03 Mar 2013, 11:35
ސްޕެނިޝް ލީގުގައި ރޭ ވަދަވެރި ބާސެލޯނާ އަތުން 2-1 ލަނޑުން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.
ރެއާލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ ހާފުގެ ހަ ވަނަ މިނެޓުގައި ޖަހައި ކުރި ހޯދީ ރެއާލުން ނެވެ. އެލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފްރާންސް ފޯވާޑް ކަރިމް ބެންޒެމާ އެވެ. އެހެން ނަމަވެސް އޭނގެ 12 މިނެޓު ފަހުން ބާސާގެ ފޯވާޑް ލިއޮނަލް މެސީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެތީމަށް އެއް ވަރު ކޮށްދީފަ އެވެ.
ރޭގެ މެޗުގައި ބާސާ އަތުން ރެއާލް މޮޅު ކޮށްދިން ލަނޑު މެޗުގެ ދެ ވަނަ ހާފުގެ 82 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ސާޖިއޯ ރާމޯސް އެވެ.
ރޭގެ ނަތީޖާއާ އެކު ލީގުގައި މި ދެ ޓީމުގެ މެދުގައި މިހާރު އޮތީ 13 ޕޮއިންޓުގެ ފަރަގެކެވެ. އެހެންނަމަވެސް ލީގުގެ އެއް ވަނަ މަގާމްގައި ބާސާ 68 ޕޮއިންޓާއެކު އޮތް އިރު ރެއާލް އޮތީ ލީގުގެ ތިން ވަނަ މަގާމްގައި 55 ޕޮއިންޓާއެކު އެވެ. އަދި ލީގުގެ ދެ ވަނައިގައި 56 ޕޮއިންޓާ އެކު އޮތީ އެތުލެޓިކޯ މެޑްރިޑް އޮތްއިރު، ހަތަރު ވަނަ މަގާމްގައި 42 ޕޮއިންޓާއެކު އޮތީ މަލާގާ އެވެ.
ރޭގެ މެޗަށްފަހު ރެއާލްގެ ކޯޗް ކޯޗު ހޯސޭ މޮރީނިއޯ ބުނީ، ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި މިދިޔަ ބުދަ ދުވަހުގެރޭ 3-1 ލަނޑުން ބާސާ ބަލިކުރި މެޗަށްފަހު ރެއާލްއަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށާއި އެގޮތުން ޓީމްގެ ކުޅުންތެރިން ދައްކަމުން އަންނަ ކުޅުމާ މެދު މިހާރު ވަރަށް ހިތް ހަމަޖެހޭ ކަމަށެވެ. އަދި ރޭގެ މެޗުގައި ހުނަރުވެރި ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ސާމީ ކެދީރާ ފުލް 11 އިން ޖާގައެއް ނުދިން ކަމަކު، ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި އަންގާރަ ދުވަހުގެރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މުގައި އެކުޅުންތެރިން ފެންނާނެ ކަމަށް މޮރީނިއޯ ބުންޏެވެ.