03 Mar 2013, 17:04
އެމްޑީޕީގެ މުޒާހަރާގައި ހަރަކާތްތެރިވި އެ ޕާޓީގެ ސަޕޯޓަރަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ބުނާ މައްސަލަ ސާބިތުކުރެވޭ ވަރަށް އެކަށީގެންވާ ހެކި ލިބިފައިނުވާ ކަމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ބުނެފި އެވެ.
އެމްޑީޕީގެ މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލުމަށް ފުލުހުން ހަރަކާތްތެރިވި އިރު މުޒާހަރާގެ ތެރޭގައި ހަރަކާތްތެރިވި ޒީނަތު ޒަކީ ކިޔާ އަންހެނަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނެ ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާތަކުގައި ފެތުރެމުން ދިޔަ ވާހަކަތަކާ ގުޅިގެން އެ މައްސަލަ އެ ކޮމިޝަނުން ތަހުގީގުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަަލައާ ގުޅިގެން އެ ކޮމިޝަނަށް ލިބިފައިވާ ލިޔެކިޔުންތަކާއި ހޯދިފައިވާ ބަޔާންތަކަށް ބަލާއިރު އެއަންހެން މީހާއަށް އެއްވެސް އަނިޔާއެއް ފުލުހުން ކޮށްފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ވެސް އެ ކޮމިޝަނުން އެ މައްސަލަ ބެލުމަށްފަހު އެކުލަވާލައިފައިވާ ރިޕޯޓްގައި ބުނެފައިވެ އެވެ.
އެ ކޮމިޝަންގެ ރިޕޯޓްގައި ބުނެފައި ވަނީ އެކަމާ ގުޅިގެން ލިބިފައިވާ ވީޑިއޯތަކަށް ބަލާއިރު އެއްވެސް ފުލުހަކު ޒީނަތަށް އަނިޔާކޮށްފައިވާތަން ފެނިފައި ނުވާ ކަމަށެވެ. އަދި އެ މުޒާހަރާގެ ތެރެއިން ޒީނަތު ޒަކީގެ ގައިގައި ފުލުހުން ހިފެހެއްޓުމާ އެކު އޭނާ ގައިން ބާރުދޫކޮށްލާފައި ވާތީ ފުލުހުން އޭނާ ގެންގޮސްފައި ވަނީ އުފުލާފައިގެން ކަމުގައި ވާތީ އެނާ އުފުލައިގެން ގެންގޮސްފައި ވަނީ އަންހެން ފުލުހުންކަން ތަހުގީގަށް ސާބިތުކުރެވިފައިވާ ކަމަށާއި އޭނާގެ މެޑިކޯ ލީގަލް ރިކޯޑުގައި އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ވެފައިވާކަން ބަޔާންކޮށްފައި ނުވާ ކަމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ޒީނަތުގެ މެޑިކޯ ލީގަލް ރިކޯޑުގައި ފާހަގަކޮށްފައިވާ ނޫފައިގެންފައިވާ ތަންތަނަކީ ވާގިދޫކޮށްލައިގެން އޮތް މީހަކު އުފުލައިގެން ގެންދިއުމުގެ ތެރޭގައި ވެދާނެ ކަމަށް ބުއްދި ގަބޫލްކުރާ އަނިޔާތަކެއް ކަމަށް ވެސް ފޮލިސް އިންޓަގްރިޓީންގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.
އެ ރޭގެ މުޒާހިރާ ރޫޅާލުމުގެ ތެރޭގައި ފުލުހުންގެ ބެލުމުގެ ދަށަށް އެެ އަންހެން މީހާ ގެންދިއުމަށް ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް އޭނާއަށް ވަނީ ފިޓް ޖެހިފަ އެވެ. އެވަގުތު ފުލުހުން ވަނީ އެއަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފަ އެވެ.