ރާއްޖޭއަކީ ސައްތައިންސައްތަ މުސްލިމް ގައުމެއް ކަމަށް އަޅުގަނޑުމެން އެންމެން ވެސް އަޑަށް ބާރުލާފައި އެބަ ބުނަމު އެވެ.

އެހެންވީމާ "ދީނީ، ލާދީނީ،" ނުކިޔޭނެ އެވެ.

"ލާދީނީ" މި ލަފުޒަކީ އަސްލުގައި އެއްވެސް ދީނެއް ގަބޫލު ނުކުރާ ބަޔަކަށް ނޫނީ އެކަށީގެންވާ ލަފުޒެއް ކަމަކަށް ނުފެނެ އެވެ. ކަން މިހެން ހުރި އިރު ރާއްޖޭގައި އުޅެނީ އެފަދަ މީހުންނެއް ނޫނެވެ. އެންމެން ވެސް އިސްލާމްދީން ގަބޫލު ކުރެ އެވެ. ވާހާ ވެސް ކަމަކީ ބައެއް މީހުން ކޮންމެވެސް ވަރަކަށް ގޯޅިއެޅުމެވެ. އެހެންވީމާ ވެސް އެހެން ނުކިޔަމާތޯވެ.

ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްްކޮށް، އެދީނުގެ ޝިއާރުތައް މަތިވެރި ކުރުމުގެ މަގުސަދުގައި ކަމަށް ބުނެ އުފެއްދި ޕާޓީ އަކީ އަދާލަތު ޕާޓީ އެވެ. އެ ޕާޓީ އުފެދުނު އިރު ވެރިކަމުގައި ހުންނެވީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމެވެ. ޕާޓީ އުފެދިގެން ފުރަތަމަ ވެސް ކުރަން ފެށި ދައުވާ އަކީ "ރައީސް މައުމޫނާއި އެމަނިކުފާނުގެ ސަރުކާރު ހިންގުމުގެ ސިޔާސަތުތައް" ލާދީނީ ވާހަކަ އެވެ.

އޭރުގެ އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ލާދީނީ ކަމުގެ ވާހަކަ ވެސް ހަމަ އެހާ އަޑުގަދަކޮށް ދިޔައީ ދައްކަމުންނެވެ. ނަމަވެސް 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އައި އިރު އަދާލަތު ޕާޓީ އޮތީ އެމްޑީޕީއާ ގުޅިފަ އެވެ. އެ ޕާޓީގެ ޝެއިޚުން އެމްޑީޕީ އިއްތިހާދުގެ ޕޯޑިއަމްތަކުގައި ކީރިތި ކުރައްވައި ކަރުނަ އަޅުއްވަމުން ވާހަކަފުޅު ދެއްކެވި އެވެ.

ނަމަވެސް ކުރިން "ލާދީނީ" ކަމަށް އެބޭފުޅުން ތުހުމަތު ކުރެއްވި އެމްޑީޕީ "ދީނީ"ވީ ކަމެއް، ނުވަތަ ނޫން ކަމެއް، އަދި "ދީނީވީ" ނަމަ ވީ ކިހިނެތް ކަމެއް އަދާލަތުން ރައްޔިތުންނަށް ކިޔައެއް ނުދެ އެވެ.

އެހެންވީމާ ދީނީ، ލާދީނީއެއް ނުކިޔޭނެ އެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ އިއްތިހާދަށް ވެރިކަން ލިބުނެވެ. އެއާ އެކު އިސްލާމިކް މިނިސްޓްރީއެއް އުފައްދައި، އަދާލަތާ ހަވާލުކުރި އެވެ. އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމެންދެން ވެސް އެ މިނިސްޓްރީގެ އެންމެ މަތީ ވެރިންނަށް ތިއްބެވީ އަދާލަތު ޕާޓީގައި އިސްކޮށް ތިއްބަވަނިކޮށް އެމަގާމު ހަވާލު ކުރެއްވި ބޭފުޅުންނެވެ.

ނަމަވެސް ގައުމުގެ ރައްޔިތުން ދެބަޔަކަށް ބަހައި، ބައިބައިކޮށް، "ދީނީ، ލާދީނީ" ކިއުން އަދާލަތުން ހުއްޓައެއް ނުލަ އެވެ. އެކަން ވީ އިތުރެވެ.

ރައީސް ނަޝީދުގެ ސަރުކާރުން އިސްރާއީލާ ގާތް ގުޅުންތަކެއް ހިންގާ ކަމުގެ ތުހުމަތާ އެކު ދެން ގުޅުނީ ކުރިން "ލާދީނީ" ކަމަށް ބުނި ރައީސް މައުމޫނު ލީޑްކުރައްވަމުން ގެންދެވި ޕާޓީއާ އެވެ. މިފަހަރު ވެސް ބަހަނާ އަކީ ހަމަ އެއްކަލަ "ދީނީ ލާދީނީ" އެވެ.

އަދާލަތުން "ލާދީނީ ޓެގް" އެޅުވި އެމްޑީޕީގެ ވެރިކަން ނިމިއްޖެ އެވެ. އަދާލަތުން ރުހޭ ބޭފުޅެއްގެ ގޮތުގައި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމަށް ވަޑައިގެންފި އެވެ. ފެންނަ ފެނުމަށް އެމަނިކުފާނުގެ ދީނީ ސިޔާސަތު ކުރީގެ ދެވެރިންނާ މާބޮޑު ތަފާތެއް ނެތެވެ.

ހައްދާ ބެހޭ ގޮތުން ވެސް އެވަނީ ވާހަފުޅު ދައްކަވައިފަ އެވެ. ބައިސްކޯފަށް ވަޑައިގެން އެ އެ ވަނީ "ފިލްމް" ބައްލަވައިފަ އެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ އަދާލަތުން އަނެއްކާ ޑރ. ވަހީދާ ދިމާއަށް "ލާދީނީ" އޭ ގޮވަން ނުފަށާނެބާ؟" މިސުވާލެވެ. އަނެއް ސުވާލަކީ "ދީނީ" އާއި "ލާދީނީ" އަށް ވުރެ ފަސޭހަ ބަސްމަގެއް ގައުމު އިސްލާހު ކުރަން ނެތީތޯ؟" މިސުވާލެވެ.

ދީނީ، ލާދީނީ ނުކިޔަމާތޯ އެވެ. އެކަމުގެ ސަބަބުން ބައިބައިވުން އުފެދި، އެއްވެސް ދީނެއް ގަބޫލު ނުކުރާ، ހަގީގީ ލާދީނީ މީހުންގެ މުޖުތަމައެއް ރާއްޖޭގައި އުފެދިދާނެތީ އެވެ.

އެންމެންނަކީ ވެސް ދިވެހިންނެވެ. އެންމެންނަކީ ވެސް މުސްލިމުންނެވެ. އެހެންވީމާ "ދީނީ" ލާދީނީ ނުކިޔައި އިސްލާހު ކުރަން މަސައްކަތް ކުރައްވާނެ ނަމަ ރަނގަޅެވެ.

"ދީނީ، ލާދީނީ" ހަމަ ނުކިޔޭނެ އެވެ.