މުވައްޒަފުން ކުރާ މުޒާހަރާތަކާއި ހަޅުތާލުތަކަށް ހުރަސްއެޅޭ ގޮތަށް ސަރުކާރާއި ބައެއް ސިޔާސީ ޕާޓީތަކުން ރައްޔިތުންގެ މަޖިލީހަށް ބިލްތައް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ކަމަށް ބުނެ އިންޓަނޭޝަނަލް ޔޫނިއަން އޮފް ފުޑް ވޯކާސް (އައިޔޫއެފްޑަބްލިޔު) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.


ސަން އެފް އެމް އޮންލައިނަށް މައުލޫމާތު ދެއްވަމުން ޓީމްގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ޝިހާމް ވިދާޅުވީ ޤައުމީ ޕާޓީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ސަބަބުން ވެސް މުވައްޒަފުންނަށް ހަޅުތާލު ކުރުމަށް ލިބިފައިވާ ހައްޤަށް ހުރަސްތަކެއް އެޅޭކަމަށް އައިޔޫއެފްޑަބްލިޔު އިން ފާހަގަ ކުރި ކަމަށެވެ.


އެ ޔޫނިއަނުން މިއަދު ނޫސްވެރިންނާ ބައްދަލުކޮށް ދިވެހިރާޖޭގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ވާހަކަދައްކާފައިވެ އެވެ.


"ޤައުމީ ޕާޓީން ވެސް ވަނީ މަޖިލީހަށް ބިލެއް ހުށަހަޅާފައި. އަދި ސަރުކާރުން ވެސް ކެބިނެޓުގައި ގެންދަނީ މިފަދަ ބިލަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން. މި ދެ ބިލުގެ ސަބަބުން ވެސް މުވައްޒަފުންނަށް މުޒާހަރާ ކުރުމަށް ލިބިފައިވާ ހައްގަށް ހުރަސްތަކެއް އެޅޭ. މުޒާހަރާ ކުރުމަކީ ޤާނޫނު އަސާސީން މުވައްޒަފުންނަށް ލިބޭ ހައްގެއް." ޝިހާމް ވިދާޅުވި އެވެ.


އައިޔޫއެފްޑަބްލިޔު އިން ރާއްޖެ އަށް އައިސްފައި ވަނީ ޓީމްގެ އެދުމުގެ މަތީންނެވެ.


ދިވެހި ޤައުމީ ޕާޓީގެ ޕާލިމެންޓަރީ ޤުރޫޕުގެ ރައީސް އަދި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު މިރޭ ވިދާޅުވީ ޤައުމީ ޕާޓީގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލްގެ ސަބަބުން "މުވައްޒަފުންނަށް މުޒާހަރާ ކުރުމާއި ހަޅުތާލު ކުރުމަށް އެއްވެސް ހުރަހެއް ނޭޅޭނެ" ކަމަށެވެ.  


ރިޔާޒު ވިދާޅުވީ އެ ބިލުގައި ދެ ފަރާތުގެ މަސްލަހަތަށް ވެސް ބަލާފައިވާނޭ ކަމަށެވެ. "މިސާލަކަށް ބައްލަވާ ރިސޯޓުތަކުގައި ކުއްލިއަކަށް މުޒާހަރާ ކުރުމުގެ ސަބަބުން ބައެއް ފަތުރުވެރިންނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައި އެބަހުރި. މިހެންކަމުން މުޒާހަރާ ކުރުމުގެ ކުރިން ވަޒީފާދޭ ފަރާތްތަށް އެންގުމަކީ މުހިންމު ކަމެއްކަމަށް އަޅުގަނޑު ދެކެން." ރިޔާޒް ވިދާޅުވި އެވެ. އަދި އެ ބިލު ޤާނޫނަކަށް ވުމުން މުޒާހަރާ ކުރާ ފަރާތްތަކަށް އިތުރު މިނިވަންކަމެއް ލިބިގެން ދާނޭކަމަށް ރިޔާޒް ވިދާޅުވި އެވެ.