16 Mar 2010, 10:02
10:00
ރާއްޖޭގައި އިސްލާމީ ޝަހުސިއްޔަތު ދެމެހެއްޓުމަށް އިސްލާމިކް މިނިސްޓްރީން އަދާކުރަންޖެހޭ ޒިންމާ ފުރިހަމަ ގޮތުގައި އުފުލުމަށް ޑީއާރުޕީގެ ޒައީމް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ.
ރާއްޖެ އިސްލާވީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ޑިއާރުޕީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ދިވެހިން އިސްލާމްދީން ބަލައިގަނެ، އެ ދީން މަތީގައި ދިވެހިން ތިބޭތާ 900 އަހަރުވެއްޖެ ކަމަށެވެ. އަދި އެ ހިދާޔަތުގައި ދެމިތިބޭތީވެ، އެ ކަމަށް ބޭރުގެ ފަރާތްތަކުން ހަސަދަވެރިވެ، އެހެންދީތައް ރާއްޖެއަށް ގެންނަން މަސްކަތްކުރަމުންދާ ކަމަށާއި އެ ކަންތައްތައް ހުއްޓުވުމައްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފިޔަވަޅުތައް އަޅައި، އިސްލާމީ ޝަހުސިއްޔަތު ދެމެހެއްޓުމަށްޓަކައި އެ ވުޒާރާ އިން އުފުލަންޖެހޭ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރުމަށް ރައީސް މައުމޫން ގޮވާލެއްވި އެވެ.
ރައީސް މައުމޫން ވިދާޅުވީ އެ މަނިކުފާނު ސަރުކާރާ ހަވާލުވެ ހުންނެވިއިރު "ޖޮޝާވާ ޕްރޮޖެކްޓް"ގެ ނަމުގައި، ރާއްޖޭގެ ބަޔަކާ ގުޅިގެން 2000 ވަނަ އަހަރު ބޭރުގެ ފަރާތަކުން ރާއްޖޭގައި ފައްޅި އަޅަން މަސައްކަތްކޮށްފައިވާ ކަމަށާއި ނަމަވެސް އޭރުގެ ސަރުކާރުން އެކަން ހުއްޓުވާފައިވާ ކަމަށެވެ. އަދި އެ ފަދަ ކަންކަމަށް ދިވެހި ރައްޔިތުން ހުށިޔާރުވުމަށް ވެސް ރައީސް މައުމޫން ގޮވާލެއްވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައި އެހެން ދީތަކަށް ފުރުސަތު ދީގެން ލާދީނީ ކަންތައްތަކަށް މަގުފަހިވާ ފަދަ ދޮރުތައް ރާއްޖޭގައި ހުޅުވުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށާއި ރާއްޖެއަކީ މަދު މީސްކޮޅެއް ދިރިއުޅޭ ގައުމެއްކަމުން އެ ފަދަކަންތައްތައް އާންމުވެއްޖެނަމަ ދީނީ ބައިބައިންވުންތައް އުފެދި ފިތުނަވެރިކަމާއި ސިޔާސީ ހަމަނުޖެހުމެއްގެ ތެރެއަށް ގައުމު ވެއްޓިދާނެ ކަމަށެވެ.
ގައުމެއްގެ ތާރީހުގައި ރައްޔިތުންތަކެއް، ވެރިއެއްގެ އަމުރަށް އިސްލާމީ ދައުލަތެއް ބަލައިގެން ހަމައެކަނި ގައުމަކީ ދިވެހިރާއްޖެ ކަމަށް ވީހިނދު، މިއަދުވެސް މި ގައުމުގައި އެ އިސްލާމީ ދައުލަތް ދަމަހައްޓަން އަމުރު ނެރެން ހުރި ފަރާތަކީ ދައުލަތުގެ ވެރިޔާ ކަމަށް ވިދާޅުވެ، ދީން ހިމާޔަތް ކުރުމަށް އަމުރު ނެރެންޖެހޭ ހާލަތްތަކުގައި އެ އަމުރު ގައުމުގައި ދެމެހެއްޓުމަށް ރައީސް މައުމޫން ގޮވާލެއްވި އެވެ.