03 Mar 2013, 18:22
ސަރުކާރުން ނ. އަތޮޅު މަނަދޫގައި މިއަހަރު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ޒުވާނުންގެ ދުވަހުގެ ހަރަދުތަކަށް 1.3 މިލިޔަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށް ޒުވާނުންނާއި ބެހޭ ވުޒާރާއިން ބުނެފި އެވެ.
ޒުވާނުންގެ ދުވަސް މިއަހަރު ރަސްމީކޮށް ފާހަގަކުރުމަށް ބޭނުންވާ ރައްތަކުން އެކަމަށް އެދި ހުށަހެޅެމަށް ހުޅުވާލި ފުރުސަތުގައި އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅި މަނަދޫ ކައުންސިލާއި ޒުވާނުންގެ ވުޒާރާއާ ދެމެދު ޒުވާނުންގެ މަރުކަޒުގައި މިއަދު ހަވީރު އޮތް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ސަންއިން ކުރި ސުވާލެއްގެ ޖަވާބުގައި ޒުވާނުންނާއި ބެހޭ ވުޒާރާގެ ވަޒީރުގެ ނާއިބު ޢަބްދުﷲ ރިފާޢު ވިދާޅުވީ ޒުވާނުންގެ ދުވަހަށް ކަނޑައެޅިފައި ވަނީ 1.3 މިލިޔަން ރުފިޔާ ކަމަށާއި އެކަމަކު އެ ބަޖެޓުގެ 50 އިންސައްތަ އަށްވުރެ ކުޑަ އަދަދަކުން މި ހަރަކާތް ނިންމައި ލެވޭނޭ ކަމަށް އުއްމީދު ކުރަށްވާ ކަމަށެވެ.
"މަނަދޫގެ ޕްރޮޕޯސަލް އޮތް ގޮތުން، މަނަދޫގައި ހިންގާ ހުރިހާ ހަރަކާތްތަކަކަށް މަނަދޫ ކައުންސިލާއި އެރަށު ވިޔަފާރިވެރިން އެއްބާރުލުން ދޭގޮތަށް އޮތީ. އަޅުގަނޑުމެން މިނިސްޓްރީގެ ފަރާތުން މުޅި ޒުވާނުންގެ ދުވަހަށް މިދިޔަ ހުކުރު ދުވަހުން ފެށިގެން 22 މާޗުގެ ނިޔަލަށް ހިނގާ ހަރަކާތްތަކަށް އަޅުގަނޑުމެން ބަޖެޓްކޮށްފައި މިވަނީ 1.3 މިލިޔަން ރުފިޔާ. އެކަމަކު މީގެ ތެރެއިން އަޅުގަނޑު މި ގަބޫލުކުރަނީ ގިނަ ހަރަދު ތަކަކީ އަޅުގަނޑުމެންނަށް ސަލާމަތް ކުރެވޭނޭ އެއްޗެއް ކަމަށް. އެއީ ފުރަތަމަ އަޅުގަނޑުމެން ހިންގި ދެ ހަރަކާތް ވެސް ނިންމާ ލެވިފައި ވަނީ ބަޖެޓް ކުރި ވަރަށްވުރެ 50 އިންސައްތަ ކުޑަކޮށް،" ރިފާއު ވިދާޅުވި އެވެ.
މީގެ އިތުރުން ރިފާޢު ވިދާޅުވީ ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކަށް ސަރުކާރުގެ އެހެނިހެން ވުޒާރާތަކާއި މުއައްސަސާތަކުންވެސް އެއްބާރުލުން ދެއްވާނެ ކަމަށާއި އަދި އެގޮތުން ދުވަހާގުޅޭ ގޮތުން ކުރަންޖެހޭ ދަތުރު ފަތުރު ތަކާއި އަދިވެސް އެހެނިހެން ކަންތަކުގައި އެ ފަރާތް ތަކުގެ އެއްބާރުލުން ލިބޭނޭ ކަމުގެ ވަރަށްބޮޑު ޔަގީން ކަމެއް އޮތް ކަމަށެވެ.
ސަންއިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މަނަދޫ ކައުންސިލްގެ މެންބަރު ޢަބްދުލް ޙަމީދު ވިދާޅުވީ އެ ފަރާތުން ޒުވާނުންގެ ދުވަސް އެ ރަށުގައި ބާއްވަން ހުށަހަޅާފައި ވާނީ 53 ހާސް ރުފިޔާގެ ބަޖެޓެއް ކަމަށާއި އެގޮތުން އެރަށުގެ ވިޔަފާރިވެރިންނާއި ކައިރީގައި އޮތް ރިސޯޓްތަކުން އެކަމަށް ވަރަށްބޮޑު އެހީތެރި ކަމެއް ދެއްވާނޭ ކަމަށް އެފަރާތްތަކުން ބުނެފައިވާ ކަމަށާއި އަދި އެރަށުގައި ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް ބޭއްވުމަށް ކުރަންޖެހޭ އެކިއެކި މަސައްކަތްތަކުގައި ފުލުހުންނާއި ވިޔަފާރިވެރިންނާއި ރަށުގެ ރައްޔިތުންނާއި އަދިވެސް ހެޔޮއެދޭ އެތައްބައެއްގެ ފުރިހަމަ އެއްބާރުލުން ލިބޭނޭ ކަމުގެ ފުރިހަމަ ޔަގީންކަން ލިބިފައިވާ ކަމަށެވެ.
މަނަދޫގައި ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 19 އިން 22 ށެވެ. ޒުވާނުންގެ ވުޒާރާއާއި މަނަދޫއާ ދެމެދު ވެވުނު އެއްބަސް ވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރުގެ ނާއިބު ޢަބްދުﷲ ރިފާޢު އެވެ. އަދި މަނަދޫގެ ފަރާތުން ސޮއިކުރެއްވީ މަނަދޫ ކައުންސިލްގެ މެންބަރު ޢަބްދުލް ޙަމީދު ޙުސައިން އެވެ.
ގައުމީ ފެންވަރުގައި ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހާއްސަ ޖަލްސާ މިއަހަރު ބޭއްވުމަށް ހަމަ ޖެހިފައި ވަނީ އަންނަ މަހުގެ 22 ވަނަ ދުވަހު މަނަދޫގަ އެވެ. އެ ޖަލްސާގައި ޒުވާނުންގެ ގައުމީ އިނާމް ދިނުމާއި އަދި އަތޮޅު ފެންވަރުގައި ތަފާތު ހަރަކާތައް ވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖައްސާފައި ކަމަށް އެ ވުޒާރާއުން ބުނެ އެވެ.