ގާތްގަނޑަކަށް 6000 މީހުންގެ އާބާދީއެއް އޮންނަ ޅ. ނައިފަރަކީ ތޮއްޖެހިފައިވާ އިޖުތިމާއީ މައްސަލަތައް ގިނަ ރަށެކެވެ. ނަމަވެސް އެ ރަށަކީ ޒަމާނީ ތަރައްގީ އާއި ތަހުޒީބު ރާއްޖެ އަށް އައި އިރު އެންމެ ފުރަތަމަ އެކަންތައްތައް ލިބިގަތް އެއް ރަށެވެ.

ސްކޫލް ނިންމާފައި ނުކުތް 10 ވަރަކަށް ޒުވާނުންގެ އިސްނެގުމާ އެކު 2000 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރަޖިސްޓްރީ ކުރި ނައިފަރު ޖުވެނައިލް މިހާރު ވެފައި ވަނީ ނައިފަރު ޒުވާނުންނަށް އާ ދިރުމެއް ގެނެސްދޭ ޖަމިއްޔާއަކަށެވެ.

މިހާރު 200 އަށް ވުރެ ގިނަ މެމްބަރުންނާއި ފުލްޓައިމް މުވައްޒަފުންނާއި އެކު ހިންގަމުން އަންނަ އެޖަމިއްޔާ އިން ވަނީ އިޖުތިމާއީ ހިދުމަތުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފަ އެވެ.

އެންމެ ފަހުން ނައިފަރުގައި ހުޅުވި ކޮމިއުނިޓީ ޕާކް "ޓައިނީ ފީލްޑް" އަކީ ޖުވެނައިލްގެ އަގުހުރި ހިދުމަތްތަކުގެ ނަމޫނާއެކެވެ.

ބައިމިލިޔަން (500،000) އަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ބިނާކުރި އެ ޕާކުގައި ސީސޯއަކާއި ސްވިންގްތަކުގެ އިތުރުން ކުޑަ ޓާފް ދަނޑަކާއި ކުޅޭ ކާރު ދުއްވާނެ ޓްރެކެއް އޮވެ އެވެ. އޭގެ އިތުރުން ކުޑަކުދިންގެ ކުޅޭ ގެއަކާއި ކާބޯތަކެތި ވިއްކާ ހަޓަކާއި އިށީންނާނެ ގޮނޑިތައް ވެސް އެތާނގައިވެ އެވެ.

ޖުވެނައިލްގެ ވައިސް ޗެއާޕާސަން މުހައްމަދު އަހުމަދު ވިދާޅުވީ އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ އެޕާކަކީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާ އެކު ހިންގުނު ކާމިޔާބު މަޝްރޫއެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މިޝްރޫއަށް އެހީތެރިވެދެއްވީ ކުރެއްދޫ އައިލެންޑް ރިޒޯޓާއި ނައިފަރުގެ ބައެއް ވިޔަފާރިވެރިން، އަދި ޔޫއޭއީގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއްގެ އެހީތެރިކަން ވެސް މިކަމަށް ލިބުން،" މުހައްމަދު ވިދާޅުވި އެވެ.

އިޖުތިމާއީ ގިނަ މަޝްރޫއުތަކަކާއި ތިމާވެށީގެ މަޝްރޫއުތަކެއް ވެސް ހިންގަމުން އަންނަ ނައިފަރު ޖުވެނައިލްއަށް އެހީތެރިވެދޭ ފަރާތްތަކަކީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް( ޔޫއެންއޯޑީސީ) އާއި ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ) އާއި ވޯލްޑް ބޭންކާއި ކެނޭޑިއަން އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް އެޖެންސީ އާއި އެމެރިކާ އެމްބަސީއާއި ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑެވެ.

ރާއްޖޭގެ އެންމެ ހަރަކާތްތެރި އެންޖީއޯގެ މަގާމު 2008 ވަނަ އަހަރު ލިބުނު ޖުވެނައިލް އިން މިހާތަނަށް ހިންގާފައިވާ އިޖުތިމާއީ ހަރަކާތްތަކުގެ ތެރޭގައި ކުނި ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް މުޖުތަމައު ހޭލުންތެރި ކުރުވުމާއި މަސްތުވާތަކެތިން ޒުވާނުން ދުރުކުރުމުގެ ހަރަކާތްތަކާއި މަދުރަސަތުލް އިފްތިތާހު އަދި ނޫރާނީ ޕްރީ ސްކޫލަށް އެހީތެރިވުން ހިމެނެ އެވެ.