ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް ދައުލަތުން ދައުވާ ކޮށްފައި ވާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް މިދިޔަ މަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ފުލުހުންނާ ދިމާލަށް ގާއުކި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ ގާއުކުމުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވާފައި ވަނީ މާލެ ދަފްތަރު 7819 ސަމާން ޖަމާލް 19، އާއި ސ.ފޭދޫ ބުލްބުލްވިލާ، އަނަސް ޝަރީފް 18، އާއި ށ.މިލަންދޫ ބަށިމާގެ، މުޙައްމަދު ޙަނީފް 23، ގެ އިތުރުން ޅ.ހިންނަވަރު ބުސްތާނުގެ، އިބްރާޙީމް ޞިފާޙު 21، ގެ މައްޗަށް ކަމަށެވެ.

އެ އެންމެންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މިދިޔަ މަހުގެ 16ވަނަ ދުވަހު އެމްޑީޕީން ކުރި މުޒާހަރާގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ސަފުތަކުގެ ތެރެއަށް ގައު އުކާފާވާކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ފުލުހުން ބުންޏެވެ.