ހަތް ދުވަހުގެ ތެރޭގައި އުސްފަސްގަނޑު ސަރަހައްދު ހުސްކުރުމަށް ފަހު ހަވާލުކުރުމަށް ހައުސިން މިނިސްޓްރީން އެންގި އެންގުމަކީ ބާތިލް އެންގުމެއް ކަމަށް ކަނޑައަޅައިދިނުމަށް މާލޭ ސިޓީ ކައުންސިލުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

މަލޭ ސިޓީގެ މޭޔަރު މައިޒާން އަލިމަނިކު (އަލިބެ) މިއަދު ވިދާޅުވީ މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އުސްފަސްގަނޑު ސަރަހައްދު ހުސްކުރުމަށް ފަހު ހަވާލު ކުރުމަށް ހައުސިން މިނިސްޓްރީން އެ ކައުންސިލަށް އެންގި އެންގުމަކީ ބާތިލް އެންގުމެއް ކަމަށް ކަނޑައަޅައި ދިނުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ މިއަދު ކަމަށެވެ.

އޭނާ ވިދާޅުވީ އުސްފަސްގަނޑު ހައުސިން މިނިސްޓްރީއާ ހަވާލު ކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމް އެ ކައުންސިލުން އިސްތިއުނާފު ކުރުމުން ހައިކޯޓުން އެ ހުކުމް ބާތިލް ކޮށްފައިވާތީ އެތަނަކީ މިހާރު ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތްތަނެއް ކަމަށެވެ. އަދި ހައިކޯޓުން އެގޮތަށް ހުކުމް ކޮށްފައި ވަނިކޮށް އެތަން ހުސްކުރުމަށް އެންގުމުގެ ބާރު ހައުސިން މިނިސްޓްރީއަށް ލިބިގެން ނުވާކަމަށް ވެސް އަލިބެ ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އުސްފަސްގަނޑު ސަރަހައްދު ހުސްކޮށް ހަތް ދުވަހުގެ ތެރޭގައި އެ މިނިސްޓްރީއާ ހަވާލު ކުރުމަށް ނޯޓިސް ފޮނުވީ ހައިކޯޓުގެ ހުކުމްގައިވާ ކަންތައްތަކަށް ރިޔާޔަތްކޮށް ބަންޑާރަ ނާއިބް ދެއްވި ލަފާފުޅާއި މަޝްވަރާގެ މަތީންކަމަށެވެ.

އުސްފަސްގަނޑު މައްސަލައިގައި ހައިކޯޓުން ކުރި ހުކުމްގައި ބުނަނީ ސިޓީ ކައުންސިލުން ގަވާއިދާ ޚިލާފަށް އެތަން ބޭނުންކުރާނަމަ އެތަން އަތުލުމަށް ކޯޓަށް ދާކަށް ނުޖެހޭނެ ކަމަށެވެ.