03 Mar 2013, 17:43
ފުލުހުންގެ ހިދުމަތުގައި ހަރަކާތެރިވާން ބޭނުންވާ 150 މީހުން ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސާވިސް އިން ފަށައިފި އެވެ.
ފުލުހުންގެ އިދާރާއާ އަލަށް ގުޅެން ބޭނުންވާ މީހުން ހޯދާ އިރު، ފަންނީ އެކިއެކި ދާއިރާތަކުން ޑިގްރީ އިން ފެށިގެން މަތީ ފެންވަރަށް ތައުލީމު ހާސިލުކޮށްގެން ތިބި ފަރާތްތަކަށް އިސްކަން ދޭނެ ކަމަށް ފުލުހުންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ނަވީންނާ ހަވާލާދީ ފުލުހުން ބުންޏެވެ.
ފޮރެންސިކްސްގެ ދާއިރާ އާއި ބައޯ ސައިންސް އާއި ހިއުމަން ރިސޯސް މެނޭޖްމަންޓް އަދި ޝަރުއީ ދާއިރާ ފަދަ ފުލުހުންގެ ތެރެއަށް ބޭނުންތެރި ފަންނީ އެކިއެކި ދާއިރާތަކުން ފުލުހުންގެ ތެރޭގައި ފުރުސަތުތައް ހުރިކަން އެނާ ވަނީ ފާހަގަކޮށްފަ އެވެ. އަދި ޑިގްރީ އިން ފެށިގެން މަތީ ފެންވަރަށް ތައުލީމު ހާސިލުކޮށްގެން ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކަށް ފުރަތަމަ ވަޒީފާ ދޭނީ ވެސް ހަމަޖެހިފައިވާ އުސޫލުގެ މަތިން ތައުލީމާއިި އެއްވަރުގެ ރޭންކަކާ އެކުގައި ކަމަށް ވެސް ނަވީން ވަނީ ވިދާޅުވި އެވެ. އަދި އެފަދަ ފަރާތްތަކަށް ފުލުހުންގެ ދާއިރާ އިން ކުރިއަށް ދިއުމަށް ރާއްޖެއާއި ރާއްޖެ އިން ބޭރުން ވެސް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ ވަޒީފާ އަށް މީހުން ހޯދަން ފަށާފައިވާ އިރު މިފަހަރު ފުލުހުންގެ ވަޒީފާ އަށް ރެކްރޫޓްކުރާ އެންމެ ދަށް މިންގަނޑަކީ ދިވެހި އިސްލާމްގެ އިތުރުން ޖީސީއީ އައިޖީސީއެސްއީގެ ހަތަރު މާއްދާ އިން ދަށްވެގެން ސީ ފާސް ލިބިފައިވާ މީހެއް ކަމުގައި ވާންޖެހޭނެ ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުންގެ މުއައްސަސާ އަށް އަލަށް ހުޅުވާލާފައިވާ ވަޒީފާގެ ފުރުސަތުގެ ތެރޭގައި ސިވިލް މުވައްޒަފުންގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.