03 Mar 2013, 17:27
އުތުރުގެ ހަތަރު އަތޮޅަށް އަމާޒުކޮށްގެން ރ. ވަންދޫގައި ކުނި ނައްތާލުމުގެ ނިޒާމެއް ގާއިމުކުރުމަށް 60 މިލިއަން ރުފިޔާ އަށް ޑެންމާކުގެ އެމްޓީ ހޯގާޑާ މިއަދު ހަވާލުކޮށްފި އެވެ.
ރ. ވަންދޫގައި ގާއިމްކުރުމަށް ނިންމާފައިވާ ކުނި މެނޭޖްމަންޓް ނިޒާމު ގާއިމްކުރުމުގެ އެއްބަސްވުން ހޯގާޑް ކުންފުންޏާ ހަވާލުކުރުމުގެ ގޮތުން މިއަދު ވަނީ ނަސަންދުރާ ޕެލަސްހޮޓަލުގައި ހާއްސަ ހަލްފާއެއް ވެސް ބާއްވައިފަ އެވެ.
އެންވައިރޮމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަތީން މުހައްމަދު މިއަދު ސަން އޮންލައިނަށް ވިދާޅުވީ ނ، ރ، ބ، ޅ. އެ ހަތަރު އަތޮޅަށް އަމާޒުކޮށްގެން ރައްކާތެރި ގޮތުގައި ކުނި ނައްތާނެ ޕްރޮޖެކްޓް ގާއިމްކުރުމަށް ހޯގާޑް ކުންފުއްޏާ މިއަދު ހަވާލުކުރީ އެ ހަތަރު އަތޮޅުގައި އުފެދޭ ކުނި ރައްކާތެރިމަކާ އެކު ނައްތާލާނެ އިންތިޒާމެއް ހަމަޖެއްސުމަށާއި އެ ރަށް ތަރައްގީ ކުރުމަށް ކަމަށެވެ.
"މިއަދު ހޯގާޑް ކުންފުންޏާ މި ހަވާލުކުރެވުނީ 60 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް. އޭގެ ތެރޭގައި ހިމެނޭ ވަންދޫ ތަރައްގީ ކުރުމުގެ މަޝްރޫއޫތައް، އޭގެ ތެރޭގައި ހިމެނޭ ވަންދޫގެ ބަނދަރު ހެދުމާއި ގޮނޑުދޮށް އެތަނަށް ބޭނުންވާ ފެސިލިޓީ ގާއިމްކުރުމާއި މަގުތަށް ހެދުން ވެސް،" މަތީން ވިދާޅުވި އެވެ.
މަތީން ވިދާޅުވީ އެ ޕްރޮޖެކްޓަކީ ނަމޫނާ ޕްރޮޖެކްޓްއެއް ކަމަށާއި އެ ޕްރޮޖެކްޓްގެ ދަށުން ރަށްރަށުގައި ކުނި އުފުލުމަށް ބޭނުންކުރާ ބާޖެއް ގަތުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އަދި ކުނިމެނޭޖް ކުރުމަށް ވަންދޫ ބޭނުންކުރާ އިރު އެ ރަށުގެ ބައެއް ކުރިއަށް އޮތްތަނުގައި ސިނާއީ މަސައްކަތްތައް ކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ރަށުން އަންދާ ކުނި ބޭނުންކޮށްގެން ކަރަންޓް އުފެއްދުމުގެ މަސައްކަތް ކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
މޯލްޑިވްސް އެންވައިރަންމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓަކީ ވޯލްޑް ބޭންކުގެ 13.8 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.