03 Mar 2013, 13:02
އޭއެފްސީ ކަޕުގައި އަންނަ އަންގާރަ ދުވަހު ރައްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ނިކުންނަ ހޮންކޮންގުގެ ސަންރޭ ކޭވް ޖޭސީ ސަންހައިގެ ޓީމް ރޭ ދަންވަރު މާލެ އަތުވެއްޖެ އެވެ.
ރޭ މާލެއާ ސަންހައިގެ ޓީމުގައި 18 ކުޅުންތެރިންނާއެކު ނުވަ އޮފިސަލުން ތިއްބެވެ. އަދި އެ ޓީމް މާލޭގައި ތިބުމަށް ހަމަޖެހިފައި ވަނީ ނަލަހިޔާ ހޮޓަލުގަ އެވެ.
އަންނަ އަންގާރާ ދުވަހުގެ ހަވީރު 4:00 ޖަހާއިރު ގަލޮޅު ރަސްމީ ދަނޑުގައި ނިއުއާ ދެކޮޅަށް ސަންހައިގެ ޓީމް ނިކުނައިރު، އޭޓީމުގެ ފުރަތަމަ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:00 ޖަހާއިރު ހެންވޭރު ދަނޑުގައެވެ.
އޭފްސީ ކަޕުގައި ރާއްޖޭގެ ނިއުރޭޑިއަންޓް ވާދަކުރަނީ ގްރޫޕް އެފްގަ އެވެ. އެޓީމުގެ އިތުރުން އެ ގުރޫޕްގައި ހިމެނެނީ މިޔަންމާގެ ޔަންގޮން ޔުނައިޓެޑް އާއި ހޮންކޮންގްގެ ސަންރޭ ކޭވް ޖޭސީ ސަންހައި އާއި އިންޑޮނީޝިއާގެ ޕަރްސީބޯ އެވެ.
އަންގާރަދު ވަހުގެ މެޗަށް ނިއުރޭޑިއަންޓުން ސަންހައިގެ ޓީމާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނިކުނައިރު، ސަންހައީގެ ޓީމް މީގެ ކުރިން ވަނީ ނިއު ދެ ފަރަރެއްގެ މަތިން ބަލިކޮށްފަ އެވެ. އެއީ ނިއުއާ ދެކޮޅަށް މާލޭގައި 2006 ވަނައަހަރު ކުޅުނު މެޗް 2-0 ލަނޑުން ސަންހާއި މޮޅުވި މެޗާއި ހޮންކޮންގުގައި 5-2 ލަނޑުން ސަންހައި މޮޅުވި މެޗެވެ.
ނިއުއާ ދެކޮޅަށް ނިކުންނަ ސަންހައި ޓީމަކީ ހޮންކޮންގައި މިހާރު ކުރިއަށްދާ "ހޮންކޮން ލީގު" ގައި އެންމެ ފުލުގައިވާ ޓީމް ކަން ވެސް ފާހަގަ ކޮށްލެވެ އެވެ.
މިފަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖޭން ދެން ވާދަކުރާ މާޒިޔާ ކުޅޭ ފުރަތަމަ މެޗު އޮންނާނީ ބުދަ ދުވަހު މެލޭޝިއާގެ ކެލަންޓަންއާ ދެކޮޅަށް އެ ގައުމުގަ އެވެ. އެ މެޗަށް މިރޭ މާޒިޔާ ޓީމް ފުރުމަށް ވަނީ ހަމަޖެހިފައެވެ.
އޭއެފްސީ ކަޕުގައި ފުރަތަމަ ފަހަރަށް ވާދަކުރާ މާޒިޔާ ހިމެނެނީ ގްރޫޕް ޖީ ފަލީގައެވެ. އެ ފަޅީގައި ހިމެނޭ ޓީމް ތަކަކީ މެލޭޝިޔާގެ ކެލަންޓަން އާއި މިޔަންމާގެ އަޔޭޔަވަދޭ އާއި ވިއެޓްނާމްގެ އެސްއެޗްބީ ޑަ ނަންގު އެވެ.
ގްރޫޕް ސްޓޭޖު ގައި 32 ޓީމު ވާދަކުރާ މިމުބާރާތުގެ ގުރޫޕުތައް ބަހާލާފައި ވަނީ ދެ ބަޔަކަށެވެ. އެއީ ގްރޫޕް އޭ، ބީ، ސީ އަދި ޑީ ހިމެނޭ ހުޅަނގު އޭޝިޔާ ފަޅި އާއި ގްރޫޕް އީ، އެފް، ޖީ އަދި އެޗް ހިމެނޭ އިރުމަތީ އޭޝިޔާގެ ފަޅި އެވެ.
އެންމެ ފަހުން ބޭއްވި އޭއެފްސީ ކަޕްގައި ރާއްޖެއިން ވާދަކުރީ ވީބީ އައްޑޫ އެފްސީ އާއި ވިކްޓަރީ ސްޕޯޓްސް ކުލަބެވެ. އެ މުބާރާތުގެ ޗެމްޕިއަނުންނަކީ ކުވެއިތުގެ ކުވެއިތު ސްޕޯޓްސް ކުލަބެވެ.