03 Mar 2013, 13:33
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރަނީ ސިޔާސީ ދައުވާއެއް ކަމަށް ބުނެ މިދިޔަ މަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ހދ. ނޮޅިވަރަންފަރު ވައިޓްސްޓާ މޫސާ އަބޫބަކުރު، 45، އާއި މ. އިރާކުމާގެ އާދަމް މޫސާ، 72، އާއި ގދ. ވާދޫ ބޭމްޕްވިލާ އަޙްމަދު ޒާހިރު، 28،ގެ އިތުރުން ޏ. ފުވައްމުލައް ރިވިލް އަޙްމަދު އިލްހާމް، 33،ގެ މައްޗަށް ކަމަށެވެ.
އެ މީހުންގެ ތެރެ އިން މޫސާ އަބޫބަކުރުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ހަމަލާދޭނެ ކަމަށް ބުނެ އިންޒާރު ދިންކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ފުލުހުން ބުންޏެވެ. އަދި އާދަމް މޫސާގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ އެ ދުވަހުގެ މުޒަހަރާގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ބެރިކޭޑް ހުރަސްކޮށް ވަދެ ފުލުހުންނަށް އިންޒާރުދިން ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެމީހުންގެ ތެރެއިން އަޙްމަދު ޒާހިރުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންނަށް އިންޒާރު ދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ. ހަމައެހެންމެ އަހްމަދު އިލްހާމްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިއީ މުޒާހަރާއެއްގައި ހަމަނުޖެހުން ހިންގި މައްސަލައެއްގެ ތަހުގީގު ނިންމައި އަވަސް މުއްދަތެއްގައި ޕީޖީ އަށް ފޮނުވި ފުރަތަމަ ފަހަރެވެ. މި މައްސަލައިގެ އިތުރުން ވެސް އެމްޑީޕީން ކުރި މުޒާހަރާގައި ފުލުހުންނާ ދިމާލަށް ގާއުކި މައްސަލައެއް ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.