03 Mar 2013, 15:47
ގދ. ފަރެސްމާތޮޑާއަށް ވިހެއި ދެ ބޯ ހުރި ބުޅަލެއް ދެ ދުވަސް ފަހުން މަރުވެއްޖެ އެވެ.
ސަންއަށް މައުލޫމާތު ދިން މީހަކު ބުނީ މީގެ ދެ މަސް ދުވަސް ކުރިން އެ ރަށަށް ވިހެއި ދެ ބޯ ހުރި ބުޅާ ވިހޭތާ ދެ ދުވަސް ފަހުން މަރުވެފައިވާ ކަމަށެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ބުޅަލުގެ ފޮޓޯއިން ފެންނަ ގޮތުގައި ހުދާއި މުށި ކުލައިގެ ބުޅަލުގެ ކަރާ ދިމާލުން ދެބޯ ނުކުމެފައި ހުންނަތަން ފެނެ އެވެ. ބުޅަލުގެ ދެ ބޯ ގުޅިފައި ހުރިއިރު ދެ ބޯ ވެސް ހުރީ އެއް ގޮތަކަށެވެ. ބުޅާ އުފަންވިއިރު ދެބޯހުރި ނަމަވެސް ހަށިގަނޑުގެ އެހެން ގުނަވަނެއްގައި އައިބެއް ހުރިކަން ފާހަގަ އެއް ނުކުރެވެ އެވެ.
ފަރެސް މާތޮޑާ ކައުންސިލުން ބުނީ ފަރެސް އަވަށުގައި އުޅުނު ބުޅަލެއް ވިހެއި ދެ ބޯ ހުރި ޅަ ބުޅާ ފެނުނީ ރަށުގެ ކުޑަކުދިންތަކަކަށް ކަމަށާއި އެ ކުދިން އެ ބުޅާ ނަގައިގެން މީހުންނަށް ދައްކައި، ފޮޓޯ ނަގައި ހެދި ކަމަށެވެ. އަދި އެ ބުޅާ ނަގައި ހަދައި އުޅުނު ކުދިންނަށް ރަށުގައި އުޅުނު ބުޅަލެއްގެ ފަރާތުން ހަމަލާތަކެއް އައި ކަމަށް ވެސް ރަށު ކައުންސިލުން ބުންޏެވެ.
ރަށުގަ އުޅޭ ކުދިންތަކެއް ޅަ ބުޅާ ގެންގޮސް ފަޅު ގެއެއްގެ ތެރޭ ފޮރުވާފައި އޮއްވައި އެ ރަށު އެހެން ބަޔަކު އަނެއްކާވެސް އޭތި ނަގައިގެން ގެންގޮސް ކުޑަ ބޮއްކެއް ދިއްލާފައި ފޮށްޓަކަށްލައިގެން ގެންގުޅެނިކޮށް މަރުވީ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ސައިންޓިފިކް ދިރާސާތަކުން ދައްކާ ގޮތުން ދެބޯހުރި ބުޅާ އުފަންވަނީ ދަރިމައިވުމުގައި ދަރިފަނި ދެ ބިސް ވަކިނުވެ، ބަނޑުތެރޭގައި ގަރުބަގަނެ، ބޮޑުވާން ފެށުމުންނެވެ. އެފަދަ ހާލަތްތައް މެރުވެރިވަނީ ވަރަށް ނާދިރު ހާލަތެއްގަ އެވެ.