03 Mar 2013, 19:57
ރައްޔިތުންގެ މަޖިލިސް 2013 ވަނަ އަހަރަށް ހުޅުވުމުގެ ގޮތުން މާދަމާ ބާއްވާ ރިޔާސީ ބަޔާން އިއްވުމުގެ ރަސްމިއްޔާތާ ގުޅިގެން މާދަމާ ބަންދުކުރުމަށް ނިންމާފައިވާ މަގުތައް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ މާދަމާ ވަކި ވަގުތުތަކަކަށް ބަންދުކުރަން ހަމަޖެހިފައިވަނީ ރައްޔިތުންގެ މަޖިލީސްކުރާގެ ހިމެނޭ ސަރަހައްދާއި ސަލާމަތީ ހިދުމަތްދޭ މަރުކަޒުތައް ހިމެނޭ ސަރަހައްދުތަކާއި ގުޅިފައިވާ މަގުތަކާއި ގޯޅިތައް ކަމަށެވެ. އެގޮތުން މާދަމާގެ ވަކިވަގުތުތަކެއްގައި ބަންދުކުރުމަށް ނިންމާފައިވާ ބޮޑެތި މަގުތަކުގެ ތެރޭގައި ބޮޑުތަކުރުފާނުމަގު މުހައްމަދު އިސްމާއިލްދީދީ ގޯޅިއާ ގުޅުނު ހިސާބާއި ފަރީދީމަގު ޗާންދަނީ މަގާ ގުޅުނު ހިސާބާއި އަމީރުއަހްމަދުމަގު ސޯސަންމަގާ ގުޅުނު ހިސާބުގެ އިތުރުން ބޮޑުތަކުރުފާނު މަގު ކުރަނގި ގޯޅިއާ ގުޅުނު ހިސާބާއި ހިތްފަސޭހަގޯޅި ބޮޑުތަކުރުފާނުމަގާ ގުޅުނު ހިސާބު ހިމެނޭ ކަމަށެވެ.
"މިގޮތަށް މަގުތައް ބަންދުކުރުމުން ޢާއްމު ފަރާތްތަކަށާއި ދަތުރުފަތުރުކުރާ އުޅަނދުތަކަށް ކުރިމަތިވެދާނެ ދަތިތަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މާފަށް އެދެއެވެ. އަދި މިފަދަ ކޮންމެ ވަގުތެއްގައި ޢާއްމު ރައްޔިތުންގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންދާ އެހީތެރި ކަމާއި އެއްބާރުލެއްވުން ޝުކުރުވެރިކަމާއެކު ފާހަގަ ކުރަމެވެ." ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިހާތަނަށް ފުލުހުން ބަންދުކުރަން ނިންމާފައިވާ ހިސާބުތަކުގެ އިތުރުން ދިމާވާ ކަމަކާ ގުޅިގެން އެހެން ސަރަހައްދެއް ބަންދުކުރަން ޖެހިއްޖެ ނަމަވެސް އެ ސަރަހައްދެއްގެ މަގުތަކާއި ގޯޅިތައް ބަންދު ކުރާގޮތަށް ނިންމާފައިވާ ކަމަށެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވާ ދުވަހާ ގުޅުވައިގެން ގިނަ މަގުތަކެއް ބަންދުކުރުމަށް ނިންމާފައިވާއިރު މިދިޔަ އަހަރުގެ ރިޔާސީ ބަޔާން އިއްވި ދުވަހު ފެނިގެން ދިޔައީ މާލޭގެ މަގުތަކުގައި އެމްޑީޕީން މުޒާހަރާކޮށް ވަރަށް ބޮޑަށް ހަލަބޮލިވެގެން ދިޔަތަނެވެ. ނަމަވެސް މިއަހަރު އެޕާޓީއިން މަގުމަތީ ހަރަކާތެއް ކުރިއަށް ގެންދާކަމެއް ނުވަތަ ނޫންކަމެއް ވެސް އަދި އިއުލާނެއް ނުކުރެއެވެ.