އައްޑޫ ލިންކްރޯޑްގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ބަހެއްގެ ދަށުވެ ބޮލުގެ ނާށިގަނޑުގެ ފުއްކިބަ ފަޅައިގެން ގޮސް، ސީރިއަސް ހާލަތުގައި އޮތް ޒުވާނާ އަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިރޭ މަރުވެއްޖެެ އެވެ. އެކަން އެ ޒުވާނާގެ އާއިލާއިން ސަންއަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ެއެކްސިޑެންޓްގައި ބޯ ފަޅައިގެން ގޮސް އަތްފައި ބިނދިފައިވާ ސ. ފޭދޫ ޒުމަރަދުގެ، މުހައްމަދު ޝިފާޒު 22،ގެ ދައްތަ ފާތުމަތު ދީދީ ސަންއަށް މައުލޫމާތު ދެމުން ބުނީ ކޮއްކޮ މަރުވެފައި ވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް މިރޭ 8:30 އެހާކަންހާއިރު ކަމަށެވެ. ނަމަވެސް ކޮއްކޮގެ މަރާ ބެހޭ ތަފްސީލެއް ދިނުމަށް އޭނާ ދެކޮޅު ހެދި އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޑޮކްޓަރަކާއި ނަރުހެއްގެ އެހީތެރިކަމާ އެކު މާލެ ގެނައުމަށް އައްޑޫ ސިޓީ، ގަމުން، މޯލްޑިވިއަން ފުލައިޓަށް ޝިފާޒު އެރުވީ މިއަދު މެންދުރު ފަހު 1:15 އެހާކަންހާއިރު އެވެ. ނަމަވެސް ޝީފާޒުގެ ހާލު ސީރިއަސް ކަމުން ފުލައިޓް ނުފުރި ގަޑިއެއްހާއިރު ގައުމުގައި މަޑުކުރަންޖެހުނު ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުންޏެވެ. ޝިފާޒަށް އިތުރު ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް އޭނަ ގެނެވުނުނީ މިއަދު ހަވީރު 5:00 ޖެހި ފަހުންނެވެ.

އައްޑޫ ސިޓީ ހިތަދުއަށް ދުއްވާފައި ދަނިކޮށް އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް ކަމަށް ފުލުހުން ބުނީ މަރަދޫއާ ދިމާލުން ހިތަދުއަށް ބަހަކާއި ސައިކަލެއް ދަތުރު ކުރަމުން ދަނިކޮށް، ލިންކުރޯޑްގެ ވަކި ހިސާބެއްގައި ޓްރެފިކް ފުލުހުންގެ ވެހިކަލް ޗެކް ޕޮއިންޓް (ވީސީޕީ) ޖަހާފައި ވަނިކޮށް ސައިކަލް ކުއްލިއަކަށް އަނބުރާލާފައި މަރަދޫއާވީ ގޮޅަށް ދާން އުޅެނިކޮށް ބަހުގެ ދަށުވެ، އެކްސިޑެންޓްވީ ކަމަށެވެ. އެ އެކްސިޑެންޓްގައި ޝިފާޒަށް ސީރިއަސް އަނިޔާތަކެއް ލިބުނު އިރު އޭނާ ދުއްވި ސައިކަލް އޮތި ފުޑުފުޑުވެފަ އެވެ.