމަށް ވެސް މާލޭ ސިޓީ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

މާލޭ ސިޓީ ކައުންސިލުން މިގޮތަށް ބުނެފައިވާއިރު އެ ކައުންސިލްގެ މައްޗަށް ދައުވާކޮށް ސަރުކާރުން ވަނީ ގިނަ މައްސަލަތަކެއް ސިވިލް ކޯޓަށް ހުށަހަޅާފައެވެ.