02 Mar 2013, 17:57
އައްޑޫ ސިޓީ ހިތަދޫގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ބަހެއްގެ ދަށުވެ، ބޮލުގެ ފުއްކިބަ ފަޅައިގެން ގޮސް، ހަށިގަނޑުގެ ގިނަ ތަންތަނަކަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ޒުވާނާ މިއަދު މާލެ ގެނެސް އައިޖީއެމްއެޗު ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.
އެކްސިޑެންޓްގައި ސީރިއަސް ޒަހަމްތަކެއް ލިބުނު ސ. ފޭދޫ ޒުމަރަދުގެ، މުހައްމަދު ޝިފާޒު މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފެށީ މިއަދު ހަވީރު 5:00 ޖަހަން އުޅެނިކޮށެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޑޮކްޓަރަކާއި ނަރުހެއްގެ އެހީތެރިކަމާ އެކު އައްޑޫ ސިޓީ، ގަމުން، މޯލްޑިވިއަން ފުލައިޓަށް ޝިފާޒު އެރުވީ މިއަދު މެންދުރު ފަހު 1:15 އެހާކަންހާއިރު އެވެ. ނަމަވެސް ޝީފާޒުގެ ހާލު ސީރިއަސް ކަމުން ފުލައިޓް ނުފުރި ގަޑިއެއްހާއިރު ގައުމުގައި މަޑުކުރަންޖެހުނު ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުންޏެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މީޑިއާ އަށް މައުލުމާތު ދެއްވާ އަލީ މޫސާ ވިދާޅުވީ ޝިފާޒުގެ ހާލު ވަރަށް "ނާޒުކު" ކަމަށާއި އޭނާގެ ބޮލުގެ ފުއްކިބަ ފަޅައިގެން ގޮސްފައިވާ އިރު، ހަށިގަނޑުގެ ބައެއް ހިސާބުތަކުން ބިންދައިގެން ގޮސްފައިވާ ކަމަށެވެ. އަދި ރޭގެ އެކްސިޑެންޓަށް ފަހު ޝިފާޒުގެ ހެޔެއް ނެތް ކަމަށް މޫސަ ވިދާޅުވި އެވެ.
ރޭގެ އެކްސިޑެންޓުގައި ޝަންގްރިންލާ މުވައްޒަފުން އުފުލާ ބަހެއްގެ ދަށުވެ، ޝިފާޒަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ އިރު އޭނާ ދުއްވި ސައިކަލްގެ ބައިތައް ވަކިވެ، ފުނޑުފުނޑުވެފައިވެ އެވެ.
ފުލުހުން ބުނީ ޝިފާޒު ދުއްވި ސައިކަލަކީ ތަޅު ހަލާކުވެގެން މަރަދޫ ގަރާޖަކަށް ހަދަން ހަވާލުކޮށްފައި ހުއްޓާ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށާއި އެ ސައިކަލެއް ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ ރޭ ދަންވަރު 12:05 އެހާކަންހާއިރު ކަމަށެވެ. އެކްސިޑެންޓް ހިނގާފައި ވަނީ ރޭ 10:20 ގަ އެވެ.
އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް ކަމަށް ފުލުހުން ބުނީ މަރަދޫއާ ދިމާލުން ހިތަދުއަށް ބަހަކާއި ސައިކަލެއް ދަތުރު ކުރަމުން ދަނިކޮށް، ލިންކުރޯޑްގެ ވަކި ހިސާބެއްގައި ޓްރެފިކް ފުލުހުންގެ ވެހިކަލް ޗެކް ޕޮއިންޓް (ވީސީޕީ) ޖަހާފައި ވަނިކޮށް ސައިކަލް ކުއްލިއަކަށް އަނބުރާލާފައި މަރަދޫއާވީ ގޮޅަށް ދާން އުޅެނިކޮށް ބަހުގެ ދަށުވެ، އެކްސިޑެންޓްވީ ކަމަށެވެ.