ފަސް އަހަރުން އެއް އަހަރު އަންނަ ރައްޔިތުންގެ ދުވަސްވަރު މިއޮއް ބޯ މަތިވަނީ އެވެ. ކޮންމެ ފަސް އަހަރަކުން އެއް އަހަރު އަންނަ އިންތިހާބަކީ ރައްޔިތުންގެ ފަހަތުން ސިޔާސީ ފަރާތްތަކުން "ސަލާން ޖަހަމުން ދުވާ" ހަމައެކަނި ދުވަސްވަރެވެ. ތިމަންނާމެން ކޮށްދޭނެ ކަންތައްތަކާއި ރައްޔިތުންދެކެވާ ލޯބި ބުނެ އާދޭސް ކުރަމުންދާ ދުވަސްވަރެކެވެ. ރާއްޖޭއަކީ ޑިމޮކުރަސީ ހަޔާތުގައި ކިތަންމެ ހަގު ގައުމެއް ނަމަވެސް އަދި ސިޔާސީ ޕާޓީތައް އުފެދި އިންތިހާބުތައް ބޭއްވިފައިވާ މިންވަރު ނިސްބަތުން މަދުވި ނަމަވެސް މިރާއްޖެ ވެސް ވަނީ ސިޔާސީ ހަޔާތުގެ ގިނަ ކަންތައްތަކެއް ދެކެފަ އެވެ. މިހާތަނަށް ރާއްޖޭގެ ސިޔާސީ ވެށިން ފެނިފައިވާ ކަންތައްތަކަށް ބަލާ އިރު ކޮންމެ ދިވެހި ރައްޔިތެއްގެ ހިތުގައި ވެސް އުފެދޭ ސުވާލަކީ ސިޔާސީ ފަރާތްތަކުގެ އިހުލާސްތެރިކަމެވެ. އެ ކަންކަމަކީ މިހާރަށް ވުރެ ރައްޔިތުން ހޭލާ ބަލަން ޖެހޭ ވެސް ކަންކަމެވެ.

ކޮންމެ އިންތިހާބަކާ އެކު އެތައް ވައުދުތަކެއް ރައްޔިތުނަށް ވަމުންދާ އިރު ރިޔާސީ އިންތިހާބަކީ އޭގެތެރެއިން ފާހަގަކޮށްލެވޭ އިންތިހާބެކެވެ. ރައްޔިތުންނާއި ގައުމަށް ޓަކައި ގިނަ ގުނަ ހިދުމަތްތަކެއް ވާނެ ކަމަށް ބުނެ ވައުދުތައް ވަމުންދާއިރު ފަހުގެ ތާރީހެއްގައި ރާއްޖޭގެ ވެރިންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ނުވަތަ މަގާމު ފުރުއްވާފައިވާ ވެރިންގެ އިތުރުން ރައްޔިތުން އިންތިހާބު ކޮށްފައިވާ ގިނަ ފަރާތްތަކުގެ އަމަލުތައް ހުރި ގޮތަށް ބަލާ އިރު އެބޭފުޅުން ރައްޔިތުން ދެކެވާ ލޯބި ކަމަށް އެބުނާ ލޯތްބަކީ ރައްޔިތުންނަށް ޓަކައި ވާ އެއްޗެއްތޯ ނުވަތަ އެއީ އަމިއްލަ އެދުމެއްގައި ކުރާކަމެއްތޯ ސުވާލުއުފެދެ އެވެ.

