މި އަހަރުގެ ޒުވާނުންގެ ގައުމީ އިނާމް ލިބޭ ފަރާތްތަކަށް 50،000 ރުފިޔާގެ މަޝްރޫޢުއެއް ހަވާލުކުރުމަށް ޒުވާނުންނާއި ކުޅިވަރާ ބެހޭ ވުޒާރާ އިން ނިންމައިފި އެވެ.

ޒުވާނުންގެ ދުވަސް މި އަހަރު ރަސްމީކޮށް ނ. މަނަދޫގައި ބޭއްވުމަށް ޒުވާނުންނާ ބެހޭ ވުޒާރާ އާއި މަނަދޫއާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ސަން އިން ކުރި ސުވާލެއްގެ ޖަވާބުގައި ޒުވާނުންނާ ބެހޭ ވުޒާރާގެ ވަޒީރުގެ ނާއިބު ޢަބްދުﷲ ރިފާޢު މިއަދު ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ޒުވާނުންގެ ގައުމީ އިނާމު ލިބޭ ފަރާތްތަކަށް ޒުވާނުންނާއި ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތެއް ކުރުމަށް 50،000 ރުފިޔާ ދޭގޮތަށް މިހާރު ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިފަހަރު ޒުވާނުންގެ ގައުމީ އިނާމް އެހެން އަހަރުތަކާ ތަފާތުގޮތަކަށް މިދެވެނީ. ޒުވާނުންގެ ގައުމީ އިނާމުގެ ގޮތުން އަޅުގަނޑުމެން އެދޭ ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން އަޅުގަނޑުމެން އެބަ ހުށަހަޅަން 50 ހާސް ރުފިޔާގެ ޕްރޮޖެކްޓެއް. އެ ޕްރޮޖެކްޓަކަށް އަޅުގަނޑުމެން އެ އިނާމަށް ހުށަހަޅާއިރު ވެސް އެކުލަބު ޖަމިއްޔާއަކުން ނުވަތަ އިންޑިވިޖުއަލް ޒުވާނަކު ވެސް އެބަ ހުށަހަޅަން ޖެހޭ ޕްރޮޕޯސަލްއެއް ތިމަންނަ އަށް ޒުވާނުންގެ ގައުމީ އިނާމްލިބިއްޖެ ނަމަ ތިމަންނަ އަށް އެލިބޭ 50 ހާސް ރުފިޔާ އިން ކުރާނީ ކޮންކަމެއްތޯ ޒުވާނުންގެ ތަރައްގީއަށް،" ރިފާއު ވިދާޅުވި އެވެ.

ރިފާއު އިތުރަށް ވިދާޅުވީ ޒުވާނުންގެ ގައުމީ އިނާމް ލިބޭ ފަރާތްތަކަށް ދޫކުރަނީ 50،000ރ. ނޫން ކަމަށާއި އެކަމަކު ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން އިނާމުލިބޭ ފަރާތުގެ ހުށަހެޅުމުގެ މައްޗަށް ބަލައި އެ މަޝްރޫއަކަށް ނުވަތަ މަސައްކަތަކަށް ސަރުކާރުން ފަންޑު ކުރާނީ ކަމަށެވެ. އަދި އެގޮތަށް ހަވާލުކުރާ މަޝްރޫއުތައް ކުރިޔަށް ގެންދާގޮތް އެ ވުޒާރާ އާއި އަދި ކައުންސިލްތަކާ ގުޅިގެން ބައްލަވާނޭ ކަމަށެވެ.

ޒުވާނުންނާއި ކުޅިވަރާ ބެހޭ ވުޒާރާ އިން ހާމަކުރެއްވި ގޮތުގައި މި އަހަރު ޒުވާނުންގެ ގައުމީ އިނާމަށް ކުރިމަތި ލާފައި ވަނީ ދެ ގިންތިއަކަށް 19 ފަރާތަކުންނާއި އަދި ހަތަރު ޖަމިއްޔާ އަކުންނެވެ. އޭގެ އިތުރުން މި އަހަރު ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލައަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާކަން ފާހަގަ ކުރެއްވި އެވެ.

ޒުވާނުންގެ ދުވަހާ ގުޅުވައިގެން ދޭ އެންމެ ޚާއްސަ އެވޯޑަކީ، ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލަ އެވެ. އެއީ އިންސާނިއްޔަތަށް ޓަކައި ހިދުމަތް ކުރުމުގެ ރޫހުގައި ޖާނާއި މާލުން ހޭދަކޮށްފައިވާ މިންވަރާއި އިންސާނީ މުސީބާތަކުން ސަލާމަތްކުރުމަށް ޓަކައި، ކޮށްފައިވާ މަސައްކަތަކާ ގުޅިގެން ދޭ ހަނދާނީ ފިލައެކެވެ. އެ ހަނދާނީފިލާ އެންމެ ފަހުން ދީފައި ވަނީ ހުސްވި އަހަރު ކ. ކާށިދޫގައި ވަޅީގެ ހަމަލާއަކުން ޝަހީދުކޮށްލި ފުލުހުންގެ އޮފިސަރެއް ކަމަށްވާ، ކ. ކާށިދޫ، ކެތި ސާޖަންޓް އާދަމް ހަލީމަށެވެ.