އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ އަހަރުގެ ތެރޭގައި އެކޮމިޝަނަށް ހުށައެޅި މައްސަލަތަކުގެ ތެރެއިން 431 މައްސަލައެއް ނިންމައި އޭގެ ތެރެއިން 49 މައްސަލަ ޕީޖީއަށް ފޮނުވާފައިވާ ކަމަށް އޭސީސީ އިން ބުނެފި އެވެ.

އޭސީސީގެ 2012 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ނެރުމަށް މިއަދު އެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އޭސީސީގެ ނައިބް ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ މިދިޔަ އަހަރު އެ ކޮމިޝަނަށް 1138 މައްސަލަ ހުށައަޅާފައިވާ ކަމަށާއި 842 މައްސަލަ ބަލަން ނިންމައި އަދި 431 މައްސަލަ ބަލާފައިވާ ކަމަށެވެ. އަދި އޭގެތެރެއިން 54 މައްސަލަ ޕީޖީއަށް ފޮނުވަން ނިންމައި އޭގެތެރެއިން 49 މައްސަލަ މިދިޔަ އަހަރުގެ ތެރޭގައި ޕީޖީއަށް ފޮނުވާފައިވާ ކަމަށް ވިދާޅުވި އެވެ.

އެކޮމިޝަނުން މިދިޔަ އަހަރު ބެލި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 91 މައްސަލައަކާއި ދައުލަތަށް ފައިދާ ލިބެން އޮތްކަމެއްގައި އެ ނޫންގޮތަށް އަމަލުކުރުމުގެ 25 މައްސަލައަކާއި ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ 17 މައްސަލަ ހިމެނެ އެވެ.

މުއައްވިޒު ވިދާޅުވީ މިދިޔަ އަހަރު އެކޮމިޝަނުން ޕީޖީ އަށް ފޮނުވާފައިވާ މައްސަލަތަކުގެ ތެރޭގައި 145 ދައުވާގެއެއް 83 މީހުންނަށް ކުރާ ކަމަށެވެ. އަދި ޕީޖީ އަށް ފޮނުވި މައްސަލަތަކުގެ ފައިސާގެ އަދަދު 906 މިލިއަން ރުފިޔާ އަށް އަރާއިރު ދައުލަތަށް އަނބުރާހޯދުމަށް ދައުވާކުރީ 358 މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއައްވިޒު ވިދާޅުވީ މިދިޔަ އަހަރު އެ ކޮމިޝަނަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ބަޖެޓްގެ ތާށިކަން ކަމަށެވެ. އަދި މި އަހަރުގެ ބަޖެޓް ކުޑަކަމުން ވެސް އެކޮމިޝަނުގެ މަސައްކަތްތަކަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިދިޔަ އަހަރަކީ އެކޮމިޝަނުގެ ތާރީހުގައި ވެސް އެންމެ ގިނަ މައްސަލަ ޕީޖީއަށް ފޮނުވި އަހަރުކަމަށް އޭނާ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ ރާއްޖޭގެ ކޮރަޕްޝަން ހާލަތަށް ބަލާ އިރު އެއްވެސް ވަރަކަށް ރަނގަޅުނުވާ ކަމަށާއި އެއްވެސް ވަރަކަށް މައްސަލަތައް މަދުނުވާ ކަމަށެވެ. އަދި މައްސަތައްް ނިންމުމަށް ޕީޖީއަށް ވެސް ގޮންޖެހުންތަކެއް ހުރި އިރު މައްސަލަތައް އަވަސްކުރުމަށް ޕީޖީއާ އެކު މަޝްވަރާކުރަމުންދާ ކަމަށް ލުތުފީ ވިދާޅުވި އެވެ.