03 Mar 2013, 11:52
ރާއްޖޭގެ މައްސަލަ މުޅިން ހައްލުކުރުމަށް އަދިވެސް އޮތީ ވަރަށް ހަނި ފުރުސަތެއް ކަމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ރަންޖަން މަތާއީ ވިދާޅުވެއްޖެ އެވެ.
ރަންޖަން މަތާއީ ވިދާޅުވި ކަމަށް އިންޑިއާގެ ދަ ޓައިމްސް އޮފް އިންޑިއާ ނޫހުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާ ހައިކޮމިޝަނުން ހިމާޔަތް ހޯއްދެވި މައްސަލަ ހައްލުކުރުމަށް ރާއްޖެއާ އެކު ކުރި މަޝްވަރާތަކުން ފުރުސަތެއް ހުޅުވިފައިވާ ކަމަށާއި އެހެން ނަމަވެސް (ރާއްޖޭގެ މައްސަލަ މުޅިން ހައްލުކުރުމަށް) އަދި ވެސް އޮތީ ވަރަށް ހަނިފުރުސަތެއް ކަމަށެވެ.
"އަހަރެމެން ގަބޫލުކުރަނީ އަހަރެމެންނަށް ފުރުސަތެއް ހުޅުވައިދެވިފައިވާ ކަމަށް، އެއީ ވަރަށް ހަނި ފުރުސަތަކަށް ވިޔަސް،" ހުކުރު ދުވަހު ޓައިމްސް އޮފް އިންޑިއާއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރަންޖަން މަތާއީ ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.
އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ އެ ނޫހުގައި އަދި ވަނީ ރާއްޖޭގެ އިންތިހާބުގެ ކުރިން ކަންތައްތައް ވާނެ ގޮތަކާ މެދު އެ ގައުމަށް އަދި އެހާ ބޮޑު ޔަގީން ކަމެއް ނެތެވެ. އެހެންވެ ރާއްޖެއާ މެދު އެހާ ރަނގަޅަށް ދެކި، އަޅާ ނުލާ ތިބެވޭ ވަރެއް އަދި ނުވެ އެވެ.
"އިންތިހާބު އޮތީ ސެޕްޓެމްބަރު މަހު ކަމަށް ވާތީ އަހަރެމެންނަށް އަދި ތިބެވޭކަށް ނެތް، އޭގެ ކުރިން ހިނގާނީ ކޮން ކަންތައްތަކެއް ކަމެއް އަންދާޒާކުރަން ދަތި،" އޮފިޝަލަކު ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.
ނަމަވެސް ރާއްޖޭގެ އިންތިހާބުގެ ކަންތައްތައް ބެލުމަށް އިންޑިއާގެ އިލެކްޝަން ކޮމިޝަނުގެ ޓީމެއް ރާއްޖެ އައުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން އެއްބަސްވެފައި ވުމަކީ ކުރިއެރުމެއް ކަމަށް އިންޑިއާގެ އޮފިޝަލުން ދެކޭ ކަމަށް ވެސް އެނޫހުން ބުންޏެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާ ހައިކޮމިޝަނުން ހިމާޔަތް ހޯއްދަވައިގެން ހުންނެވި ހުންނެވުން ނިމުމަކަށް ގެންނަވައި އެމަނިކުފާނު އެތަނުން ނުކުންނެވީ އަމިއްލަ ފުޅަށް އެގޮތް ބޭނުންފުޅުވެގެން ކަމަށް އިންޑިއާއިން އޭރު ބުންޏެވެ.
ދިވެހި ސަރުކާރުން ވެސް އޭރު ބުނީ އެކަމުގައި އިންޑިއާ އެކު އެއްވެސް އެއްބަސްވުމެއް ނެތް ކަމަށެވެ.