9:22


ކޯޅުން ބޮޑުވެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ވެސް ހުއްޓާލައިފި އެވެ. މިއަދުގެ ޖަލްސާ ވެސް ފެއްޓުމާ އެކު މަޖިލީހުގައި އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުން ގެންދެވީ ނިޒާމީ ނުކުތާތައް ނަންގަވައި އޮޑިޓާ ޖެނެރަލަކަށް ސަރުކާރުން ހުށަހަޅާފައިވާ އަލީ ރަޝީދު އުމަރުގެ ނަން މާލިއްޔަތު ކޮމެޓީން ނިންމާފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އަޑު އުފުލަމުންނެވެ.


ނިޒާމީ އޮއިވަރުގައި މަޖިލީހުގެ ކޯޅުން ގަދަވެ، މެންބަރުން އަޑުގަދަ ކުރައްވަން ފެއްޓެވުމުން ރަޢީސް އަބްދުﷲ ޝާހިދު ވިދާޅުވީ "މިވަރުން ޖަލްސާ ކުރިއަށް ނުގެންދެވޭނެ" ކަމަށާއި "މިއަދުގެ ޖަލްސާ މިހާހިސާބުން ނިމުނީ" ކަމަށެވެ.


ޝާހިދު ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ އަންނަ ހޯމަ ދުވަހު ކަމަށެވެ.


މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި އޮޑިޓާ ޖެނެރަލް އަކަށް ހަމަޖެއްސުމަށް ސަރުކާރުން ހުށަހަޅާފައިވާ އަލީ ރަޝީދު އުމަރުގެ މައްސަލަ ނިންމުމާއި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ހިމެނެ އެވެ.