އދ. ފެންފުށީ ކައުންސިލްގެ ދެ މެމްބަރެއްގެ ދެ ދޯންޏެއްގައި ރޯވެ އަނދައިފި އެވެ.

ފެންފުށީ ކައުންސިލްގެ ރައީސް ހުސެއިން އަލީ މިރޭ ވިދާޅުވީ އެ ހާދިސާ ހިނގީ މިރޭ ގާތްގަނޑަކަށް 7 ޖަހާއެހާ ކަންހާއިރު ކަމަށާއި އަލިފާން ރޯވެފައި ވަނީ އެ ދެ ދޯނި ވެސް ފައިބަރުގެ މަސައްކަތެއް ކުރުމަށް އެހެލާފައި ހުއްޓާ ކަަމަށެވެ. އެ ދެ ދޯނީގައި ރޯކޮށްލާފައި ވަނީ ދޯނީގެ މެދު ތެރެއިން ކަމަށް ބެލެވޭތީ އެއީ ބަޔަކު ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށާއި އެކަމަކީ އެ ރަށުގައި އުޅޭ މަސްތުވާތަކެތި ބޭނުން ކުރަމުންގެންދާ ޒުވާނުންގެ ފަރާތުން ކޮށްފައިވާ ކަމެއް ކަމަށް ދެކެވަޑައިގެންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދޯނީގައި ރޯކޮށްލާފައިވާ ކަމަށް ބޮޑަށް ބެލެވެނީ، އެއީ މިހާރު މިރަށުގައި ފުލުހުންގެ އިދާރާއެއް ވެސް ހުންނާތީ އެކަމާ މެެދު މިރަށުގައި މިއުޅޭ "ޑްރަގް" ބޭނުން ކުރާ ކުދިންގެ ތެރެއިން ބަޔަކު ހިތްހަމަނުޖެހިގެން ކުރި ކަމެއް ކަމަށް ބެލެވެނީ. ހަމަ ގައިމު ވެސް އެއީ ކަރަންޓް ޝޯޓެއްވެ، އެކަހަލަ ކަމެއްގެ ސަބަބުން ވީ ކަމެއްގެ ގޮތުގައި ނުބެލެވޭ. އެއީ އެތަނަށް ކަަރަންޓް ދީފައިވަނީ ވެސް ވަރަށް ދުރުން ކަރަންޓް ނަގައިގެން ގެނެސް، މަސައްކަތް ނިމުމުން އެ ވާގަނޑު ނަގާފައި އޮންނާނީ ވެސް،" ހުސެއިން އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށުގެ މީހުން އުޅޭ ސަރަހައްދާ ދުރުގައި އަތިރިއާ ކައިރީގައި ޓިނުން ހަދާފައި ހުރި ހަރުގޭގައި މިރޭ ރޯވި އެ އަލިފާންގަނޑު ނިއްވާލާފައި ވާނީ އެރަށުގައި އުޅޭ ފުލުހުންނާއި އެ ރަށުގެ އާއްމު ރައްޔިތުންގެ އެއްބާރުލުމާ އެކުގައި ކަމަށެވެ. އަދި ރޯކޮށްލާފައި ވަނީ ގާތްގަނޑަކަށް ތިން ފޫޓުގެ ދުރުމިނެއްގައި އޮތް އެ ދެ ދޯނީގެ މެދުގައި ކަމަށް ވާތީ ދެ ދޯނީގެ ވެސް އެއް ފަޅި އެއްކޮށް ރޯވެ ހަރުގޭގެ މަތީގައި ޖަހާފައި ހުރި ޓިނުތަކާ ހަމައަށް އަލިފާންގަނޑު އަރާގައި ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ދެ ދޯނީގެ ތެރެއިން އެއް ދޯންޏަކީ އެ ރަށު ކައުންސިލްގެ އެމްޑީޕީ މެމްބަރެއް ކަމުގައިވާ މުހައްމަދު އަބޫބަކުރުގެ ދޯންޏެއް ކަމަށާއި އަނެއް ދޯންޏަކީ އޭނާގެ ދޯންޏެއް ކަމަށް ޖުމްހޫރީ ޕާޓީގެ މެމްބަރު ހުސެއިން އަލީ ވިދާޅުވި އެވެ.

ދެ ދޯންޏަށް ލިބުނު ގެއްލުން ގާތްގަނޑަކަށް އެއްލައްކަ ރުފިޔާ އަށް އަރާނެ ކަމަށާއި އަލުން ދޯނި މަރާމާތު ކުރުމަށް ބޮޑު ހަރަދެއް ހިންގާނެ ކަމަށް ވެސް އެނާ ވިދާޅުވި އެވެ.