އިންތިހާބީ މަގާމްތަކަށް މީހުން އިންތިހާބްކުރުމުގެ މަގުސަދަކަށް ވެފައި ވަނީ ގައުމާއި ރައްޔިތުނަށްޓަކައި މަސައްކަތްކުރުން ކަމުގައި ވެފައިވާ އިރު މަންޒަރު ފެންނަނީ އެގޮތަށޭ ބުނެވޭކަށް ނެތެވެ. ރާއްޖޭގެ ފަހުގެ ތާރީހެއްގައި ކޮށްފައިވާ ވެރިކަންތައްތަކަށް ބަލާ އިރު ރައީސް އިބްރާހިމް ނާސިރުގެ ވެރިކަން ވެއްޓި ރައީސް މައުމޫންގެ ވެރިކަން ފެށުނުއިރު ރައީސް ނާސިރުއަށް ރައީސް މައުމޫނަށް ތާއީދުކުރާ ފަރާތްތަކުން އޭރުޖެހި އެންމެ ބޮޑު "ހަޖޫ" އަކީ ރައީސް ނާސިރުގެ ވެރިކަމުގައި ދިވެހި ދައުލަތުގެ މާލިއްޔަތުގެ ފައިސާ އިން އަމިއްލަ އެދުމުގައި ފައިސާ ބޭނުންކޮށްފައިވާ ކަމުގެ "ހަޖޫ" އެވެ. ނަމަވެސް ރައީސް މައުމޫންގެ ވެރިކަމުގައިގެ ދުވަސްވަރު ވެސް ފެނިގެންދިޔައީ "ކީހާޅެން ފަރިއްސައް" ވެގެން ދިޔަތަނޭ ބުނެވިދާނެ އެވެ. އަދި އެފަދަގޮތަކަށް ރައީސް ނަޝީދު ރައީސް މައުމޫންގެ ވެރިކަމަށް ތުހުމަތުކޮށް ފާޑު ކިޔާފައިވާ އިރު ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް ފެނިގެންދިޔައީ އެފަދަ މަންޒަރުތަކެއްކަން އޮޑިޓާ ޖެނެރަލް އޮޑިޓް ރިޕޯޓްތަކުން އެބަ ހާންމަވެ އެވެ.

މިހާތަނަށް އޮޑިޓަރު ޖެނެރަލް ނެރުއްވާފައިވާ ކޮންމެ ރިޕޯޓެއްގައި ވެސް ބޮޑެތި ހިޔާނާތްތައް ފާހަގަކޮށް އެއަމަލުތައް ހިންގި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ގޮވާލަމުންދާ އިރު އޮޑިޓަރު ޖެނަރަލް ނިޔާޒް އިބްރާހިމް ވިދާޅުވި ގޮތުގައި އޮޑިޓް އޮފީހުގެ އޮޑިޓަރުންނަށް އެކި ދުވަސްވަރުތަކުގައި އޮޑިޓް ކުރަމުންދާ އިރު ދައުލަތުގެ ބައެއް މުއައްސަސާތަކުން ބައެއް ޑޮކިއުމަންޓުތައް ބަދަލުކޮށްގެން ލިޔުންތައް ދީފައިވެ އެވެ. އަދި ދައުލަތުގެ ފައިސާތައް ހަރަދު ކުރުމުގައި ވަރަށް ގިނަ މުއައްސަސާތަކުން އިހްމާލުވެފައިވާ ކަމަށާއި އެގޮތުން ހިސާބު ކިތާބުތައް ރަނގަޅަށް ބެލެހެއްޓިފައި ނުވާ ކަމަން ފާހަގަކުރެވޭ ކަމަށް ވިދާޅުވި އެވެ.

ރައީސް މައުމޫންގެ ވެރިކަމާ ގުޅޭ ގޮތުން އޮޑިޓަރު ޖެނެރަލް ނެރެފައިވާ ރައީސް މައުމޫން ސަރުކާރުގެ އޮޑިޓް ރިޕޯޓްތަކަށް ބަލާ އިރު އެ ވެރިކަމުގައި ދިވެހި ދައުލަތުގެ ފައިސާއިންނާއި މުދަލުން ނަހަމަގޮތުގައި ބޭނުންކޮށް ރައްޔިތުންނަށް ވުރެ އަރިސް ބޭފުޅުންނާއި އާއިލީ ބޭފުޅުންގެ ކަންތައްތަކަށް އިސްކޮށްފައިވާ ކަން އެނގިހާމަވެފައިވެ އެވެ. އަދި ހަރަދަށް ބަލައި ނުލައި ބޮޑެތި ހަރަދުތަކެއް ކޮށްފައިވާކަން ވެސް ވަނީ ހާމަވެފަ އެވެ. އަދި އެ އަށް ފަހު އެވެރިކަމަށް ފާޑުކިޔައި އައި ރައީސް ނަޝީދުގެ ވެރިކަމާ ހަވާލުވެފައިފައިވާ ތިން އަހަރު ދުވަހުގެ ވެރިކަމުގެ ތެރޭގައި ދިވެހި ދައުލަތުން ގާނޫނާއި ހިލާފަށް ރައްޔިތުނަށް ފައިދާނުވާ ގޮތަށް ގިނަ ހަރަދުތަކެއްކޮށް ގިނަ ފައިސާތަކެއް އިޝްރާފްކޮށް ފައިވާ ކަމަށާއި އަމިއްލެ ބޭނުންތަކަށް ބޭނުންކޮށްފައިވާކަން އޮޑިޓް ރިޕޯޓްތަކުން ހާމަވެ އެވެ. އެގޮތުން އެމްޑީޕީގެ ސަރުކާރުގައި ގަވައިދާ ހިލާފަށް އެޑިއުކޭޝަނުން 39 މިލިޔަން ރުފިޔާ ހަރަދު ކުރުމާއި ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމުގައި ހުންނެވި ބޭފުޅަކު އޮފީހަށް ހާޒިރުނުވެ އޭނާ އަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި 343،351.67ރ. ދީފައިވުމާއި ހައުސިން އެންޑް އެންވަޔަރަމެންޓް މިނިސްޓަރު މަގާމުގައި ހުންނެވި މުހައްމަދު އަސްލަމްގެ ފޯން ބިލަށް ދައުލަތުގެ ބަޖެޓުން ގަވައިދާ ހިލާފަށް 312928ރ. ހަރަދުކޮށްފައިވުން ފަދަ ތުހުމަތުކުރެވޭ ހިޔާނާތްތަށް ހިމެނެ އެވެ. އެދެ ސަރުކާރުގެ އަމަލުތައް އެގޮތަށް ހުރި އިރު މިސަރުކާރާއި އަދި މިސަރުކާރުގެ ބައެއް ވެރިންނާއި ދޭތެރޭ ވެސް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަށް މަދެއްނޫނެވެ.

