މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އާއި ނައިބު ރައީސްގެ މަގާމަށް މެންބަރުން އައްޔަން ކުރުމަށް މި މަހުގެ 28 ވަނަ ދުވަހު ޕާލަމެންޓްރީ ގްރޫޕްގެ އިންތިހާބު ބޭއްވުމަށް އެ ޕާޓީން ނިންމައިފި އެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ކަމުގެ މަގާމަށް އެއް ބޭފުޅަކު އަދި ނައިބު ރައީސް ކަމުގެ މަގާމަށް ދެ ބޭފުޅަކު ހަމަޖެއްސުމަށް ބާއްވާ އިންތިހާބުގައި ޕާލަމެންޓްރީ ގްރޫޕްގެ ވިޕުންގެ މަގާމަށް ވެސް ތިން މެންބަރަކު އިންތިހާބު ކުރާނެ އެވެ. އޭގެ އިތުރުން ޕާލަމެންޓްރީ ގްރޫޕްގެ ސެކެރެޓްރީ ޖެނަރަލް އާއި ސެކްރެޓަރީ ޖެނަރަލްގެ ނައިބު ކަމުގެ މަގާމަށް ވެސް މެންބަރުން އިންތިހާބުކުރާނެ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހަށް ވަނީ ހުޅުވާލާފަ އެވެ.

އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރުގެ ގޮތުގައި ހުންނެވީ ހިންވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް އެވެ. އަދި ނައިބު ލީޑަރުންގެ ގޮތުގައި ތިއްބެވީ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ އިންތިހާބަކީ ކޮންމެ އަހަރަކު ވެސް އެއް ފަހަރު ބާއްވާ އިންތިހާބެކެވެ.