އައިލެންޑް އޭވިއޭޝަންގެ ދެ ޑިޕާޓްމަންޓެއްގައި މަސައްކަތް ކުރާ 248 މުވައްޒަފަކު، މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ކުއްޔަށް ދީފައިވާ، އިންޑިއާގެ ކުންފުނި، ޖީއެމްއާރަށް ބަދަލުކުރުމަށް ލިސްޓް ފޮނުވައިފި އެވެ.


އައިލެންޑް އޭވިއޭޝަނުގެ އެޑްމިން މެނޭޖަރު އަލީ ނަޝާތު އިއްޔެ ވިދާޅުވީ އެއާޕޯޓްގެ ގްރައުންޑް ހޭންޑްލިން އާއި ކާގޯގައި މަސައްކަތް ކުރާ 248 މީހުން ޖީއެމްއާރަށް ބަދަލު ކުރުމުގެ ފަހުގެ މަރުހަލާތައް މިހާރު ކުރިއަށްދާ ކަމަށާއި 16 މުވައްޒަފެއްގެ ކޮންޓްރެކްޓް އެ ކުންފުންޏަށް ބަދަލުކޮށްފައިވާ ކަމަށެވެ.  


ނަޝާތު ވިދާޅުވީ ޖީއެމްއާރަށް ބަދަލުކުރާ މުވައްޒަފުންނާއި ޖީއެމްއާރާ ދެމެދު ސޮއި ކުރަނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ކަމަށާއި އެ ދެ އަހަރުގެ ތެރޭގައި އެއްވެސް މުވައްޒަފެއްގެ ވަޒީފާ ދަށްކޮށް، ވަޒީފާ އިން ވަކިކުރުން ފަދަ ކަމެއްކޮށްގެން ނުވާނެ ކަމަށް ކޮންޓްރެކްޓްގައި ބަޔާންކުރާ ކަމަށެވެ.


އެޑްމިން މެނޭޖަރު ވިދާޅުވީ ފައިނޭންސް މިނިސްޓްރީން އައިލޭންޑް އޭވިއޭޝަނަށް އަންގާފައި ވަނީ ޖީއެމްއާރުން އަންގާ ގޮތެއްގެ މަތީން މުވައްޒަފުން ބަދަލުކުރުމަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޖީއެމްއާރުން ފުރަތަމަ ފޮނުވި ލިސްޓްގައި ހިމެނެނީ 250 މުވައްޒަފުން އެ ކުންފުންޏަށް ބަދަލު ކުރުމަށް ކަމަށާއި ނަމަވެސް އެ ލިސްޓް ފޮނުވި ފަހުން ދެ މުވައްޒަފަކު ވަޒީފާ އިން ވަކިވެފަ އެވެ.


އައިލޭންޑް އޭވިއޭޝަނުގައި މަސައްކަތްކުރާ މުވައްޒަފަކު ނަން ނުޖެހުމަށް ޝަރުތުކޮށް އިއްޔެ ބުނީ ޖީއެމްއާރަށް އެ މީހުން ބަދަލުކުރާތީ ބައެއް މުވައްޒަފުން ކަރުނައަޅައި ރޯ ކަމަށާއި އެފަދަ މުވައްޒަފުންނަށް އެ މީހުން "އަނބުރާ އަޅުވެތި ކަމަށް ދާކަމުގެ އިހުސާސް ކުރެވޭ" ކަމަށެވެ.


ނަޝާތު ވިދާޅުވި ގޮތުގައި 248 މުވައްޒަފުން ޖީއެމްއާރަށް ބަދަލުކުރުމަށް ވާހަކަ ދައްކަމުން ދަނީ މި މަހު 25 އިން ފެށިގެން އެ ކުންފުންޏަށް ބަދަލުވާ ގޮތަށެވެ.


މާލޭ ބައިނަލްއަގުވާމީ ވައިގެ ބަނދަރު މި އަހަރުގެ ޖޫން މަހުގެ ފަހު ކޮޅު ސަރުކާރުން ޖީއެމްއާރަށް ހަވާލުކުރީ، ރައްޔިތުންގެ މަޖިލީހުގެ ހުއްދައަކާ ނުލައި ދައުލަތުގެ އެއްވެސް މުދަލެއް އެއްވެސް ފަރާތަކަށް ދީ ވިއްކައިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރިތާ، ހަ ގަޑިރު ވެސް ނުވަނީހެވެ. އަދި އިންޑިއާގެ ކުންފުންޏާ އެކު ހުރިހާ އެއްބަސްވުންތަކެއް ވަމުން ސަރުކާރުން ދަނީ، މަޖިލީހުގެ ހުއްދައަކާ ނުލައި ދައުލަތުގެ އެއްވެސް ހަރުމުދަލެއް ވިއްކައިގެން ނުވާނެ ކަމަށް މާލިއްޔަތު ގާނޫނުގައި ބަޔާންކޮށްފައި ވަނިކޮށް، އެ ބިލް ތަސްތީގު ނުކުރައްވައި ބާއްވައިގެންނެވެ.


ޖީއެމްއާރަށް އެއާޕޯޓް ހިންގަން 25 އަހަރަށް ދިނީ އެއާޕޯޓުން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން 25 ޑޮލަރު ނެގުމުގެ ހުއްދަ ދިނުމަށް ފަހުގަ އެވެ. އެއާ އެކު މިހާރު އެއާޕޯޓް ޓެކްސްގެ ގޮތުގައި ކޮންމެ ފަސިންޖަރަކު ދައްކަން ޖެހޭ 18 ޑޮލަރުގެ ޓެކުހާ އެކު މީހަކު 43 ޑޮލަރު ދައްކަން ޖެހޭނެ އެވެ.


އެއާ ޕޯޓުން މިދިޔަ އަހަރު ފުރި 850000 ފަސިންޖަރުންގެ ރޭޓުން ބޮލަކަށް 25 ޑޮލަރު ނަގާ ނަމަ އަހަރުގެ ތެރޭގައި 21.25 މިލިއަން ޑޮލަރު، [273 މިލިއަން ރުފިޔާ] ހަމަ އެކަނި ފުރާ ފަސިންޖަރުންގެ  އަތުން ޖީއެމްއާރަށް ލިބޭނެ އެވެ. އޭގެ އިތުރުން އެއާޕޯޓްގެ ޑިއުޓީ ފުރީތަކާއި ކާގޯ އާއި ގްރައުންޑް ހޭންޑްލިން އިން ލިބޭ ފައިސާ އަކީ ވެސް ޖީއެމްއާރަށް ލިބޭ އެއްޗެތި ކަމަށް ވާނެ އެވެ.  


އައިލޭން އޭވިއޭޝަންގެ މިދިޔަ އަހަރުގެ ފައިދާ ދައްކާ ގޮތުން ގްރައުންޑް ސާވިސް އާއި ކާގޯ އާއި ލޯންޖްތަކުން އެކަނި ވެސް އެ ކުންފުންޏަށް 67 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.