ވެރިކަންތަކުގައި ރާއްޖޭގެ ދައުލަތުން ހިންގާފައިވާ ގިނަ ކޮރަޕްޝަންގެ ވާހަކަތައް ދައްކަމުންދާ އިރު ކޮރަޕްޝަންތައް ބަލާ މުއައްސަސާކަމުގައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ ވިދާޅުވި ގޮތުގައި ރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގުން ނުހުއްޓުވި ވަރަށް ބާރަށް އިތުރުވަމުން އަންނަ ކަމަށާއި މައްސަލަތައް ހައްލުކުރަން ބޭނުން ނަމަ ފިޔަވަޅު އެޅުން އަވަސް ކުރަން ޖެހޭ ކަމަށެވެ.

"ޝަރީއަތާއި ހަމައަށް ގޮސް ޝަރީއަތުގެ ދާއިރާއިން ފިޔަވަޅުއެޅުމަކީ އަޅުގަނޑުމެނަށް ލިބިފައިވާ ބާރެއްނޫން، ދެން ޝަރީއަތުގައި ފިޔަވަލު އެޅޭލެއް ވަރަށް ބޮޑަށް ލަސް،" ލުތުފީ ވިދާޅުވި އެވެ.

މިހާތަނަށް ކޮށްފައިވާ ރާއްޖޭގެ ވެރިކަންތަކަށްބަލާ އިރު ހިތާމަވެރި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭކަމަށް ތުހުމަތުކުރެވޭ އިރު މިފަހަރު ރާއްޖޭގެ ވެރިކަމަށް ކުރިމަތިލާ ފަރާތްތަކުން ބުނަމުންދަނީ އެމީހުންނަކީ ގައުމުދެކެ ލޯބިން ގައުމަށް ހިދުމަތްކުރާނެ ބައެއް ކަމަށެވެ. އެގޮތުން މިފަހަރުގެ އިންތިހާބަށް ކުރިމަތިލާނެކަމަށް އިއުލާންކޮށްފައިވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ހުރިހާކަމެއް ވެސް ކުރިއަށްގެންދާނީ ރައްޔިތުން އެދޭ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްކަމަށް އެޕާޓިގެ ޕުރައިމަރީޒްގައި ވާދަކުރައްވާ އަބުދުﷲ ޔާމީންގެ ވެރިކަމެއްގައި އެންމެ ބޮޑު އިސްކަމެއްދޭނީ ރާއްޖޭގެ އިގްތިސާދު ހަމަޔަކަށް އަޅުވަންކަމަށް އެމަނިކުފާން ވިދާޅުވެފައިވެ އެވެ. އަދި ދެން ހުރި ބޮޑެތި ޕާޓީތަކުގެ ތެރެއިން ޑިއާރްޕީގެ ތަސްމީން އަލީ އާއި މިހާރުގެ ރައީސް ވަހީދު ވެސް އެފަރާތެއްގެ ވެރިކަމެއްގައި ރާއްޖެ އަށް ބޮޑެތި ފައިދާތަކެއްކުރާނެ މަޝްރޫއުތަކެއް ހިންގާނެކަމުގެ ވައުދުތައް ވަނީ ވެފަ އެވެ.

