03 Mar 2013, 10:23
ޤާހިރާ (މާޗް 3) : މިސްރަށް ކުރިމަތިވެފައިވާ ސިޔާސީ އަދި އިޤްތިސާދީ މައްސަލަތައް އެ ގައުމުގެ ސަރުކާރާއި ވާދަވެރި ސިޔާސީ ފަރާތްތަކުގެ މެދުގައި ވާހަކަ ދައްކައިގެން ޙައްލުކުރުމަށް ޤާހިރާއަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ގޮވާލައްވައިފި އެވެ.
މިސްރުގެ ޚާރިޖީ ވަޒީރު މުޙައްމަދު ކާމިލް ޢަމްރޫ އާ ޤާހިރާގައި އިއްޔެ ހަވީރު ބައްދަލުކުރެއްވުމަށްފަހު ބޭއްވި ނޫސްކޮންފަރެންސެއްގައި ކެރީ ވިދާޅުވީ އެމެރިކާ އޮތީ މިސްރުގެ ސިޔާސީ ޕާޓީތަކުގެ ތެރޭން ވަކިޕާޓީއެއްގެ ކޮޅުގައި ނޫން ކަމުގައެވެ. އަދި މިސްރުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާ ނުވަންނާނެ ކަމަށްވެސް ކެރީ ވިދާޅުވިއެވެ. ނަމަވެސް މިސްރުގެ ރައީސް މުޙައްމަދު މުރުސީ އާ އިދިކޮޅު ޕާޓީތައް ގުޅިގެން އުފައްދާފައިވާ ކޯލިޝަނުންވަނީ އެމެރިކާއޮތީ ރައީސް މުރުސީ ނިސްބަތްވެ ވަޑައިގަންނަވާ އިޚްވާނުލްމުސްލިމީން ޖަމާއަތާއެކުގައި ކަމަށް ތުހުމަތުކޮށްފައެވެ.
އެމެރިކާގެ މައްޗަށް މިތުހުމަތުކުރެއްވުމަށްފަހު އިދިކޮޅު ކޯލިޝަންގެ ދެލީޑަރުން ކަމަށްވާ ޙަމްދީން ސަބާޙީ އާއި މުޙައްމަދުލްބަރާދްޢީ ވަނީ ކެރީއާ ބައްދަލުނުކުރައްވާނެކަން ހާމަކުރައްވާފައެވެ. އެމެރިކާވަނީ މިސްރުގެ ޕާލަމެންޓްރީ އިންތިޚާބު ބޮއިކަޓް ނުކުރުމަށް އިދިކޮޅު ކޯލިޝަނަށް ގޮވާލާފައެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުންވަނީ ޕާލަމެންޓްރީ އިންތިޚާބު ބޮއިކަޓް ކުރުމަށް ނިންމައި އެކަން އިޢްލާންކޮށްފައެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ މިސްރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިސްރުގެ ރައީސް މުޙައްމަދު މުރުސީ އާ މިއަދު ބައްދަލުކުރައްވާނެ ކަމަށް ޚަބަރުލިބެއެވެ. މީގެއިތުރުން މިސްރުގެ އިދިކޮޅު ބައެއްލީޑަރުންނާވެސް ކެރީ ބައްދަލުކުރައްވާނެ ކަމަށް މިސްރުގެ މީޑިޔާ ބުނެއެވެ.
މިސްރުގެ އިދިކޮޅު ބައެއް ފަރާތްތަކުން ގެންދަނީ ކެރީގެ ދަތުރުފުޅާ ދިމާކޮށް މުޒާހަރާކުރަމުންނެވެ. މިގޮތުން ކެރީ މިސްރުގެ ޚާރިޖީ ވުޒާރާއަށް ވަޑައިގަތުމުންވެސް އިދިކޮޅު ބައެއް އެކްޓިވިސްޓުންވަނީ އެވުޒާރާގެ ކުރިމަތީގައި މުޒާހަރާކޮށް އެމެރިކާ މިސްރުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަމުންދާކަމަށް ތުހުމަތުކޮށްފައެވެ. (ނޫސްއެޖެންސީތައް)