03 Mar 2013, 10:33
ކާބުލް (މާޗް 3) : އަފްޣާނިސްތާނުގައި ހަނގުރާމަކުރާ އޮސްޓްރޭލިޔާ ސިފައިން ދިން ބަޑީގެ ޙަމަލާތަކެއްގައި އަފްޣާނިސްތާނުގެ ކުޑަދެކުއްޖަކު މަރުވެއްޖެވެ.
އަފްޣާން ފުލުހުން ބުނިގޮތުގައި އޮސްޓްރޭލިޔާ ސިފައިން މިދެކުދިން ގެ ގަޔަށް ބަޑިޖަހައި މަރާލީ އަފްޣާނިސްތާނުގެ އުރުޒްޖާން ސްޓޭޓްގައި ތާލިބާން ހަނގުރާމަވެރިންނާ ދެކޮޅަށް އޮސްޓްރޭލިޔާ ސިފައިން ދިން ޙަމަލާތަކެއްގައެވެ. އުމުރުން 8 އަހަރާއި 7 އަހަރުގެ މިދެކުދިންނަކީ ފިރިހެން ކުދިން ކަމަށާ އެދެކުދިންގެ ގަޔަށް އޮސްޓްރޭލިޔާ ސިފައިން ބަޑިޖަހައި މަރާލީ އެދެކުދިން ބަކަރިތަކެއް ގޮވައިގެން ހުއިހައްޕަން އުޅެނިކޮށް ކަމަށްވެސް އަފްޣާން ފުލުހުން ބުނެއެވެ. އޮސްޓްރޭލިޔާ ސިފައިން މިޖަރީމާ ހިންގިކަން އަފްޣާނިސްތާނުގައި ހުންނަވާ ނޭޓޯގެ ކޮމާންޑަރު ޖެނެރަލް ޖޯސެފް ޑޮންފޯޑް ވެސްވަނީ ކަށަވަރުކޮށްދީފައެވެ.
އޮސްޓްރޭލިޔާ ސިފައިން ހިންގި މިޖަރީމާއާބެހޭގޮތުން އެގައުމުގެ ސަރުކާރުން އެއްޗެއް ބުނެފައެއް ނުވެއެވެ. އޮސްޓްރޭލިޔާ ސިފައިން މިދެކުދިންގެ ގަޔަށް ބަޑިޖަހައި މަރާލީ އެދެކުދިންނަކީ ތާލިބާން ހަނގުރާމަވެރިން ކަމަށް ޝައްކުކުރެވިގެން ކަމަށް ކަމަށް އޮސްޓްރޭލިޔާގެ ކޮމާންޑަރަކު ވިދާޅުވެފައިވެއެވެ. އަފްޣާނިސްތާނަށް އަރައި ތިބޭ ބޭރުގެ ބާރުތަކުން އަފްޣާން ޢާންމުންގެ ފުރާނައަށް ކުޑަވެސް ބަލާލުމެއްނެތި އަފްޣާން ޢާންމުން ގިނަޢަދަދަކަށް މަރަމުން ގެންދާ މައްސަލަވަނީ ޙައްލުކުރަން ދަތި މައްސަލައަކަށް ވެފައެވެ.
މިދިޔަ މަހު ނޭޓޯގެ ސިފައިން ވެސްވަނީ އަފްޣާނިސްތާނުގެ އާންމުން ދިރިއުޅޭ ގެތަކަކަށް ޙަމަލާދީ އަފްޣާން ތުއްތުކުދިންގެ 8 ކުއްޖަކު މަރާލާފައެވެ. ނޭޓޯއިން ވަނީ މިޖަރީމާއަށް އިޢްތިރާފް ވެފައެވެ.
ނަމަވެސް މިފަދަ ޖަރީމާތައް ހިންގާ ބޭރުގެ ސިފައިންނާ މެދު އެމީހުން ނިސްބަތްވާ ގައުމުތަކުން އެއްވެސް ފިޔަވަޅެއް ނާޅާކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތުން ބުނެއެވެ. (އަލްޖަޒީރާ)