ނ. އަތޮޅު މަނަދޫގައި ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާ އެއްޗެއްސާ އެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.


ފުލުހުން ބުނީ މަނަދޫން ހައްޔަރު ކުރީ އެ ރަށު ފަތިހުގެއަލި، އިލްހާމް އާދަމް 22، އާއި ނަރުގިސްވިލާ، ޢަބްދުލް ހާދީ ޢަބްދުލްކަރީމް 21، ކަމަށެވެ. އެ ދެ މީހުން ވެސް ހައްޔަރުކޮށްފައި ވަނީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ.  


ފުލުހުން ބުނީ އިލްހާމް އާދަމް ހައްޔަރުކުރީ މާލެއިން މަނަދޫއަށް ދިޔަ ބޯޓަކުން އޭނާ މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، އެ ބޯޓު މަނަދު އަށް ދިއުމުން އޭނާގެ ހަށިގަނޑު ފާސްކުރުމަށް ފަހު ކަމަށެވެ. އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް ހުރި ބުލެޓް ސައިޒްގެ ފަސް ޕެކެޓާއި، ފަސް ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ވެސް ބުޏެވެ. ފުލުހުން ބުނީ އިލްހާމްގެ ކުޑަކަމުދާތަކެތި ޓެސްޓުކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އޯޕީއައި އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.


މަނަދޫ އަބްދުލްހާދީ ޢަބްދުލްކަރީމް ހައްޔަރު ކުރީ އެ ރަށުގައި މަސްތުވާ ތަކެތި ގެންގުޅޭ ފަރާތްތައް ހޯދަން ހިންގި އޮޕަރޭޝަނެއްގަ އެވެ. ހާދީއާ މެދު ތުހުމަތު ކުރެވިގެން ހައްޔަރުކޮށް ޗެކްކުރިއިރު އޭނާގެ އަތުން ވެސް މަސްތުވާތަކެތީގެ  ބާވަތަކަށް ތުހުމަތު ކުރެވޭ އެއްޗެއް ފެނިފައިވެ އެވެ. އޭނާ ޕޮޒިޓިވް ވެފައި ވަނީ ޓީއެޗްސީ އަށެވެ.