03 Mar 2013, 11:47
ނަވާރަ ސަތޭކަ ބާރަ ވަނަ އަހަރު އަޑިއަށް ދިޔަ ޓައިޓެނިކް ޕަސިންޖާ ލައިނާއާ އެއްގޮތައް އޮސްޓްރޭލިޔާގެ މުއްސަނދި މަހުޖަނަކު ފަރުމާ ކުރަމުންދާ ބޯޓުގެ ކުރެހުންތައް ދައްކާލައިފި އެވެ.
މައިނިންގް ޓައިކޫނެއް ކަމަށްވާ ކްލިވް ޕާމާ ވިދާޅުވަނީ "ޓައިޓެނިކް 2" ގެ ނަން ދީފައިވާ މިބޯޓު 2016 ވަނަ އަހަރުގެ ތެރޭގައި ފުރަތަމަ ދަތުރު ކުރާނެ ކަމަށެވެ.
އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގެ ރިޒް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ޕާމާގެ ޓީމުން ވަނީ ޓައިޓެނިކް ދޭއް ގެ ކުރެހުންތަކާ ފަރުމާތައް އާއްމުކޮށް ދައްކާލާފަ އެވެ.
މީގެ ގަރުނެއް ކުރިން އިނގިރޭސިވިލާތުގެ ލިވަޕޫލުން ނައްޓާލައިގެން ދަތުކުރަމުން ދަނިކޮށް ޓައިޓެނިކް އަޑިއަށް ގޮސްފައި ވަނީ ގަނޑުފެން ގަނޑެއްގައި ޖެހުމުގެ ސަބަބުން ނެވެ. އެ ހާދިސާގައި ޓައިޓެނިކުން ދަތުރުކުރި 1،500 މީހުން ވަނީ މަރުވެފަ އެވެ.
ޕާމާގެ ޓީމުން މަސައްކަތް ކުރަމުންދަނީ ހުރިހާ ގޮތަކުން ވެސް ޓައިޓެނިކާ އެއްގޮތް ބޯޓެއް ބަނުމަށެވެ.
މިގޮތުން ޓައިޓެނިކް 2 ގައި ޓީވީ، މަލްޓިމީޑިއާ ސިސްޓަމް، ވައިފައި ފަދަ މިޒަމާނުގެ އާލާތްތަކެއް ނުހުންނާނެ އެވެ. އަދި ބޯޓުގެ އެތެރޭގައި ހުންނަ ފާރުތަކުން ފެށިގެން ވަކި ވަކި ކޮޓަރިތައް ވެސް ހުންނާނީ ޓައިޓެނިކްގެ ފަރުމާއަށް ކަމަށްވެ އެވެ.
ޓައިޓެނިކްގެ މަޝްހޫރު "ގުރޭންޑް ސްޓެއާކޭސް" އާއި ދުންފަތުގެ އިސްތިއުމާލުކުރާ ކޮޓަރި އާއި، ކެފޭ ޕެރީސިއަންގެ އިތުރުން ޑައިނިންގް ރޫމްތަކަކީވެސް ޓައިޓެނިކް 2 އިން އެއްވެސް ތަފާތެއް ނެތި ފެނިގެންދާނެ ތަންތަނެވެ.
މީގެ އިތުރުން ޓައިޓެނިކްގައި 1912 ވަނަ އަހަރު ފެނިގެންދިޔަ ގޮތަށް ފަސްޓް ކުލާހުން ފެށިގެން ތިން ފަންތިއެއްގައި މީހުންނަށް ދަތުރުކުރެވޭނެ އެވެ. އަދި މިތިން ފަންތީގެ ޓިކެޓުވެސް ވިއްކާނީ ވަކިން ކަމަށް މައުލޫމާތު ލިބެ އެވެ.
އަސްލު ޓައިޓެނިކާ ޕާމާގެ ޓައިޓެނިކް 2 އާ މައިގަނޑު ތަފާތެއްގެ ގޮތުގައި ފާހަގަކުރެވެނީ ބޯޓުގައި ހިމެނޭނެ ޑިންގީ ނުވަތަ ލައިފްބޯޓުތައް ގިނަކޮށްފައި ވުމެވެ. ޓައިޓެނިކްގެ ހާދިސާގައި ގިނަ އަދަދެއްގެ މީހުން މަރުވާން ދިމާވި އެއް ސަބަބަކީ ބޯޓުން ދަތުރުކުރި ހުރިހާ އެންމެންނަށް ވާ ވަރަށް ލައިފްބޯޓު ނެތުމެވެ. މިމައްސަލައެއް ޓައިޓެނިކް 2 ގައި ނުޖެހޭނެ އެވެ.
މީގެ އިތުރުން ހޮލީވުޑުގެ މަޝްހޫރު ފިލްމް ޓައިޓެނިކްގައި ދެ ލޯބިވެރިން ކަމަށްވާ ޖެކް އަދި ރޯސް، ޓައިޓެނިކް ބޯތުގެ ކުރީކޮޅުގައި ހުންނަ މަޝްހޫރު "ޕޯސް" ގައި ފޮޓޯ ނަގަން ބޭނުންވާ ފަސިންޖަރުންނަށް އެފުރުސަތު ވެސް ލިބިގެންދާނެ ކަމަށް ވެ އެވެ.
ޓައިޓެނިކާ އެއްގޮތައް ބޯޓެއް ބަނުމަށް 400 މިލިއަން އެމެރިކާ ޑޮލަރު ހަރަދުވާއިރު، މިބޯޓު ބަނުމަށް ހަމަޖެހިފައި ވަނީ ޗައިނާގައެވެ.