ރާއްޖޭގެ ކުރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ބޭއްވި 31 ވަނަ ލިމިޓެޑް އޯވާ ކުރިކެޓް މުބާރާތުގެ ދެ ވަނަ ޑިވިޝަންގެ ތަށި ވިދިވިދިގެން ތިން ފަހަރު އޮފްއެފްސީގެ ޓީމުން ހޯދައިފި އެވެ.

އޮފްއެފްސީއިން މުބާރާތުގެ ތަށި ހޯދީ ފައިނަލުގައި މާލޭ ސްޕޯޓްސް ކުލަބާއި ބައްދަލުކޮށް 38 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.

ފައިނަލް މެޗުގައި ޓޮސް ދިމާވުމުން އޮފްއެފްސީ ކުޅެންއަރާ 40 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 237 ލަނޑު ހެދިއެވެ. އެންމެ ރަނގަޅަށް ކުޅުނީ 62 ލަނޑުހެދި މުހައްމަދު އަކްރަމް އާއި ނުބައިނުވެ 25 ލަނޑުހެދި މަހުމޫދު ރިޔާޒް އެވެ. މާލޭ ސްޕޯޓްސް ކުލަބުން އެންމެ ރަނގަޅަށް ކުޅުނީ ހަތް އޯވަރުގެ 35 ލަނޑަށް ދެ ވިކެޓް ނެގި މުހައްމަދު ސާމިންނެވެ.

ޖަވާބުގައި މާލޭ ސްޕޯޓްސް ކުޅެންއަރާ 40 އޯވަރު ހަމަވިއިރު ނުވަ ކުޅުންތެރިން ނުބައިވެގެން 200 ލަނޑު ހެދިއެވެ. މެޗުގައި އެންމެ ރަނގަޅަށް ކުޅުނީ 60 ލަނޑު ހެދި އަހުމަދު ޒައިދުއާއި 30 ލަނޑުހެދި އަހުމަދު ޔާނިސް އެވެ. އޮފް އެފްސީޓީމުން އެންމެ ރަނގަޅަށް އުކީ ފަސް އޯވަރު 37 ލަނޑަށް ތިން ވިކެޓް ނެގި އަހުމަދު އިސްހާގުއެވެ.

ފައިނަލް މެޗަށްފަހު މުބާރާތުގެ އެކިއެކި ވަނަތަކަށް އާ ފަރާތްކަށް އިނާމް ދެއްވީ އެފްއޭއެމްގެ ކުރީގެ ރައީސް އަދި ރައްޖިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ. އެގޮތުން ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުބާރާތުގައި 285 ލަނޑު ހެދި އަދި ނުބައިނުވެ 52 ލަނޑުހެދި މަހުމޫދު ރިޔާޒް އެވެ.

މުބާރާތުގެ އެންމެ މޮޅު ބެޓްސްމަން އަކަށް ހޮވުނީ 330 ލަނޑު ހެދި އިސްމާއިލް އަނީލް އެވެ. އެންމެ ރަނގަޅު އުކުންތެރިއަކަށް ހޮވުނީ މާލޭ ސްޕޯޓްސްގެ އަބްދުﷲ ޒިޔާދެވެ. އަދި އެންމެ މޮޅު ހޮވުން ތެރިއަކަށް ހޮވުނީ އަލީ ސުނާނެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިސްމާއިލް އަނިލް އެވެ.