03 Mar 2013, 14:11
އިސްކަންދަރު ސްކޫލްގައި ކިޔަވަމުންދާ ގިނަ އަދަދެއްގެ ކުދިންނަށް ޓީބީ ޖެހި ސްކޫލްގައި ޓީބީ ފެތުރެމުންދާ ކަމަށް ދައްކަމުން ގެންދާ ވާހަކައަކީ އެއްވެސް ހަގީގަތެއް އޭގައި އެކުލެވިގެންވާ ވާހަކަ އެއް ނޫން ކަމަށް އިސްކަންދަރު ސްކޫލުން ބުނެފި އެވެ.
ސަން އޮންލައިން އަށް މިއަދު ދެއްވި ބަސްދީ ގަތުމެއްގައި ސްކޫލްގެ ޕްރިންސިޕަލް ހުސެއިން ސައީދު ވިދާޅުވީ އެ ސްކޫލްގެ ގްރޭޑް ދޭއް ގައި ކިޔަވަމުންދާ ދަރިވަރުކު މިދިޔަ ހަފްތާ ތެރޭގައި ޓީބީ އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ސްކޫލްގެ އެހެން އެއްވެސް ކުއްޖަކު ޓީބީ އަށް ޕޮޒިޓިވް ވެފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ޕްރިންސިޕަލް ވިދާޅުވީ ޓީބީ އަށް ޕޮޒިޓިވް ވި ކުއްޖާ ގޭގައި ހުރެގެން ފަރުވާ ހޯދަމުންދާ ކަމަށާއި އަދި އެކުއްޖާގެ ފިލާވަޅުތައް ދުވަހުން ދުވަހަށް ސްކޫލްގެ ފަރާތުން އެ ކުއްޖާ އަށް ދެމުންގެންދާ ކަމަށެވެ.
"އަޅުގަނޑުމެން ސްކޫލްގައި ޓީބީ ފެތެރެމުންދާ ކަމަށް ދައްކަމުން ގެންދާ ވާހަކަތަކަކީ މުޅިން ދޮގު ވާހަކަ އެއް. އެއް ވެސް ހަގީގަތެއްގެ މައްޗަށް ދައްކަމުން ގެންދާ ވާހަކަ ތަކެއް ނޫން އެއީ. އަޅުގަނޑުމެން ސްކޫލްގެ ގްރޭޑް ދޭއް ގައި ކިޔަވަމުންދާ ދަރިވަރަކު ޓީބީ އަށް ޕޮޒިޓިވް ވި. އޭގެ އިތުރުން އެއް ވެސް ކުއްޖަކު ޓީބީ އަށް ޕޮޒިޓިވް ވެފައެއް ނުވޭ. " ޕްރިންސިޕަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކުއްޖާ ޓީބީ އަށް ޕޮޒިޓިވް ވެފައިވާ ކަން އެގުނީ އެ ކުއްޖާގެ ބެލެނިވެރިން ފަރާތުން ކަމަށާއި އެގޮތުން އެ ކުއްޖާ އާދަޔާ ހިލާފަށް ބަލިވެ އުޅޭތީ ސްކޫލަށް އެންގުމުން އެކަން ސްކޫލުން ސަރުކާރުގެ ކަމާ ބެހޭ ފަރާތް ތަކަށް އަންގައިގެން ޓެސްޓް ކުރީ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ ކުއްޖާ ޓީބީ އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ސަރުކާރުގެ ކަމާ ބެހޭ ފަރާތް ތަކާ ގުޅިގެން ސްކޫލްގެ ފަރާތުން އެ ކްލާހުގެ ހުރިހައި ކުދިންނާއި އަދި އެ ކުލާހަށް ކިޔަވައިދޭ ހުރިހައި ޓީޗަރުން ޓެސްޓް ކުރި ކަމަށާއި އެހްން ނަމަވެސް އެއްވެސް ކުއްޖަކު ވެސް އަދި އެއްވެސް ޓީޗަރަކު ވެސް ޓީބީ އަށް ޕޮޒިޓިވް ވެފައި ނުވާ ކަމަށެވެ.
ޕްރިންސިޕަލް އިތުރަށް ވިދާޅުވީ އެ ސްކޫލްގައި ޓީބީ ފެތުރެމުންދާ ކަމަށް ބުނެ ވާހަކަތައް ފެތުރުމުގެ ސަބަބުން އެ ކުއްޖާ އަށާއި އެ ކުއްޖާގެ ބެލެނިވެރިންނަށާއި އަދި އެ ސްކޫލަގައި ކިޔަވަމުންދާ އެހެން ކުދިންނަށް ނަފްސާނީ ގޮތުން އަސަރު ކުރަމުންދާ ކަމަށާއި އެހެން ކަމުން އެއްވެސް ފަރާތަކުން އެފަދަ ވާހަކަ ތަކެއް ނުދެއްކުމަކީ ސްކޫލްގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.