އައްޑޫ ސިޓީގައި މަސްތުވާތަކެތި ގެންގުޅުނު މީހަކު ފަސް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މަސްތުވާތަކެތި ބޭނުންކުރުމަށް ޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގައި ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ ސ. ހިތަދޫ އީޒީރެސްޓް އަހްމަދު ޝަރީފްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ބުނަނީ 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ދިހަ ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އައްޑޫ ސިޓީގެ ހިތަދޫ "ޕެނަލްޓީ ފިހާރަ" ކައިރީ ޝަރީފް ހުއްޓާ ފުލުހުން އޭނާ ހައްޔަރުކޮށް ޗެކްކުރި އިރު އޭނާގެ އަތުގައި ޗުވިންގަމް ކަރުދާހެއް އޮއްވާ ފެނުނު ކަމަށް ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އޭނާގެ އަތުން ފެނުނު އެ ކަރުދާހުގައި ހުރި ތަކެތި ލެބޯޓަރީގައި ތަހުލީލު ކުރި އިރު 0.0121 ގްރާމް އޯޕީއޭޓްސް އާއި 0.0017 ގްރާމް ކެނަބިސް ހުރިކަން ތަހުލީލު ރިޕޯޓުން އެނގޭ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

މަސްތުވާތަކެތި ގެންގުޅުމުގެ ކުށުގައި އޭނާ ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކުރި އިރު މިއީ މަސްތުވާތަކެތީގެ މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރުކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.

ކޯޓުތަކަށް ހުށަހެޅޭ މަސްތުވާތަކެތީގެ މައްސަލަތައް ޝަރީއަތަށް ސާބިތުވާ މިންވަރު އިތުރުވާ ކަން ފާހަގަ ކުރެވެ އެވެ. މި އަހަރުގެ މިހާތަނަށް ވެސް މަސްތުވާތަކެތީގެ ގިނަ މައްސަލަތަކެއް ޝަރީއަތަށް ސާބިތުވެ އެ ކުށްކުރި މީހުން ދިގުމުއްދަތަކަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.