03 Mar 2013, 10:54
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޯވިޗް ސިޓީ އަތުން 4-0 ލަނޑުން ފަސޭހަ ކަމާއެކު މެންޗެސްޓާ ޔުނައިޓެޑް މޮޅުވެ، ލީގުގައި އެއް ވަނަ މަގާމް ގައި ޔުނައިޓެޑުން ދަމަހައްޓަމުން އަންނަ ލީޑް އަނެއް ކާވެސް އިތުރަށް ފުޅާ ކޮށްފި އެވެ.
ރޭގެ މޮޅާ އެކު ލީގުގެ އެއް ވަނަ މަގާމްގައި ޔުނައިޓެޑް އޮތީ 71 ޕޮއިންޓާއެކު އެވެ. ލީގުގެ ދެ ވަނަ މަގާމްގައި މިވަގުތު އޮތް މެންޗެސްޓާ ސިޓީ އާއި ޔުނައިޓެޑާ ދެމެދު 15 ޕޮއިންޓުގެ ބޮޑު ފަރަގެއް އެބައޮތެވެ. ލީގުގެ ދެވަނަ މަގާމްގައި ސިޓީ އޮތީ 56 ޕޮއިންޓާއެކު އެވެ.
ނޯވިޗް ސިޓީއާ ދެކޮޅަށް ޔުނައިޓެޑް ރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެ ޗުގެ ލީޑް ޔުނައިޓެޑަށް ނަގައި ދިނީ ފުރަތަމަ ހާފުގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ޖަޕާންގެ މިޑްފީލްޑަރު ސިންޖީ ކަގާވާއެވެ. އަދި އެނާ ވަނީ ރޭގެ މެޗުގެ ދެ ވަނަ ހާފުގައި ވެސް ޔުނައިޓެޑަށް ދެ ލަނޑު ކާމިޔާބު ކޮށްދީ މެޗުގެ ހެޓްރިކް ހަދައިފައެވެ. މިއީ އޭސިއާގެ ކުޅުންތެރިއަކު ޕްރިމިއާ ލީގުގައި ހެޓްރިކް ހެދި ފުރަތަމަ ފަހަރު ކަން ވެސް ފާހަގަ ކޮށްލެވެއެވެ.
ރޭގެ މެޗުގައި ޔުނައިޓެޑުން ނޯވިޗް ސިޓީ ކޮޅަށް ޖެހި އެޓީމުގެ ހަތަރު ވަނަ ލަނޑު މެޗް ނިމެން އުޅެނިކޮށް އެޓީމަށް ކާމިޔާބު ކޮށްދިނީ އިނގިރޭސި ފޯވާޑް ވޭން ރޫނީ އެވެ.
ޕްރިމިއާ ލީގުގައި ރޭކުޅުނު އެހެން މެޗްތަކަށް ބަލާއިރު، ލިވަޕޫލް ވެސް ވަނީ ފަސޭހަ ކަމާއެކު ވިގަން އަތުން 4-0 ލަނޑުން މޮޅުވެ، ލީގުގެ ހަތް ވަނަ މަގާމަށް ކުރިއަށް ޖެހިލައިފަ އެވެ. ރޭގެ މެޗުގައި ވިގަން ކޮޅަށް ލިވަޕޫލުން ޖެހި އެޓީމުގެ ހަތަރު ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު އިނގިރޭސި މިޑްފީލްޑަރު ސްޓަވަޓް ޑައުނިން ކާމިޔާބު ކޮށްދިން އިރު، އަނެއް ތިން ލަނޑު ލިވަޕޫލަށް ކާމިޔާބު ކޮށްދިނީ އުރުގުއޭގެ ފޯވާޑް ސުއަރޭޒް އެވެ.
އަދި މީގެ އިތުރުން ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 1-0 ލަނޑުން ސްވަންސީ ސިޓީ މޮޅުވިއިރު، ވެސްޓު ހާމް އަތުން ސްޓޯކް ސިޓީ ވަނީ 1-0 ލަނޑުން ބަލިވެފައެވެ. ސަންޑަލެންޑާއި ފުލްހަމް ރޭ ކުޅުނު މެޗް 2-2 ލަނޑުން ދެޓީމް އެއްވަރު ވިއިރު، ޗެލްސީ ވަނީ ވެސްޓް ބްރޮމްވިޗް އަތުން 1-0 ލަނޑުން މޮޅުވެފަ އެވެ. ރޭގެ މޮޅާއެކު ޗެލްސީ އޮތީ ލީގުގެ ތިން ވަނަ މަގާމް ގައި 52 ޕޮއިންޓާއެކު އެވެ. އަދި އެވަޓަން އަތުން ރޭ ރެޑިން 3-1 ބަލިވިއިރު، ސައުތްޕޯޓަން އަތުން ކިއުޕީއާރު މޮޅުވީ 2-1 ލަނޑުންނެވެ.