02 Mar 2013, 17:06
އުމުރުން 15 އަހަރުގެ ކުއްޖަކު ޒިނޭކޮށްފައިވާ ކަމަށް ޝަރީއަތުގައި އިއުތިރާފްވުމުން އެ ކުއްޖާގައިގައި ހައްދު ޖެހުމަށް ކޯޓުން ހުކުމް ކޮށްފައިވީ ނަމަވެސް އެ ކުއްޖާ އަށް އެހެން ފަރާތަކުން ކޮށްފައިވާ ޖިންސީ އަނިޔާތަކުގެ ސަބަބުން އަމިއްލަ ނިންމުމެއް ނިންމިދާނެތޯ ސުވާލު އުފެދޭ ކަމަށް ބުނެ އެހުކުމާ މެދު މެދު ޕީޕީއެމް އިންވެސް ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޕީޕީއެމްގެ އަންހެނުން ގޮފީގެ ރައީސް އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫނު މިއަދު ވިދާޅުވީ އުމުރުން 15 އަހަރުގެ ކުއްޖާ އަށް އެ ކުއްޖާގެ ދޮންބައްޕަގެ ފަރާތުން ލިބިފައިވާ ޖިންސީ އަނިޔާތަކުގެ ސަބަބުން ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވެފައިވާނެ ކަމަށާއި އެހެން ކަމުން އެހެން މީހަކާ އެކު ޒިނޭކުރި ކަމަށް އެ ކުއްޖާ އިއުތިރާފްވެ އަދަބު ލިބިގަންނަން ބުނި ނަމަވެސް އެއީ އެކުއްޖާ އަމިއްލަ އަށް ނިންމާފައިވާ ނިންމެއްތޯ ބަލަން ޖެހޭނެ ކަމަށް ދުންޔާ ވިދާޅުވި އެވެ.
"ކުއްޖާގެ އަމިއްލަ އިއުތިރާފުން ކުށްމި ސާބިތުވަނީ. އެހެން ނަމަވެސް ކުޑަކުޑަ ކުއްޖެ މީހެއްގެ އެބިއުޒްގައި މި އުޅެނީ. ޖިންސީ ގޮތުން ގޯނަ މި ކުރަނީ. އެއިން އަންނާނެ ނަފްސާނީ އެތައް ގެއްލުންތަކެއް ވެސް، އެހެންވީމަ އެ ކުއްޖާގެ އަމިއްލަ ފުރިހަމަ ނިންމުމެއް ނިންމާނެ ބާ އޭ އެއީ. އިއުތިރާފްވާއިރު ވެސް އެ ކުއްޖާގެ އަމިއްލަ ވިސްނުން ހުންނާނީ ކިހިނެއް ބާ އޭ. އަދި އަދަބަކާ ކުރިމަތިލާން ބޭނުންވެގެން ބުނި ކަމުގައިވީ ނަމަވެސް އެ ކުއްޖާގެ މެންޓަލް ހާލަތު ނުވަތަ ނަފްސާނީ ގޮތުން ކިހާ ރަނގަޅު ހާލަތެއްގައިތޯ ސުވާލުކޮށް ބަލަން ޖެހޭ ކަންނޭނގެ،" މިއަދު މެންދުރު ފަހު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދުންޔާ ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ ވިދާޅުވި ގޮތުގައި ކުޑަކުދިނަށް ހިމަޔާތާއި ރައްކާތެރިކަން ދޭން އޮތް ނިޒާމް ފެއިލްވަމުން ގޮސް އޭގެ ސަބަބުން ކުޑަކުދިނަށް ޖިންސީ ގޮތުންނާއި ނަފްސާނީ ގޮތުން ލިބޭ އަނިޔާތައް މިހާރު ދަނީ އިތުރުވަމުންނެވެ. މީގެ އިތުރުން ދުންޔާ ވަނީ ޖިނާއީ ބޮޑެތި ކުށްތައް ކުރާ މީހުނަށް ޝަރީއަތުން އެމީހުނަށް ދޭން ޖެހޭ އަދަބު ލިބެމުންދާ ކަމާ މެދު ސުވާލު އުފެދަވައިފަ އެވެ.
އުމުރުން 15 އަހަރުގެ ކުއްޖާގެ މައްޗަށް ޒިނޭ ކުރިކަން ސާބިތުވެ، އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ގޮތަށް ހައްދު ޖެހުމަށް ޝަރީއަތުން ހުކުމްކޮށްފައި ވަނީ އެ ކުއްޖާ ހިލޭ ފިރިހެނަކާ އެކު ޒިނޭކޮށްފައިވާ ކަމަށް ފުލުހުންގެ ތަހްގީގު އާއި ޝާރީއަތުގައި ގާޒީގެ ކުރިމަތީ އިއުތިރާފް ވުމުންނެވެ. ފަނަ އަހަރު ކުއްޖާ ޒިނޭކޮށްފައިވާ ކަމަށް ބުނެ އެ ކުއްޖާގެ މައްޗަށް ދައުލަތުން އުފުލި ޒިނޭގެ ދައުވާގެ ޝަރީއަތުގައި އެކުއްޖާ ބުނެފައި ވަނީ އޭނާ ތައުބާވެ އިސްލާމް ދީނުގައި އެކަމަށް ކަނޑައަޅާފައިވާ އަދަބު ލިބިގަންނާން ބޭނުންވާ ކަމަށެވެ.