ކޮރަޕްޝަނާއި އެހެނިހެން ބޮޑެތި ގައުމީ މައްސަލަތަށް ހައްލުކުރުމަށް މަސައްކަތް ކުރާ އަމިއްލެ ޖަމިއްޔާއެއް ކަމަށްވާ ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އައިމަން ރަޝީދު ވިދާޅުވީ ހިޔާނާތުގެ ވާހަކަ ދައްކާ އިރު މިހާތަނަށް ކޮށްފައިވާ ވެރިކަންތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ކޯޓުތަކުގެ ފަޑިޔާރުނަށް ބަލާލި ނަމަވެސް އެފަރާތްތަކާ މެދު ކުރެވޭ ތުހުމަތުތަކަށް، ޖަވާބު ދާރީ ކުރެވޭނެ ގޮތްތަށް މަދު ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ މެމްބަރުންނާ މެދު ތުހުމަތު އެބަކުރެވޭ ދައުލަތުގެ އިސްމަގާމްތަކުގައި ތިބި ފަރާތްތަކާ މެދު އެބަހުރި މައްސަލަތަކެއް ހުށައެޅިފައި. އަދި އޮޑިޓާ ޖެނެރަލް ރިޕޯޓުން ގިނަ މައްސަލަތަކެއް ހުށައެޅިފައިވީ ނަމަވެސް މިއިގެން ގިނަ މައްސަލަތަކަކަށް ހައްލެއް ނުލިބޭ. ޖަވާބުދާރީ ކުރެވޭނެ ނިޒާމްތައް އެބަހުރި ގާއިމް ކުރެވިފައި، ނަމަވެސް ހުރި ނިޒާމްތައް ވެސް މަސައްކަތްނުކުރެވިގެން މިއުޅެނީ އެހެންކަމުން ރަނގަޅު ނިޒާމްތަކެއް އަދިވެސް ކަނޑައަޅަން އެބަޖެހޭ." އައިމަން ވިދާޅުވި އެވެ.

ރާއްޖެއަކީ ވަރަށް ވެސް ނާޒުކު އިގްތިސާދެއް ލިބިފައިވާ ގައުމެކެވެ. އަމިއްލަ އުފެއްދުންތެރިކަން ރާއްޖޭގައި މަދު އިރު އިގްތިސާދަށް ފައިސާ ލިބެން އޮންނަނީ މަދު ދާއިރާތަކަކުންނެވެ. ނަމަވެސް ހިތާމައަކީ ނާޒުކު އިގްތިސާދަށް ލިބޭ މަދު ފައިސާކޮޅުގެ ބޭނުން ވެސް ނަހަމަ ގޮތުގައި ހިފަމުންދާ ކަމެވެ. ރައްޔިތުން ނިކަމެތި ހާލަތުގައި ދުވަސްތައް ގުނަމުންދާ އިރު ސަރުކާރުތަކުގެ ބައެއް އިސް މަގާމްތައް ފުރުއްވާފައިވާ ފަރާތްތަކުން ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްތެރިވެފައިވާ އިރު އެކަމަކީ ރައްޔިތުން ވިސްނައި ހައްލު ހޯދަން ޖެހޭ ކެމެކެވެ.

ރައްޔިތުންގެ ވޯޓަކުން ވެރިޔަކަށް ދައުލަތުގެ ބޮޑެތި ބާރުތައް ހަވާލުކުރާ އިރު އެމީހަކީ އިހުލާސްތެރިއެއްތޯ ބެލުމަށްފަހުގައި ނޫނީ އޭނާ އެ މަގާމަށް ހޮވައިފި ނަމަ ހަމަފެނިގެންދާނީ އެއް މަންޒަރެކެވެ. އެއީ ރައްޔިތުން ހާލުގައިޖެހި ވެރިން މުއްސަދިވެގެން ދާތަނެވެ. އެހެންކަމުން މިއަހަރަކީ ރައްޔިތުންގެ ބާރު ލިބޭ އަހަރަކަށް ވުމުން ރައްޔިތުން ވިސްނައި ރައްޔިތުންގެ ވޯޓަކީ ދޭ މަދު ފައިސާކޮޅަށް ވިއްކާ އެއްޗަކަށް ނުހަދައި ގައުމަށް ޓަކައި ވިސްނާފައި ދޭ ވޯޓަކަށް ހަދަން އެބަޖެހެ އެވެ.