03 Mar 2013, 18:03
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް މާދަމާ ބާއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިއްވަވާ ރިޔާސީ ބަޔާނަށް ހުރަސް އެޅުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފި އެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު މިއަދު ވިދާޅުވީ "ތަފާތު އެކި ސަބަބުތަކަށްޓަކައި" ރިޔާސީ ބަޔާނާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
މިދިޔަ އަހަރު މަޖިލިސް ހުޅުވި ޖަލްސާ ބާއްވާފައި ވަނީ މަޖިލީހުގައި ހަމަނުޖެހުން ބޮޑުވެ، ގަޑުބަޑުކޮށްލާފައި ވަނިކޮށެވެ. މާޗް 1، 2012ގައި ބާއްވަން އުޅުނު ޖަލްސާ އަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ހުރަސް އެޅުމުން މާޗް 19، 2012ގައި ބޭއްވި ޖަލްސާގައި ރައީސް ވަހީދު ވަނީ އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ހުރަސް އެޅުންތަކާ އެކު ވެސް ރިޔާސީ ބަޔާން މަޖިލީހަށް އިއްވާފަ އެވެ.