ވިޔަފާރިއަށް ކުރާ މަސްވެރިކަމުގައި އަހަރަކު 100 މިލިއަން މިޔަރު މަރާލާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

މިހާތަނަށް މިޔަރުގެ މަސްވެރިކަމާ ގުޅޭ ގޮތުން ހަދާފައިވާ އެންމެ ފުޅާ ދިރާސާ އިން ދައްކާ ގޮތުގައި ވިޔަފާރީގެ ބޭނުމަށް މިޔަރު ބާނާ މިންވަރު އުޅެނީ ޅަ މިޔަރު ބޮޑުވެ، މިޔަރުގެ ސްޓޮކްތައް އަލުން ގިނަވާން ފުރުސަތު ލިބޭ ވަރަށް ވުރެ މަތީގަ އެވެ.

ޖާނަލް މެރިން ޕޮލިސީގައި ޝާއިއުކޮށްފައިވާ މިދިރާސާ އިން ދައްކާ ގޮތުގައި މިޔަރުގެ މަސްވެރިކަމަށް އެންމެ ޑިމާންޑް ބޮޑީ ޗައިނާގަ އެވެ. އެއީ ޗައިނާގައި މިޔަރު އުރަހަ ބޭނުންކޮށްގެން ތައްޔާރުކުރާ ސޫޕަށް އޮންނަ މަގުބޫލުކަން ބޮޑު ވުމުން ނެވެ.

މިދިރާސާއާ ބެހޭ ގޮތުން މައުލޫމާތު ދެމުން އެމެރިކާގެ ސްޓޯނީ ބުރޫކު ޔުނިވާސިޓީގެ ޑރ. ޑެމިއަން ޗެޕްމަން ވިދާޅުވީ މިޔަރުގެ މަސްވެރިކަމާ ބެހޭ މައުލޫމާތާއި ތަފާސް ހިސާބު އެއްކުރުމަކީ އުދަނގޫ ކަމެއް ކަމަށެވެ.

"މިޔަރުގެ ޑޭޓާ އެއްކުރުމަކީ އުދަނގޫ ކަމެއް. މައުލޫމާތުގެ ސައްހަ ކަމާ މެދު އަބަދުވެސް ސުވާލު އުފެދޭ. މިޔަރު ބާނާ ގިނަ މަސްވެރިން އުރަހަ ކަނޑާލުމަށް ފަހު މިޔަރު އެއްލާލަނީ. މިފަދަ ގޮތަކަށް ބާނާފައި އެއްލާލެވޭ މިޔަރުތައް ރިޕޯޓެއް ނުކުރޭ،" ޑރ. ޗެޕްމަން ވިދާޅުވި އެވެ.

މިދިރާސާއާ ހަވާލާދީ ސައެންސްވެރިން ބުނާ ގޮތުން މިޔަރަކީ އޭގެ އުމުރުގެ ފަހު ދުވަސްތަކުގައި ދަރިމައިވާ އެއްޗެއް ކަމުން، މިހާ ގިނަ އަދަދެއްގެ މިޔަރު އަހަރެއްގެ ތެރޭ ބާނާ ކަމަށްވާ ނަމަ، މިޔަރު ސްޓޮކްތައް އަލުން އިއާދަވުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެން ދެ އެވެ.

މަޔަރު ބޭނުމަށް ފަހު މިޔަރުގެ އުރަހަ ކަނޑާލާ، މިޔަރު އެއްލާލުން މަނާކޮށްފައި ވުމުން، މިހާރު މަސްވެރިން ކުރާ ކަމަކީ މިޔަރު އެއްކޮށް ބާނައިގެން އެއްގަމަށް ގެނައުން ކަމަށާއި އުރަހަ ކަނޑުގައި ކެނޑުން މަނާކުރުމުން މިޔަރު ބާނާ މިންވަރު ދަށަށް ގޮސްފައި ނުވާ ކަމަށް މިދިރާސާ އިން ދައްކަ އެވެ.

މާދަމާ ބެންކޮކުގައި ކޮނެވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީސް (ސައިޓްސް)ގެ ބައްދަލުވުމެއް ފެށުމަށް ހަމަޖެހިފައިވާ އިރު، މިބައްދަލުވުމުގައި ދުނިޔޭގެ 178 ގައުމަކުން ބައިވެރިވާނެ އެވެ. މިބައްދަލުވުމުގައި ނެތިދިއުމުގެ ބިރު ހީވެފައިވާ ފަސް ވައްތަރެއްގެ މިޔަރު ބޭނުން މަނާކުރުމާ ގުޅޭ ޕްރޮޕޯޒަލްތަކެއް ހުށަހަޅާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.