03 Mar 2013, 14:28
ޒިނޭކުރިކަމަށް ސާބިތުވާތީ ހައްދުޖެހުމަށް ރާއްޖޭގައި ހުކުމްކޮށްފައިވާ އުމުރުން 15 އަހަރުގެ އަންހެން ކުއްޖާގެ ގައިގާ ހައްދު ނުޖަހައި އެއްވެސް ޝަރުތެއް ނެތި އޭނާ ވަގުތުން ދޫކޮށްލުމަށް ގޮވާލާ ޕެޓިޝަނެއް އެމްނެސްޓީ އިންޓަނޭޝަނަލް އިން ސޮއިކުރުވަމުން އެބަދެ އެވެ.
އެމްނެސްޓީގެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ އޭނާ ވަގުތުން ދޫކޮށްލުމަށާއި އޭނާގެ ގައިގާ ހައްދު ނުޖަހާނެކަން ކަށަވަރު ކުރުމަށެވެ. އަދި ބުނެފައި ވަނީ "ރޭޕްކުރެވުމަށް ފަހު ސަލާމަތްވާ ފަރާތްތަކަށް ބޭނުންވާނީ ކައުންސެލިން އާއި ސަޕޯޓް" ކަމަށެވެ.
އެމްނެސްޓީ އިންޓަނޭޝަނަލްގެ ޕެޓިޝަނަށް ދެ ދުވަސް ވެފައިވާ އިރު އެ ޕެޓިޝަނުގައި މިހާތަނަށް 10،000 އަށް ވުރެ ގިނަމީހުން ވަނީ ސޮއިކޮށްފަ އެވެ. އެމްނެސްޓީގެ އަމާޒަކީ އެ ޕެޓިޝަނުގައި 15،000 މީހުން ލައްވާ ސޮއިކުރުމެވެ.
އުމުރުން 15 އަހަރުގެ ކުއްޖާގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވެފައި ވަނީ އޭނާގެ ދޮން ބައްޕަ އޭނާ ރޭޕްކުރުމުގެ ކުރިން އެހެންހަކާ އެކު ޒިނޭކޮށްފައިވާކަމަށް ޝަރީއަތުގައި އަމިއްލަ އަށް އިއުތިރާފުވެފައި ވާތީ އެވެ.